ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ނިންމުމުން، ސަރުކާރަށް ތާއީދު ކުރާ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގެ އިހުތިޖާޖު ކުރައްވަމުން އެބަ ގެންދަވައެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓަށް އަހަން ތާވަލުކޮށްފައި އޮތީ 1:30 އަށެވެ.
މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު "ވަން" އަށް ދެންމެ ވިދާޅުވީ ޖަލްސާ ފެށުން ލަސްވެފައި ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމް ޕީއެންސީގެ މެންބަރުން މިވަގުތު މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރައްވަމުން ގެންދަވާތީ ކަމަށެވެ.
ޒިޔާއު ވަނީ ބައެއް މެންބަރުންނަށް ނުވަދެވޭ ގޮތަށް މަޖިލިސް ތަޅުލި ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވައިފައެވެ.
މިއަދު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމައިފައެވެ. އެގޮތުން އެމްޑީޕީން ނިންމީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭށެވެ.
ދަ ޑިމޮކްރެޓްސް އިންވެސް ވަނީ ބަންޑާރަ ނައިބު އުޝާމާއި އިސްލާމިކް މިނިސްޓަރު ޝަހީމާއި ހައުސިން މިނިސްޓަރު ހައިދަރަށް ރުހުން ނުދޭން ނިންމައިފައެވެ. ދަ ޑިމޮކްރެޓްސް އިން ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ވެސް ރުހުން ނުދޭން ނިންމާފައިވާ އިރު، އެ ޕާޓީން ވަނީ ސައީދަށް ރުހުން ދޭން ނިންމައިފައެވެ.
ޑިމޮކްރެޓްސް އާއި އެމްޑީޕީން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައިވާ އިރު، މަޖިލިސް ބޭރުގައިވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ވަޒީރުންނަށް ރުހުން ދިނުމަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ.
ޑިމޮކްރެޓްސް އާއި އެމްޑީޕީން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައިވާ އިރު، ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު، ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ފަރާތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު ސަލީމް ވިދާޅުވީ، ގާނޫނު އަސާސީގައި ބުނާ ވަޒީރުންގެ ފުރިހަމަ ވާން ޖެހޭނެ ކަމަށް ބުނާ ޝަރުތު ތަކަކީ އާދައިގެ ޝަރުތުތަކެއް ކަަމަށާއި، މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމުގައި އެ ވަޒީރަކީ އޭނާއާ ހަވާލުކުރާ މަސައްކަތްތައް ކުރުމުގެ ލަޔާގަތާއި ގާބިލުކަން ހުރި ވަޒީރެއްތޯ ބަލަން ޖެހޭ ކަމަށެވެ. އެ މައްސަލަ ދިރާސާ ކުރި ކޮމެޓީން އެކަން ބަލާފައި ނުވާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ޑިމޮކްރެޓްސްގެ ފަރާތުން ވާހަކަދެއްކެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، ބައެއް ވަޒީރުންނަށް އެ ޕާޓީން ރުހުން ނުދޭން ނިންމާފައިވާ ކަމަށެވެ. އޭނާ ވަނީ މަޖިލިސް މެންބަރުން ގަންނަން ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ތުހުމަތު ކުރައްވައިފައެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި ޖޭޕީގެ ލީޑަރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، ވަޒީރުންނަށް ރުހުން ނުދިނުމަކީ ގައުމު ހަލާކުކޮށްލުން ކަމަށާއި އެއީ އަމިއްލަ އެދުން ކުރިއަށް ނެރުން ކަމަށެވެ. ވަޒީރުން ރުހުން ނުދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެ، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރުވެސް ވަނީ ވާހަކަދައްކަވައިފައެވެ. ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުވެސް ވަނީ ވަޒީރުންނަށް ރުހުން ދެއްވުމަށް ގޮވާލައްވައިފައެވެ. މަހިބަދޫ ދާއިރާގެ މެންބަރު، އަހުމަދު ތޯރިގު ވިދާޅުވީ، މީގެ ކުރީން ހުރިހާ ސަރުކާރެއްގައިވެސް ވަޒީރުންނަށް ރުހުން ދީފައިވާ ކަމަށާއި، ޕީޕީއެމް އިދިކޮޅުގައި އޮތް އިރުގައިވެސް، އެމްޑީޕީގެ ވަޒީރުންނަށް ރުހުން ދެއްވި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު