ގަތަރުގައި ކުރިއަށްދާ މިއަހަރުގެ އޭޝިއަން ކަޕް 'ގްރޫޕް ބީ'ގައި މިއަދު ކުޅުނު މެޗުގައި ސީރިއާ އަތުން ބަލިވެ އިންޑިއާ މުބާރާތުން ކަޓައިފިއެވެ.
ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުން އިންޑިއާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އިންޑިއާއިން މިފަހަރު ފުރަތަމަ ފަހަރަށް ގަދަ 16 ހޯދަން ބުރަ މަސައްކަތްތަކެއް ކޮށް، ރަނގަޅަށް މުބާރާތަށް ތައްޔާރުވި ނަމަވެސް އެ ހުވަފެން ދިޔައީ ފެނަށެވެ.
އިންޑިއާއިން މިފަހަރު އޭޝިއަން ކަޕަށް ނުކުތީ 2019 ވަނަ އަހަރު ޕޮއިންޓެއްގެ ތަފާތުން ގަދަ 16 ގެއްލުނު ހިތި ހަނދާން ނައްތާލަން ނަމަވެސް، މިފަހަރު ނިންމާލަން ޖެހުނީ މޮޅެއް ހޯދި ތިން ބައްޔާއެކުގައެވެ. އިންޑިއާ ބަލިކޮށް ސީރިއާއިން ވަނީ އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ގަދަ 16 ޔަގީންކޮށްފައެވެ. މިއީ އެގައުމުގެ ތާރީހުގައި އޭޝިއަން ކަޕްގެ ގަދަ 16 އަށް ދިޔަ ފުރަތަމަ ފަހަރެވެ.
މިއަދުގެ މެޗު ފެށިގެން ސީރިއާއިން ވަރުގަދަކޮށް ފެނުނު ނަމަވެސް، އެޓީމަށް ގޯލެއް ޖަހަން އުނދަގޫތައް ކުރިމަތިވިއެވެ. ފުރަތަމަ ހާފުގައި ރަނގަޅަށް ޑިފެންސްކޮށް ކުޅުނު އިންޑިއާއަށް އުނދަގޫތަކެއް ކުރިމަތިވީ ސެންޓަ ބެކް، ސަންދޭޝް ޖިންގަންއަށް އަނިޔާވެ ބާލަން ޖެހުމުންނެވެ. ބަދަލުގައި ކުޅެން ނުކުތީ ނިކިލް ޕޫޖަރީއެވެ.
ސީރިއާއިން ގޯލަކަށް ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވީ 76 ވަނަ މިނެޓުގައެވެ. އެޓީމުގެ ހަމައެކަނި ގޯލު މެޗުގައި ޖެހީ އޮމަރު ހްރިބިންއެވެ.
މެޗުން ބަލިވެ، އީގޯ ސްޓިމަކްގެ އިންޑިއާއިން މިފަހަރުގެ އޭޝިއަން ކަޕާ އަލްވަދާއު ކިޔާފައިވަނީ ގޯލެއްވެސް ނުޖެހިއެވެ. އިންޑިއާ ހިމެނުނު ގްރޫޕް ބީގެ އެއްވަނައަށް ދިޔައީ އޮސްޓްރޭލިއާއެވެ. އެއީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ގަދަ 16 ޔަގީންކުރީ އުޒްބެކިސްތާނެވެ. އެއީ ތިން މެޗުން ފަސް ޕޮއިންޓާއެކުގައެވެ.
އޭޝިއަން ކަޕް
އޭޝިއަން ކަޕް
އޭޝިއަން ކަޕް