ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިގޮތަށް ވިދާޅުވެފައި މިވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގުރޫޕުން ނިންމުމާ ގުޅިގެންނެވެ.
ނައިބު ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސަކު އިހުތިޔާރުކުރައްވާ ވަޒީރުންނަށް ރުހުން ޑިމޮކްރެސީގެ އެންމެ ރިވެތި ހަމަ ކަމަށެވެ.
"ޑިމޮކްރެސީގެ އެންމެ ރިވެތި ހަމައަކީ ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރުކުރައްވާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުން. މިކަމާ ދެކޮޅަށް ބައެއް ޕާޓީތަކުން ދައްކަވާ ހުއްޖަތްތަކަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް ގަބޫލުކުރަން،" ނައިބު ރައީސް ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސްގެ އިތުރުން އެމްޑީޕީންވެސް ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމައިފައެވެ. އެ ދެ ޕާޓީންވެސް ވަނީ ސަރުކާރު ޖަވާބުދާރީ ކުރުމަށް މަޖިލީހުގައި ގުޅިގެން މަސައްކަތް ކުރުމަށް ނިންމައިފައެވެ.
އެގޮތަށް ދެ ޕާޓީން ނިންމާފައިވާ އިރު، ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު، ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކަމަށް ބަހުސްކޮށް މިހާރު ވަނީ ނިމިފައެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ އެ މައްސަލަ ދިރާސާކުރި، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓިގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހެވެ.
ބަހުސްގައި އެމްޑީޕީގެ ފަރާތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު ސަލީމް ވިދާޅުވީ، ގާނޫނު އަސީގައި ބުނާ ވަޒީރުންގެ ފުރިހަމަ ވާން ޖެހޭނެ ކަމަށް ބުނާ ޝަރުތު ތަކަކީ އާދައިގެ ޝަރުތުތަކެއް ކަަމަށާއި، މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމުގައި އެ ވަޒީރަކީ އޭނާއާ ހަވާލުކުރާ މަސައްކަތްތައް ކުރުމުގެ ލަޔާގަތާއި ގާބިލުކަން ހުރި ވަޒީރެއްތޯ ބަލަން ޖެހޭ ކަމަށެވެ. އެ މައްސަލަ ދިރާސާ ކުރި ކޮމެޓީން އެކަން ބަލާފައި ނުވާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ޑިމޮކްރެޓްސްގެ ފަރާތުން ވާހަކަދެއްކެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، ބައެއް ވަޒީރުންނަށް އެ ޕާޓީން ރުހުން ނުދޭން ނިންމާފައިވާ ކަމަށެވެ. އޭނާ ވަނީ މަޖިލިސް މެންބަރުން ގަންނަން ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ތުހުމަތު ކުރައްވައިފައެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި ޖޭޕީގެ ލީޑަރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، ވަޒީރުންނަށް ރުހުން ނުދިނުމަކީ ގައުމު ހަލާކުކޮށްލުން ކަމަށާއި އެއީ އަމިއްލަ އެދުން ކުރިއަށް ނެރުން ކަމަށެވެ.
މި މައްސަލައަށް ބަހުސްކޮށް ނިމުމުން މަޖިލިސް ރައީސް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަށް މިއަދު 1:30 ގައި ވޯޓަށް އައްސަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު