ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއިން ކުޅުނު ހޯމް މެޗުގައި ވިލަރެއާލް ކައިރިން ބަލިވެއްޖެއެވެ.

ބާސާއިން އަމިއްލަ ދަނޑުގައި ރޭ ވިލަރެއާލް އަތުން ބަލިވީ 5-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ބަލިވެ، އެންމެފަހުގެ ޗެމްޕިއަން ބާސާ މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. އެއީ މިވަގުތު އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށްވުރެ 10 ޕޮއިންޓް ފަހަތުގައެވެ.

ބާސާއިން ކޯޗު ޒަވީ ހެނާންޑޭޒްއާއެކު މިދިޔަ ސީޒަނުގެ ލީގު ނެގި ނަމަވެސް، ފަހަކަށް އައިސް އެޓީމުގެ ފޯމު ފެނުނީ ދަށްކޮށެވެ. ސައުދީ އަރަބިއާގައި ކުޅުނު ސްޕެނިޝް ސުޕަ ކަޕް ފައިނަލްގައި ބޮޑު ތަފާތަކުން ރެއާލް އަތުން ބަލިވި އިރު، އޭގެ ފަހުން ދެމެޗުން މޮޅުވި ނަމަވެސް މިދިޔަ ހަފުތާގައި އެތުލެޓިކް ބިލްބާއޯ އަތުން ބަލިވެ ސްޕެނިޝް ކަޕުންވެސް ވަނީ ކަޓައިފައެވެ.

ރެއާލްގެ ބައްޔަށްފަހުވެސް "ފޮށި ތަންމަތި ހިފައިގެން ދާން،" ތައްޔާރަށް ހުރި ކަމަށް ޒަވީ ބުނެފައިވާ އިރު، ރޭގެ ބައްޔާއެކު އޭނާ ވަނީ ރަސްމީކޮށް ކްލަބު ދޫކޮށްލާނެކަން އިއުލާނު ކޮށްފައެވެ. ޒަވީ ބުނީ ބާސާއަށް ބަދަލު ބޭނުންވާ ކަމަށާއި، އެ ކްލަބު ދެކެ ލޯބިވާ ކޯޗެއްގެ ހައިސިއްޔަތުން ޖޫން މަހަށްފަހު ދެން ކޯޗުކަމުގައި ދެމި ނުހުންނާނެ ކަމަށެވެ.

ބާސާގައި ކުޅުންތެރިއެއްގެ ގޮތުގައި 25 ތަށި ހޯދި ޒަވީ، އެ ކްލަބުގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރުއެވެ. އެއީ މާ ބޮޑު ތަޖުރިބާއެއް ނެތިއެވެ. ބާސާގެ ކުރިން ޒަވީ ކޯޗުކަން ކޮށްދިނީ ގަތަރުގެ އަލް ސާދަށެވެ.

ޒަވީއަށް މީޑިއާގެ ޕްރެޝަރުވެސް މި ސީޒަނުގެ ތެރެއިން ބޮޑުވެފައިވާ އިރު، ރޭގެ މެޗަށްފަހު ބުނީ ހުރިހާ އެންމެންވެސް މިހާރު ބޭނުންވަނީ އޭނާ ކްލަބު ދޫކޮށްލަން ކަމަށާއި، މީޑިއާއަށްވެސް ހިތްހަމަ ޖެހުމެއް ލިބޭނީ އޭރުން ކަމަށެވެ.

ރޭގެ މެޗުގައި ވިލަރެއާލްއިން ފުރަތަމަ ދެ ގޯލުގެ ލީޑެއް ނެގި އިރު، އެ ގޯލުތައް ޖެހީ ޖެރާޑް މޮރޭނޯއާއި އިލިއާސް އަހޮމަޗެވެ. އޭގެ ފަހުން ބާސާއިން އިލްކާއި ގުންޑޮގަންއާއި ޕެޑްރީ ޖެހި ގޯލުން ނަތީޖާ ހަމަހަމަކޮށް، އެރިކް ބެއިލީ އަތުން ބައިކޮޅަށް ވަން ގޯލުން ނަތީޖާ އަނބުރާވެސް ލިއެވެ.

އެހެން ނަމަވެސް ވިލަރެއާލް އިން ވަނީ ފަހު 11 މިނެޓުގައި ގޯލުތައް ޖަހައި ނަތީޖާ އަނބުރާލައިފައެވެ. އެ ގޯލުތައް ޖެހީ ގޮންކާލޯ ގުއިޑެސްއާއި އެލެކްސެންޑްރާ ސޯލޯތު އަދި ޖޯސޭ ލުއިސް މޮރާލޭސްއެވެ.