މިހާރު ކުރިއަށްދާ ޕޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ މަޖިލިސް ޕްރައިމަރީ އިންތިހާބާ ގުޅިގެން ހެންވޭރު ދަނޑު ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލިގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މަޖީދީ މަގުގައި އިރުން ހުޅަނގަށް ހަތަރު ފުރޮޅުލީ އުޅަނދަށް ނުވަދެވޭ ގޮތަށް، ޖަނަވަރީ މަގާ ހަމައަށް ބަންދުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދަށް އަމަލުކުރުމަށް އިލްތިމާސްކޮށް، އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ފުލުހުން މާފަށް އެދިފައިވެއެވެ.

ޕީޕީއެމް ޕީއެންސީ ޕްރައިމަރީގެ އެންމެ ގިނަ ވޯޓު ފޮށި ބަހައްޓާފައިވަނީ ހެންވޭރު ދަނޑުގައެވެ. އެ ތަނުގައި ބަހައްޓާފައި ހުރީ އަތޮޅުތެރޭގެ މީހުން ވޯޓުލާ ފޮށިތަކެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ފަރާތުން ރައްޔިތުންގެ މަޖިލިސް އިންތުހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 10:00 ގައެވެ. މިއަދު ހަވީރު 5:00 އާ ހަމައަށް ވޯޓު ލުން ކުރިއަށް ދާނެއެވެ.