ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ އާއި ޕީޕީއެމްގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓްގައި ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން މިއަދު ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވި މެންބަރުންގެ ތެރޭގައި މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވާފައިވާ ގިނަ ބޭފުޅުންތަކެއް ހިމެނިއްޖެއެވެ.

މިއަދު ހެނދުނު 10:00 އިން ފެށި އިންތިހާބުގައި 73 ދާއިރާއަކަށް ކެންޑިޑޭޓުން ކަނޑައަޅަން ވަނީ ވޯޓް ނަގައިފައެވެ. ޕްރައިމަރީގައި 71،000 ވުރެ ގިނަ މީހުންނަށް ވޯޓްލުމުގެ ހައްގު ލިބުނެވެ.

މިހާތަނަށް ވަނީ ގިނަ ދާއިރާތަކެއްގެ ވަގުތީ ނަތީޖާ ސާފުވެފައެވެ. އެގޮތުން، އެ ދާއިރާތަކަށް ޕީޕީއެމް/ޕީއެންސީ ލިބޭނެ ކެންޑިޑޭޓުން ކަށަވަރުވެފައިވާ އިރު، އޭގެ ތެރޭގައި ކުރީގެ ގިނަ މެންބަރުންވެސް ހިމެނެއެވެ.

  • މުހައްމަދު އިސްމާއީލް - ވިލިމާލެ ދާއިރާ
  • އަހްމަދު ނާޒިމް - ދިއްގަރު ދާއިރާ
  • ސައުދުﷲ ހިލްމީ - ތިނަދޫ އުތުރު ދާއިރާ
  • އިބްރާހިމް ރިފާއު - މާފަންނު ދެކުނު ދާއިރާ
  • އިބްރާހިމް ދީދީ - ފޭދޫ ދެކުނު ދާއިރާ
  • އަބްދުލްލަތީފް މުހައްމަދު - ދިއްދޫ ދާއިރާ
  • އިބްރާހިމް ފަލާހް - އިނގުރައިދޫ ދާއިރާ
  • އަސްމާ ރަޝީދު - މާފަންނު މެދު ދާއިރާ
  • އަލީ ފަޒާދު - ފުވައްމުލަކު މެދު ދާއިރާ

އެ މެންބަރުންގެ ތެރެއިން މުހައްމަދު އިސްމާއީލް ފިޔަވާ އެހެން ހުރިހާ މެންބަރުން ޓިކެޓް ހޯއްދެވީ ކުރީން ވެސް އެ މެންބަރުން ތަމްސީލު ކުރެއްވި ދާއިރާ އިންނެވެ.

މިއަދު ބޭއްވި އިންތިހާބުގައި 283 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.