އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން އިދިކޮޅުގެ ގޮތުގައި ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ކުރަން ނިންމައިފިއެވެ.

އެމްޑީޕީގެ ތެރެއިން އިސް ބޭފުޅުންތަކެއް ވަކިވެވަޑައިގެން އުފެއްދެވި ޑިމޮކްރެޓްސްއިން މިދިޔަ ރިޔާސީ އިންތިހާބުގައި މަސައްކަތްކުރީ އެމްޑީޕީއަށް ވެރިކަން ނުދިނުމަށެވެ. ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްއިން ވަނީ ވަކިން ކެންޑިޑޭޓެއް ނެރެ 15،000 އަށްވުރެ ގިނަ ވޯޓު ހޯދައިފައެވެ.

އެމްޑީޕީއާއި ޑިމޮކްރެޓްސްއިން އެކުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ މި ސަރުކާރުގެ އަމަލުތަކާ މެދު ވަރަށް ބޮޑެތި ކަންބޮޑުވުންތައް މިހާރު އެބަހުރި ކަމަށާއި ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިއްޖެނަމަ ވަރަށް ގިނަ ހައްގުތަކެއް ހިފަހައްޓާނެ ކަމަށް ބެލެވޭ ކަމަށެވެ.

"މިހެން މިކަންކަމުގެ ކަންބޮޑުވުން އޮތުމުގެ ސަބަބުން އަޅުގަނޑުމެން މި ނިންމީ މިކަންކަން މޮނީޓާކޮށް، ޒިންމާދާރު އޮޕޮޒިޝަނެއްގެ ހައިސިއްޔަތުން މި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ހަންމަތަ ކުރުމާއި ހަމައެއާއެކު މި ގައުމުގެ ޑިމޮކްރެޓިކް މުސްތަގުބަލް ރަނގަޅު ކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލިސް ތެރެއިން ގެނައުމަށް މަޖިލިސް ތެރޭގައި އަޅުގަނޑުމެން އެއްކޮށް މަސައްކަތް ކުރުމަށް،" ފައްޔާޒް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފްވެސް ވަނީ ރިޔާސީ އިންތިހާބުގެ ކުރިން މި ސަރުކާރުގައި ތިއްބެވި ބޭފުޅުން ދެއްކެވި ވާހަކައާ މިހާރު ކަންކަން ވަމުން އަންނަ ގޮތާއި ކުރަމުން އަންނަ ގޮތާ ދިމާ ނުވާ ކަމަށެވެ. ހާއްސަކޮށް ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ހާރިޖީ ގުޅުންތަކަށް އަސަރުކުރާ ކަމަށް ވިދާޅުވިއެވެ.

ހަސަން ލަތީފް އަދި ފައްޔާޒްވެސް ވިދާޅުވީ އެމްޑީޕީ އާއި ޑިމޮކްރަޓްސް ގުޅިގެން ބައެއް ގާނޫނުތަކަށް އިސްލާހު ގެންނަން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގެ ތެރޭގައި އެ މަސައްކަތްތައް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.