އިންގްލެންޑްގެ ނިއުކާސަލް ޔުނައިޓެޑްގެ ޑިފެންޑަރު ކީރަން ޓްރިޕިއާ ހޯދަން ޖަރުމަނުގެ ވަރުގަދަ ބަޔާން މިއުނިކުން މަސައްކަތް ފަށައިފިއެވެ.
ދެހާސް ބާވީސްވަނަ އަހަރު އެތުލެޓިކޯ މެޑްރިޑުން 12 މިލިއަން ޕައުންޑްގެ އަގަކަށް ނިއުކާސަލްއަށް ބަދަލުވި ޓްރިޕިއާ ވަނީ، އެ ކްލަބާ ގުޅުނުފަހުން އޭނާގެ ކުރީގެ ފޯމަށް ކުޅުން ރަނގަޅުކޮށްފައެވެ. އުމުރުން 33 އަހަރުގެ ޓްރިޕިއާ ނިއުކާސަލްގެ ކެޕްޓަންކަންވެސް ކުރަމުންނެވެ.
ކުރިން ބާންލީއާއި ޓޮޓެންހަމްއަށްވެސް ކުޅުނު ޓްރިޕިއާ ނިއުކާސަލްއަށް 62 މެޗު މިހާތަނަށް ކުޅެފައިވާ އިރު، އޭނާއަކީ ކޯޗު އެޑީ ހޯވްއަށް އެންމެ މުހިއްމު ކުޅުންތެރިޔާއެވެ.
ބަޔާނުން ޓްރިޕިއާ ހޯދަން ކޮންމެވެސް ވަރެއްގެ މަޝްވަރާތަކެއް ކުރުމަށްފަހު އިއްޔެ ވަނީ ރަސްމީކޮށް 15 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފައެވެ. އެ ބިޑާއެކު ނިއުކާސަލްއިން ބުނީ އެ އަގަށް ޓްރިޕިއާ ނުވިއްކާނެ ކަމަށެވެ. އެހެން ނަމަވެސް ބަޔާނުން އިތުރު ބިޑެއް ޓްރިޕިއާއަށް ކުރާނެ ކަމަށް ވަރަށް ބޮޑަށް އޮތީ ބެލެވިފައެވެ.
ނިއުކާސަލްގެ ޗީފް އެގްޒެކެޓިވް ޑަރެން އީލެސް ދާދިފަހުން ދެއްކެވި ވާހަކައާ ގުޅިގެން ނިއުކާސަލްއިން ބައެއް ކުޅުންތެރިން ވިއްކާނެ ކަމަށް ބެލެވެއެވެ. އޭނާ ވިދާޅުވީ ޕްރިމިއާ ލީގުގެ ޕްރޮފެޓި އެންޑް ސަސްޓެއިނެލބިލިޓީ އުސޫލުތަކަށް ރުޖޫއަވާ ނިއުކާސަލްއަށް ބައެއް ކުޅުންތެރިން ވިއްކާލަން މަޖުބޫރު ކަމަށެވެ.
ޓްރިޕިއާގެ އިތުރުން ކަލުމް ވިލްސަންވެސް ކްލަބާ ދުރަށް ދާން މަސައްކަތް ކުރާ ކަމަށް ނޫސްތަކުން ބުނެފައިވާ އިރު، އޭނާ ދާނެ ކަމަށް ބެލެވެނީ އޭސީ މިލާނަށެވެ. އަދި މިގޭލް އަލްމިރޯން ހޯދަން ސައުދީ ލީގުގެ އައްޝަބާބުން މަސައްކަތް ކުރާ ކަމަށްވެސް ނޫސްތައް ބުނެއެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް