ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ އދ. އަތޮޅުގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތައް ރޭ ޔަގީންވި އިރު، ލ. އަތޮޅުގެ އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތައް އެންމެފަހުގެ ޗެމްޕިއަން ގަމާއި، މާވަށް އަދި އިސްދޫން ކާމިޔާބު ކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ޓާފް ދަނޑުތަކުގައި މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ކުރިއަށްދާ އިރު، ރޭވެސް ވަނީ އަތޮޅު ބުރުގެ އަށް މެޗު ކުޅެފައެވެ. އެއީ ލ. އަތޮޅުގެ ހަތަރު މެޗާއި އދ. އަތޮޅުގެ ހަތަރު މެޗެވެ.

މުބާރާތުގައި މިއަހަރު އދ އަތޮޅުން އަށް ޓީމު ވާދަކުރަމުންދާ އިރު، އެ އަތޮޅުގެ މެޗުތައް ކުޅެނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް ދެއަކުން ސެމީއަށް ދިޔަ ޓީމުތައް ރޭގެ މެޗުތަކަށް ނުކުތްއިރުވެސް ޔަގީންވެފައި އޮތް އިރު، އެ ގްރޫޕްގެ އެއްވަނަ މަހިބަދޫން ހޯދީ ތިންވަނަ މެޗުވެސް ކާމިޔާބުކޮށް، 2-0 އިން މަންދޫ ބަލިކޮށްގެންނެވެ. އެ މެޗުގައި މަހިބަދޫގެ ގޯލުތައް ޖެހީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑު) އާއި އާދަމް ފަހުމާނެވެ.

އެ އަތޮޅުގެ ގްރޫޕް ދޭއްގައި ރޭ ކުޅުނު އަނެއް މެޗުގައި އޮމަދޫން ހައްޏާމީދޫ ބަލިކުރީ 3-2 އިންނެވެ. އެ ދެޓީމަށްވެސް ސެމީން ފުރުސަތު ލިބިފައެއް ނުވެއެވެ.

އދ. އަތޮޅުގެ ގްރޫޕް އެކެއްގެ އެއްވަނަ މާމިގިލިން ހޯދި އިރު، ދެވަނަ ހޯދީ ދަނގެއްޗެވެ. މާމިގިލިން ރޭ 4-0 އިން ފެންފުށި ބަލިކުރި އިރު، އެ މެޗުގައި މާމިގިލީގެ ގޯލުތައް ޖެހީ ހިސާމް ސަލީމް (ކޮކީ) އާއި އަހުމަދު ނިޒާމްގެ އިތުރުން ސަމާއު މުފީދު އަދި ޒަޔާން ނަސީރެވެ.

ދަނގެއްޗުން ސެމީ ޔަގީންކުރީ 4-1 އިން ކުނބުރުދޫ ބަލިކޮށްފައެވެ. އެ މެޗުގައި ދަނގެތީގެ އަހުމަދު ސުދައިސް ހެޓްރިކް ފުރިހަމަ ކުރި އިރު، އަނެއް ގޯލު ޖެހީ މުހައްމަދު ނާއިމެވެ. ކުނބުރުދޫގެ ގޯލު މެޗުގައި ޖެހީ މުހައްމަދު ސަމާހު މޫސާ ފަތުހީއެވެ.

ލ. އަތޮޅުން މިފަހަރު ނުވަ ޓީމަކުން ވާދަކުރާ އިރު، އެއަތޮޅުގެ މެޗުތައްވެސް ކުޅެމުން އަންނަނީ ދެ ގްރޫޕަކަށެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެފަހުގެ ޗެމްޕިއަން ގަން ހިމެނޭ ގްރޫޕް އެކެއްގެ ދެމެޗު ރޭ ކުޅުނު އިރު، ގަމުން ކުޅުނު މެޗުގައި ކަލައިދޫ ބަލިކުރީ 8-1 ގެ ނަތީޖާއަކުންނެވެ.

މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވި ގަމަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ އަބްދުﷲ ޖުނައިދު (ޖޭއްނޭ) އާއި ހުސައިން ނާޝިދު (ނާއްޓޯ)ގެ އިތުރުން ޒައިދާން އަބްދުﷲ، މުހައްމަދު އަކުމަލް، އަލީ ޝާމިސް އަދި ރަޒާން އަބްދުއް ސަމަދެވެ. ނާއްޓޯއާއި ޖޭއްނޭ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. ކަލައިދޫގެ ގޯލު މެޗުގައި ޖެހީ އިބްރާހީމް ނާއިލެވެ.

އެ ގްރޫޕުގައި ރޭ މާވަށުން ކުޅުނު މެޗުގައި 4-3 އިން ދަނބިދޫ ބަލިކޮށް، މާވަށުން އުންމީދު އާކުރި އިރު، މެޗުގައި މާވަށުގެ މުހައްމަދު ޝާއިރު ވަނީ ހެޓްރިކް ހަދައިފައެވެ. އެޓީމުގެ އަނެއް ގޯލު ޖެހީ ހުސައިން މައިޝާނެވެ. ދަނބިދޫގެ އަލީ އިރުފާދު (އިރުއްޕެ) މެޗުގައި ދެ ގޯލު ޖެހި އިރު، އަނެއް ގޯލު ޖެހީ މޫސާ ހާނިމެވެ.

ލ. އަތޮޅު ގްރޫޕް ބީގައި އިސްދޫން ރޭ ވަނީ ފެށުން ރަނގަޅު ކޮށްފައެވެ. އެއީ މާމެންދޫ ކައިރިން 5-1 އިން މޮޅުވެގެންނެވެ. މެޗުގައި އިސްދޫގެ ހުސައިން އަފްހާނާއި އަލީ ހުމައިޒު، ކޮންމެ ކުޅުންތެރިޔަކު މެޗުގައި ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ އަލީ މީސާގު އީސާއެވެ. މާމެންދޫގެ ގޯލު ޖެހީ ތޯއިފް ގާސިމެވެ.

އެ ގްރޫޕްގައި ރޭ މުންޑުއާއި ހިތަދޫ 3-3 އިން އެއްވަރުވި އިރު، މުންޑޫގެ ގޯލުތައް ޖެހީ އަހުމަދު ހާފިޒާއި ހަމްދޫން އަހުމަދެވެ. ހާފިޒު މެޗުގައި ދެ ގޯލު ޖެހިއެވެ. ހިތަދޫގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު، މުހައްމަދު މަހުރީން ޖެހި އިރު، އަނެއް ގޯލު ޖެހީ އަލީ ސިސާނެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެ އެވެ. ފުޓްސަލް ކުޅުންތެރީންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.