މިއަދު ކުރިއަށްދާ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ބައެއް ވޯޓުލާ މަރުކަޒުތަކުގައި މައްސަލަ ބޮޑުވެ ހަމަނުޖެހުން ހިނގައި، ވޯޓު ފޮއްޓެއް އެއްލާލައިފިއެވެ.
މައްސަލަ ދިމާވެފައިވަނީ، ހެންވޭރުގެ ދާއިރާތަކަށް ވޯޓުލާން ކަލާފާނު ސްކޫލްގައި ބަހައްޓާފައި ވޯޓު ފޮށިތަކާއި ހުޅުމާލޭގެ ބައެއް ދާއިރާތަކަށް ވޯޓުލުމަށްޓަކައި ހުޅުމާލޭގައި ބަހައްޓާފައި ހުރި ބައެއް ވޯޓު ފޮށިތަކުގައެވެ.
އެންމެ ބޮޑަށް މައްސަލަ ދިމާވީ، ހެންވޭރުގެ ދާއިރާތަކަށް ވޯޓުލާން ކަލާފާނު ސްކޫލްގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތައް ދޮށުގައެވެ. މައްސަލަ ޖެއްސި މީހުން ބުނެފައިވަނީ، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުން އެންމެ ފަހު ވަގުތު ބަޔަކު އުނިކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި ޒުވާބު ގަދަވެ، އެއްބަޔަކު އަނެއްބައެއްގެ ގަޔަށް އަތްލައި ތަޅާ ފޮޅުމަކަށް ދިއުމުން އެ މައްސަލަ ހައްލު ކުރުމަށް ފުލުހުން ވަނީ މަސައްކަތް ކޮށްފައެވެ.
މި މައްސަލަ ބޮޑުވެގެން ގޮސް ވޯޓުލުން މެދުކަނޑާލަން ވެސް ޖެހުނު ނަމަވެސް، މިހާރު ވަނީ އަލުން ވޯޓުލާން ފަށައިފައެވެ.
ހުޅުމާލޭގައި ދިމާވީ އެހެން ދާއިރާއެއްގެ ވޯޓު ކަރުދާސްތަކެއް ހުޅުމާލެ ދެކުނު ދާއިރާގެ މީހުން ވޯޓުލާން ހުރި ފޮށީގައި ހުރި ކަމަށް ބުނެއެވެ.
މި މައްސަލައިގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން "ވަން" އަށް ވަނީ ބަހެއް ލިބޭގޮތް ނުވެފައެވެ. އިސް ތަރުޖަމާނު ހިނާ ވަލީދާ ގުޅުމުން ފޯނު ކަނޑުއްވައިލެއްވުމުން އޭނާގެ ބަހެއް ނުލިބުނެވެ.
އަންނަ މާޗު މަހު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރާ ކެނޑިޑޭޓުން އައްޔަން ކުރުމަށް ބާއްވާ ޕްރައުިމަރީގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 10:00 ގައެވެ.
73 ދާއިރާއެއްގެ ޓިކެޓަށް 283 މީހަކު އެ ޕްރައިމަރީގައި ވާދަކުރެއެވެ. ވޯޓުލުން މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
މި ޕްރައިމަރީގައި މާލެ އާއި ރަށްރަށުގައި 227 ވޯޓު ފޮށި ބަހައްޓާފައި ވެއެވެ.މި ޕްރައިމަރީގައި 71،597 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ ކަމަށް ވެސް އެ ކޯލިޝަނުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު