ފުވައްމުލަކު ސިޓީގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ގެނައުމަށް، ގދ. ގައްދޫގައި ބޭނުން ނުކޮށް ހުރި ޖަނަރޭޓަރެއް ގެންދަން އުޅުމުން، އެރަށު ބަޔަކު ނުކުމެ، ޖަނަރޭޓަރު ބަލައި ދިޔަ ފެނަކަގެ ދޯނީގެ ފަޅުވެރީންނަށް ބިރު ދައްކައިފިއެވެ.

ފުވައްމުލަކަށް ކަރަންޓު ދިނުމަށް ބޭނުން ކުރާ ހަތް ޖަނަރޭޓަރު ސެޓްގެ ތެރެއިން 800 ކިލޯވޮޓްގެ ޖަނަރޭޓެއް ހަލާކުވީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. އެހެންވެ، އޭގެ ފަހުން ފުވައްމުލަކު ސިޓީން ލޯޑް މަތިވާ ގަޑިތަކުގައި ކަރަންޓު ކަނޑަން ވަނީ ޖެހިފައެވެ.

ފެނަކައިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ފުވައްމުލަކު ލޯޑް މަތިވާ ގަޑިތަކުގައި ކަރަންޓު ކަނޑަން ޖެހޭނެތީ، ގައްދޫގައި އިންސްޓޯލް ނުކޮށް، އިންޖީނުގެއަށް ވެސް ނުވައްދައި ހުރި، 800 ކިލޯވޮޓްގެ ޖަނަރޭޓަރެއް ފުވައްމުލަކަށް ގެންދިޔުމުގެ މަސައްކަތް މިދިޔަ މަހުގެ 12 ވަނަ ދުވަހު ފެށި ކަމަށެވެ.

"ނަމަވެސް ގައްދޫގައި ހުރި އިންސްޓޯލް ނުކުރާ ޖަނަރޭޓަރު ސެޓް އެހެން ރަށަކަށް ގެންގޮސްފިނަމަ އެރަށުގެ އާންމު މަސްލަހަތު ގެއްލިދާނެ ކަމަށް އެކި ފަރާތްތަކުން މެނޭޖްމަންޓަށް ގުޅައި ޝަކުވާ ކުރުމުން އަދި ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރުމުން މި ކުންފުންޏަށް އެ މަސައްކަތް ހުއްޓާލަން ޖެހުނެވެ. އަދި މިކަހަލަ ހާލަތްތަކުގައި ކުންފުނިން އަމަލު ކުރާ އިމަޖެންސީ ޕްރޮކިޔުމަންޓްގެ ދަށުން 800 ކިލޯވޯޓްގެ ޖަނަރޭޓަރު ސެޓެއް ހޯދުމުގެ މަސައްކަތް ފެށުނެވެ. ނަމަވެސް ރާއްޖޭގައި މިވަގުތު މި ބޭނުންވާ ސައިޒްގެ ޖެނެރޭޓަރު ސެޓެއް ވިއްކަން ނެތުމުން، ފުވައްމުލަކުގެ ކަރަންޓު ހާލަތަށް ހައްލެއް ނުގެނެވި ދިގުލައިގެން ދިޔައެވެ،" ބަޔާނުގައިވެއެވެ.

ފެނަކައިން ބުނީ ފުވައްމުލަކަށް އަވަސް ހައްލެއް ހޯދުމަށް ގައްދޫގައި ހުރި ޖެނެރޭޓަރު، ފުވައްމުލަކަށް ފޮނުވުމުގައި އެއްބާރުލުން ދިނުމަށް އެދި ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝަވަރާ ކުރެވުނު ކަމަށެވެ. އިމަޖެންސީކޮށް ހޯދާ 800 ކިލޯވޮޓް ޖެނެރޭޓަރު ގައްދޫއަށް ގެންދާ ގޮތަށް، މިހާރު ގައްދޫގައި ހުރި 800 ކިލޯވޮޓް ޖެނެރޭޓަރު ފުވައްމުލަކަށް ގެންދަން ނިންމުނު ކަމަށާއި މިކަން ގދ. ބްރާންޗްގެ ފެނަކަ އޮފީހަށް ލިޔުމުން އެންގި ކަމަށެވެ.

ފެނަކައިން ބުނީ ގައްދޫގައި މި ވަގުތު އިންސްޓޯލް ކޮށްފައި ހުރި ޖަނަރޭޓަރުތަކުން އެ ރަށަށް ފުރިހަމައަށް ކަރަންޓު ދެވޭ ކަމަށެވެ.

"ނަމަވެސް މި ޖެނެރޭޓަރު ސެޓް ފުވައްމުލަކު ސިޓީއަށް ގެންދިޔުމަށްޓަކައި މި ކުންފުނިން ހިފި އުޅަނދެއް ފޮނުވުމުން ގައްދޫ ރައްޔިތުން ތެރެއިން މަދުބަޔަކު ނުކުމެ އިހުތިޖާޖުކޮށް، މި ކުންފުނިން ފޮނުވި އުޅަނދުގެ ފަޅުވެރިންނަށް ވަނީ ބިރުދައްކައިފަ. މި ކުންފުނިން ދެކޭގޮތުގައި، މި ކުންފުނިން ދޭ ހިދުމަތަށް ބުރޫ ނާރާނޭ ގޮތަށް މި ކުންފުނީގެ ހަރުމުދަލެއް ކުންފުނިން ހިދުމަތް ދޭ ބްރާންޗުން އެހެން ބްރާންޗަކަށް ބަދަލުކުރުމުގެ އިހުތިޔާރު މި ކުންފުންޏަށް އޮންނަން ޖެހޭނެ،" ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ ފުވައްމުލަކަށް ދިމާވެފައިވާ ދަތި ހާލަތުގައި، އެ ސިޓީގެ އެތައް ރައްޔިތުންނެއް ތަކުލީފު އުފުލާ އިރު، އެކަން އެންމެ އަވަހަށް ހައްލުކުރުމުގެ މަގު ކުންފުންޏަށް ފަހިވާން ޖެހޭނެ ކަމަށެވެ. ކުންފުނިން އަދިވެސް މަސައްކަތް ކުރަމުން އަންނަނީ ގުޅުން ހުރި ފަރާތްތަކާ ވާހަކަ ދައްކައި، ސުލްހަވެރިކަމާ އެކު ގައްދޫގައި ހުރި 800 ވޯޓް ޖެނެރޭޓަރު ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް ފެނަކައިން ބުންޏެވެ.