ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ށ. އަތޮޅުގެ ސެމީ ފައިނަލަށް ކަނޑިތީމާއި ފޯކައިދޫ އަދި ފޭދުއާއި ޅައިމަގު ދަތުރު ކޮށްފިއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި މުބާރާތުގެ މެޗުތައް ކުޅެމުން އަންނަ އިރު، އިއްޔެ ހަވީރު ކުޅުނީ ށ. އަތޮޅުގެ ދެމެޗެވެ. އެ ދެމެޗާއެކު އެ އަތޮޅުގެ ދެ ގްރޫޕްގެ ކުޅުންވެސް ނިމިފައިވާ އިރު، ގްރޫޕް އެކެއްގެ އެއްވަނަ ހޯދީ ކަނޑިތީމެވެ. އަދި އެ ގްރޫޕްގެ ދެވަނައަކީ ފޯކައިދޫއެވެ. ގްރޫޕް ދޭއްގެ އެއްވަނަ ފޭދޫ ހޯދި އިރު، އެ ގްރޫޕްގެ ދެވަނައަކީ ޅައިމަގެވެ.
އިއްޔެ ކުޅުނު ށ އަތޮޅުގެ މެޗުތަކަށް ބަލާއިރު، ފޯކައިދޫގެ މައްޗަށް ކަނޑިތީމުން ކުރިހޯދީ 11-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި ކަނޑިތީމުގެ އިބްރާހީމް ނަދާދް (ކުޑައްޓޭ) ހަ ގޯލު ޖެހިއިރު, އަހުމަދު ޒަމީމް ތިން ގޯލު ޖެހިއެވެ. އޭގެ އިތުރުން ރައުލް ނިޔާޒާއި މުހައްމަދު ޝާން ގޯލެއް ޖެހިއެވެ. މެޗުގައި ފޯކައިދޫން ކާމިޔާބުކުރި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ އިބްރާހީމް މުސީރެވެ.
އަނެއް ގްރޫޕްގައި ށ. ފީވަށް މައްޗަށް އެއަތޮޅު ޅައިމަގުން ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޅައިމަގަށް ލީޑު ނަގާދިނީ އަބްދުލް ކަރީމް އަހުމަދެވެ. އޭގެ ފަހުން ޅައިމަގުގެ ގޯލުތައް ޖެހީ މުހައްމަދު ރިޝްފާނާއި އާދަމް ރީހާނެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ގދ. އަތޮޅުން ހަތަރު ޓީމު ވާދަކުރަމުންދާ އިރު، އިއްޔެ ވަނީ އެ އަތޮޅުގެ ދެމެޗު ކުޅެފައެވެ. އެގޮތުން އެންމެ ފަހުގެ ރަނަރަޕް ވާދޫން އަތޮޅު ތިނަދޫގެ މައްޗަށް ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. ވާދޫގެ ހަމައެކަނި ގޯލު މެޗުގެ ހަތަރުވަނަ މިނެޓުގައި އެޓީމަށް ޖަހާދިނީ ކެޕްޓަން އަޔާޒް އަހުމަދެވެ.
އޭގެ ފަހުން އެ އަތޮޅުގެ ދެވަނަ މެޗުގައި ގައްދޫގެ މައްޗަށް ހޯޑެއްދޫން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. ހޯޑެއްދޫގެ ގޯލުތައް ޖެހީ އަހުމަދު ޝާނިއު އަބްދުލް ޣަނީއާއި މުހައްމަދު އިއުފާފް އަބްދުﷲ އެވެ. ގައްދޫގެ ގޯލު މެޗުގައި ޖެހީ އާލިމް އަބްދުލް އަޒީޒެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް