އިނގިރޭސި ލީގު ކަޕްގެ ފައިނަލްގެ ދެވަނަ ޖާގަ ލިވަޕޫލުން ހޯދައިފިއެވެ.

ލިވަޕޫލުން ރެކޯޑު 14 ވަނަ ފަހަރަށް ލީގު ކަޕްގެ ފައިނަލް ޔަގީންކުރީ ރޭ ފުލަމްގެ ދަނޑުގައި ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗު 1-1 އިން އެއްވަރު ކޮށްގެންނެވެ. ލިވަޕޫލުން އަމިއްލަ ދަނޑުގައި ކުޅުނު ސެމީގެ ފުރަތަމަ ލެގު 2-1 އިން ކާމިޔާބު ކޮށްފައި އޮތުމުން ރޭގެ ނަތީޖާއާއެކު އެޓީމު ފައިނަލަށް ދިޔައީ 3-2ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ލިވަޕޫލާއި ޗެލްސީން 2022 ވަނަ އަހަރު ލީގު ކަޕްގެ ފައިނަލްގައި ވާދަކޮށް، ޕެނަލްޓީގައި ތަށި އުފުލައިލީވެސް ލިވަޕޫލުންނެވެ. އެއީ އެންމެފަހުން ލިވަޕޫލުން ލީގު ކަޕް ކާމިޔާބުކުރި ފަހަރެވެ. ލިވަޕޫލަށް މިދިޔަ ސީޒަން ނިންމާލަން ޖެހުނީ ތަށްޓެއް ނުހޯދިއެވެ. އެހެންކަމުން އަންނަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ވެމްބްލީގައި އޮންނަ ފައިނަލަށް އެޓީމު ނުކުންނާނީ މި ސީޒަނުގައި ތަށްޓެއް ޔަގީންކުރުމަށެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި ލިވަޕޫލުން ލީޑު ނެގި އިރު، އެ ގޯލު ޖެހީ ލުއިސް ޑިއާޒެވެ. ޒުވާން ޑިގެންޑަރު ޖަރެލް ގުއެންސާހްގެ ޕާސް އަރިމަތިން ކޮންޓްރޯލް ކޮށްލައި، ޑިއާޒް ގޯލަށް ވައްދާލީ އެތެރެއަށް ނައްޓާލުމަށްފަހު ފޮނުވާލި ބޯޅައިންނެވެ.

ފުލަމްއިން މެޗުގެ ފަހުކޮޅުގައި ކުޅުން ރަނގަޅުކުރި އިރު، 76 ވަނަ މިނެޓުގައި އީސާ ޑިއޮޕް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީ ލިވަޕޫލަށް ޕްރެޝަރު ކޮށްލައިފައެވެ. ފުލަމްއިން މެޗު އިތުރު ވަގުތަށް ގެންދަން ކުރި މަސައްކަތުގައި ވިލްސަން ދުރުން ފޮނުވާލި ބާރު ހަމަލާ މަތަކުރީ ލިވަޕޫލްގެ ގޯލްކީޕަރު ކޮއިމްހިން ކެލެހާއެވެ.