އަންނަ މާޗު މަހު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މަދުވެގެން މަޖިލީހުގެ 62 ގޮޑި ނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް މިއަދު ކުރިއަށް ގެންދާ ޕްރައިމަރީގައި ވޯޓު ލަމުންގެންދާ ސަރަހައްދަށް ވަޑައިގެންނެވުމަށްފަހު މީޑިއާއަށް ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ސަރުކާރުން ސުޕަ މެޖޯރިޓީ ނަގާނެ ކަމަށެވެ.
"މަޖިލީހުގެ ސުޕަމެޖޯރިޓީ ކާމިޔާބު ކުރާނަން، މަޖިލިސް އިންތިހާބުގައި މަދުވެގެން 62 ގޮޑި ނަގާނަން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މަސައްކަތް ކުރައްވަނީ ރައްޔިތުންނަށްޓަކައި ކަމަށާއި ރައްޔިތުންގެ ހައްގުތަކާއި ގައުމުގެ ހައްގުތައް ކުރިއަށް ނެރެގެން ކަމަށެވެ.
"ރައްޔިތުންނަށް ކަންތައްތައް ކޮށްދޭން ވެފައިވާ ވައުދުތައް ފުއްދުމުގައި، ހަފުތާ 14 ގައިވެސް މިއަދާ ހަމައަށް އައި އިރު އަޅުގަނޑުމެން ކަނޑައަޅާފައި ހުރި ހުރިހާކަމެއް ތަރުތީބުގެ ތެރެއިން އެ ދަނީ ހަމަޖައްސަމުން ހާސިލްކޮށްދެމުން، އެހެންވީމާ ރައްޔިތުންނަށް ވެފައިވާ ވައުދުތަކާ އެއްގޮތަށް އެކަންތައް ކޮށްދީ، ރައްޔިތުންގެ އިތުބާރު އަޅުގަނޑުމެނަށް ދެމެހެއްޓޭނެ ކަމަށް މި ބަލަނީ،" ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ރައްޔިތުންގެ ތާއީދާ އެކު މަދުވެގެން މަޖިލީހުގެ 62 ގޮނޑި ނަންގަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެ ކުރިން ބޭއްވި މަޖިލިސް ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ބައެއް ފަރާތްތަކުން އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަކުރާތަން ފެންނަ ކަމަށާއި އެއީ ވަރަށް ދެރަކޮށް ހިނގާ ކަމެއް ކަމަށެވެ. ނަމަވެސް އެންމެންވެސް އެއަށްވުރެ ތަސައްރަފު ފުދެން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އަދި މިފަހަރު ޕީޕީއެމް/ޕީއެންސީ ކޯލީޝަންގެ ތެރެއިން އެފަދަ މަންޒަރެއް ނުފެންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ޕްރައިމަރީގައި ވާދަކުކޮށް ބަލިވާ މީހުން، އިންތިހާބު ކާމިޔާބުކުރާ މީހުންނާއެކު ގުޅިގެން އެންމެން އެއްބައެއްގެ ގޮތުގައި މަސައްކަތްކޮށް، މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް ވެސް މެންބަރުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު