އިންޑިއާގެ އޯލް އިންޑިއާ ފުޓްބޯލް ފެޑަރޭޝަން (އޭއައިއެފްއެފް) އިން ކޯޗަކު ހޯދަން ކުރި އިއުލާނަށް، ބާސެލޯނާގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ކުރިމަތިލި ކަމަށް ދެކެވޭ ވާހަކައަށް ސުވާލު އުފެދިއްޖެއެވެ.
ކުރިން ބާސާއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ޒަވީއަކީ އެ ކްލަބުގެ ކޯޗެއްގެ ގޮތުގައިވެސް މަސައްކަތް ކުރި ލެޖެންޑެކެވެ. ޒަވީ އިންޑިއާގެ ކޯޗުކަމަށް ކުރިމަތިލި ކަމަށް އޭއައިއެފްއެފްގެ ގައުމީ ޓީމުގެ ޑިރެކްޓަރު ސުބަރަތާ ޕައުލް ބުނެފައިވެއެވެ.
ޓައިމްސް އޮފް އިންޑިއާއިން ބުނީ އިންޑިއާގެ ކޯޗުކަމަށް ޒަވީ ކުރިމަތިލި ކަމަށާއި، ފެޑަރޭޝަނުން ޒަވީއަށް ނޫނެކޭ ބުނީ މުސާރަ ބޮޑުވުމުން ކަމަށެވެ. އަދި ސުބަރަތާ ޕައުލްއާ ހަވާލާދީ އެ ނޫހުގައި ބުނީ އިންޑިއާއިން ޒަވީއަށް ބޭނުންވި ނަމަވެސް ޒަވީގެ ކަންކަން ހަމަޖައްސަންވެސް ބޮޑު ހަރަދެއް ހިނގާ ކަމަށެވެ.
އެ ހަބަރުތައް އިއްޔެ އިންޑިއާ ނޫސްތަކުގައި ތިލަވި ނަމަވެސް، ފަބްރީޒިއޯ ރޮމާނޯ ބުނީ އިންޑިއާއާއި ޒަވީއާ ދެމެދު އެއްވެސް ވާހަކައެއް ނުދައްކާ ކަމަށެވެ. އަދި އިންޑިއާގެ ކޯޗުކަމަށް ޒަވީގެ ހުށަހެޅުމެއް މެއިލްވެސް ނުކުރާ ކަމަށް ފަބްރީޒިއޯ ރޭ ވަނީ ބުނެފައެވެ.
ޒަވީގެ ގާތް ފަރާތްތަކާ ހަވާލާދީ ފަބްރީޒިއޯ ރޭ ބުނީ ޒަވީ އިންޑިއާގެ ކޯޗުކަމަށް އެއްވެސް އިރެއްގައި ޝައުގުވެރި ނުވާ ކަމަށެވެ.
ޒަވީ އިންޑިއާގެ ކޯޗުކަމަށް ކުރިމަތިލި ވާހަކަ އިންޑިއާގެ ފެޑަރޭޝަނުން ދެއްކީ، އެ މަގާމަށް ގިނަ ބަޔަކު ޝައުގުވެރި ކުރުވަން ކަމަށްވެސް ބައެއް ނޫސްވެރިން ބުންޏެވެ. އެގޮތުން ސްޕެއިންގެ ނޫސްވެރިއެއް ކަމަށް ފެރާން ކޮރެއާސް ބުނީ އިންޑިއާއިން އެކަން ކުރީ ގަސްދުގައި ކަމަށާއި، ޒަވީގެ ނަން ބޭނުންކޮށްގެން ކޯޗަކު ހޯދަން ފަސޭހަކުރަން މަސައްކަތް ކުރާ ކަމަށެވެ.
ޒަވީ ހެނާންޑޭޒް
ޒަވީ ހެނާންޑޭޒް
ޒަވީ ހެނާންޑޭޒް