އަންނަ މާޗު މަހު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރާ ކެނޑިޑޭޓުން އައްޔަން ކުރުމަށް މިއަދު ކުރިއަށްދާ ޕްރައިމަރީއާ ބެހޭ އެއްވެސް ޝަކުވާއެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށްވެސް އޮންނާނެ ކަމަށާއި ކިތަންމެ ކުޑަ ޝަކުވާއެއް ހުށަހެޅި ނަމަވެސް އިންސާފުވެރިކަމާއި ދެފުށް ފެންނަ، ހާމަކަން ބޮޑު ގޮތެއްގައި އެ ޝަކުވާއެއް ބައްލަވާނެ ކަމަށް ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީގެ ލީޑަރު ރައީސުލްޖުމްހޫރއިްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް މިއަދު ކުރިއަށް ގެންދާ ޕްރައިމަރީގައި ވޯޓު ލަމުންގެންދާ ސަރަހައްދަށް ވަޑައިގެންނެވުމަށްފަހު މީޑިއާއަށް ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޖުމްލަ ގޮތެއްގައި ވޯޓުލުން އަމާންކޮށް ކުރިއަށްދިޔަ ނަމަވެސް ދެތިން ދިމާލެއްގައި ހަމަނުޖެހުން ހިނގި ކަމަށެވެ. ނަމަވެސް އެކަން ހައްލުކޮށް އިންތިހާބަށް ކުރިމަތި ލެއްވި ހުރިހާ ފަރާތަކަށް ފުރުސަތުދީގެން އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
ދެ ދާއިރާއެއްގައި މައްސަލަ ޖެހިފައިވަނީ، ވޯޓުލާ މީހުންގެ ލިސްޓުގައި ރޭ ހިމެނިފައި ތިބި ބައެއް މީހުންގެ ނަން އުނިކޮށްފައިވުމުން ކަމަށް، ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެފަދަކަމެއް ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ކަމެއް ހިނގާފައިވާނެ ކަމަށް ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އެކަހަލަ ކަމެއް ނުހިނގާނެ، ބޭނުންވަނީ ފްރީ އެންޑް ފެއާ އިލެކްޝަނެއް ބާއްވަން. ދެން ތުހުމަތެއް ޝަކުވާއެއް އޮތިއްޔާ ހަަމަ ހުށަހަޅައިގެން ދެފުށް ފެންގޮތަށް ހަމަހަމަ ކަމާއެކު އެކަން ބަލައިދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވި ނަމަވެސް ވޯޓާސް ލިސްޓުން ބައެއް ނަންތައް އުނި ކުރުމުގެ މައްސަލައިގައި ހެންވޭރު ދާއިރާތަކަށް ވޯޓުލަމުން ގެންދާ މަރުކަޒު ކަމަށްވާ ކަލާފާނު ސްކޫލާއި ހުޅުމާލޭގެ ބައެއް ވޯޓުލާ މަރުކަޒުގައި މައްސަލަ ބޮޑުވެ ހަމަނުޖެހުން ހިންގައި ވޯޓު ފޮއްޓެއް އެއްލާލުމުގެ ހާދިސާއެއްވެސް ވަނީ ހިނގައިފައެވެ.
ރައީސް ވިދާޅުވީ، އަންނަ މަޖިލިސް އިންތިހާބުގައި ސުޕަ މެޖޯރިޓީ އެ ކޯލީޝަނުން ކާމިޔާބު ކުރައްވާނެ ކަމަށާއި މަދުވެގެން މަޖިލީހުގެ 62 ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު