އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލް ދެވަނަ ލެގުގައި 6-1 އިން ދެވަނަ ޑިވިޝަންގެ މިޑްލްސްބްރާ ބަލިކޮށް، ޗެލްސީން ފަސް އަހަރު ތެރޭގައި ތިންވަނަ ފަހަރަށް ފައިނަލް ޔަގީން ކޮށްފިއެވެ.

ރޭ ޗެލްސީ އަމިއްލަ ދަނޑަށް ދެވަނަ ލެގަށް ނުކުތް އިރު، އެޓީމުން އޮތީ ފުރަތަމަ ލެގުގައި މިޑްލްސްބްރާ ދަނޑުގައި 1-0 އިން ބަލިވެފައެވެ. އެމެޗުގައި ޗެލްސީއަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވާ އިރު، ރޭގެ މެޗުގައި ފެނުނީ ތަފާތު ޗެލްސީއެކެވެ. ޕްރިމިއާ ލީގުގެ ކޮލިޓީ ޗެލްސީން ފެނިގެން ދިޔަ އިރު، މިޑްލްސްބްރާ ހެދި އަމިއްލަ ގިނަ ގޯސްތަކަކާއެކު ޗެލްސީން ފަސޭހަ މޮޅެއް ހޯދިއެވެ.

ޗެލްސީން ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔަ ފުރަތަމަ ހާފުގައި އެޓީމުން ވަނީ ހަތަރު ގޯލުގެ ލީޑެއް ނަގައިފައެވެ. އެ ހާފުގައި ޗެލްސީގެ ގޯލުތައް ޖަހައިދިނީ އެންޒޯ ފެނާންޑޭޒްއާއި އެކްސެލް ޑިސާސީ އަދި ކޯލް ޕާމާއެވެ. ޗެލްސީގެ ފުރަތަމަ ގޯލަކީ މިޑްލްސްބްރާގެ ޖޮނީ ހޯސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ދެވަނަ ހާފަށްވެސް ޗެލްސީން އުންމީދު ބޮޑުކޮށް ނުކުމެފައިވާ އިރު، ޕާމާގެ އިތުރު ގޯލަކާއި ނޮނީ މަޑުއޭކޭގެ ގޯލަކުން ޗެލްސީ ލީޑު އިތުރަށް ފުޅާކުރިއެވެ. ޗެލްސީގެ ކްލީންޝީޓް މެޗުގައި ގެއްލުނީ ފަހުކޮޅުގައި މޯގަން ރޯޖާސް މިޑްލްސްބްރާއަށް ޖެހި ގޯލުންނެވެ.

ޗެލްސީންގެ އަންނަ މަހު 25 ވަނަ ދުވަހު، ވެމްބްލީގައި އޮންނަ ފައިނަލްގައި ނުކުންނަން ޖެހޭނީ ލިވަޕޫލް ނޫނީ ފުލަމްއާ ދެކޮޅަށެވެ. އެފައިނަލް ވެގެންދާނީ ޓޮޑް ބޮލީ ޗެލްސީއާ ހަވާލުވިފަހުން ކްލަބުން ކުޅޭ ފުރަތަމަ ފައިނަލަށެވެ.