އައިވަރީ ކޯސްޓުގައި ކުރިއަށްދާ އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ މެޗެއްގައި މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހަށް ލިބުނު އަނިޔާ، ކުރިން ހީކުރިވަރަށްވުރެ ސީރިއަސް ކަމަށް ލިވަޕޫލުން ބުނެފިއެވެ.

އެފްކޯންގެ ގްރޫޕް ސްޓޭޖުގައި ސަލާހަށް އަނިޔާވީ ގާނާއާ ދެކޮޅަށް މިސްރުން ކުޅުނު މެޗުގައެވެ. އައިވަރީ ކޯސްޓުގެ އަބީޖާންގައި ކުޅުނު މެޗު 2-2 އިން އެއްވަރުވި އިރު، ސަލާހަށް އަނިޔާވީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށެވެ.

ސަލާހުގެ އަނިޔާއާ ގުޅޭގޮތުން މިސްރުގެ އެފްއޭއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެކްސްރޭއިން ދެއްކި ގޮތުގައި އަނިޔާވެފައި ވަނީ ސަލާހުގެ ފަލަމަސްގަނޑުގެ ދަށް ފަޅިއަށެވެ.

ސަލާހްގެ އަނިޔާއަށް ފަރުވާ ދިނުމަށާއި، އިތުރު ތަފްސީލު ހޯދުމަށް އޭނާ ލިވަޕޫލަށް ގެނެސްފައިވާ އިރު، އެ ކްލަބުގެ އެސިސްޓެންޓް ކޯޗު ޕެޕް ލިންޑާސް ބުނީ ސަލާހްގެ ފަލަމަސްގަނޑު އިރައިގެން ގޮސްފައިވާ ކަމަށެވެ.

"ސަލާހްގެ ފަލަމަސްގަނޑު ހަމަ ރަނގަޅަށް އިރައިގެން ގޮސްފައި ހުރީ. އެހެންވީމަ މިހާރު ރިކަވާ ވަމުންދާ ރޭޓުން ސަލާހް އަނބުރާ ކުޅުމަށް ނުކުންނާނެ ކަމަށް ބެލެވެނީ ތިނެއް ނޫން ހަތަރު ހަފުތާ ފަހުން،" ލިންޑާސް ބުންޏެވެ.

ސަލާހް މިވަގުތު ވަރުގަދަ ރިހެބިލިޓޭޝަން ފަރުވާއެއް ހޯދަމުންދާ އިރު، ލިވަޕޫލުން ބުނީ ކުރިން ހީކުރިވަރަށްވުރެ ސަލާހްގެ އަނިޔާ ސީރިއަސް ކަމަށެވެ. މިސްރުން އެފްކޯންގެ ގަދަ 16 އިން ޖާގަ ހޯދާފައިވާ އިރު، ލިވަޕޫލުން ބުނީ އުންމީދަކީ ސަލާހް އަދި އެފްކޯންގައި ފެނުން ކަމަށާއި، އެކަމަށް ލިވަޕޫލުންވެސް މަސައްކަތްކޮށްދޭ ކަމަށެވެ.

ސަލާހްގެ އަނިޔާއާ ގުޅިގެން އިތުރަށް ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ އެފްކޯން ނުނިމެނީސް ސަލާހް ފިޓްވެއްޖެ ނަމަ، ގައުމީ ޓީމަށް ކުޅެން ފޮނުވާނެ ކަމަށާއި، އުންމީދަކީވެސް އެއީ ކަމަށެވެ.