އަންނަ މާޗް މަހުގެ 17ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ ވަގުތަކީ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަށް ހަދަން، މަޖިލިސް އިންތިހާބާ ބެހޭގޮތުން ލަފާދޭ ކޮމިޓީން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ލަފާ ދިފިއެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އެ ދުވަހު ވޯޓުލުން ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން ނިންމާފައިވަނީ ހެނދުނުން ފެށިގެން ހަވީރު 5:00 އާ ހަމައަށް ކަމަށެވެ. އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ ރޯދަމަހު ކަމުން އެ މަހު، އޮފީސްތައް ހުޅުވާނީ ހެނދުނު 10:00ގައި ކަމަށްވުމާއެކު އޭގެ ކުރިން، ހެނދުނު 9:00 ގައި ވޯޓުލުން ފެށިދާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެހެން އިންތިހާބުތަކުގައި ވޯޓުލާ ނިމިގެން 30 މިނެޓުގެ ވަގުތުކޮޅެއް ދިނުމަށްފަހު ވޯޓު ގުނި ނަމަވެސް ރޯދަ މަސްކަމަށްވާތީ، މަޖިލިސް އިންތިހާބުގައި، ރޯދަ ވީއްލަން ވަގުތު ދިނުމުގެ ގޮތުން އެއަށްވުރެ ވަގުތު އިތުރުކޮށް، ރޯދަ ވީއްލައިގެން އިރުއޮއްސި 6:45 ގައި ވޯޓު ގުނާގޮތަށް ވިސްނުން ހުރި ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ހަބީބު ވިދާޅުވީ، އީސީން އެކަމަށް ގޮތެއް ނިންމާނީ އެކަމުގައި ކޮމިޓީގެ ވިސްނުން ބެލުމަށްފަހުގައި ކަމަށެވެ.

އެކަމާ ގުޅިގެން ޑިމޮކްރޭޓްސްގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ، ހެނދުނު 9:00 އިން ހަވީރު 5:00 އަށް ވޯޓުލުނުް ކުރިއަށްގެންދަން ތާއީދުކުރައްވާ ކަމަށެވެ. ނަމަވެސް އެހެން އިންތިހާބުތަކުގައި އީސީން ކަން ކުރާގޮތަށް، ކޮމިޝަނަށް އެކަނި ފެންނަ ގޮތަށް ވޯޓުލުމުގެ ވަގުތު އިތުރުކޮށްގެންނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވެރިކަން ހިންގާ ޕީޕީއެމް/ޕީއެންސީގައި ހިމެނޭ ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވީ، ހެނދުނު 9:00 އިން ވޯޓުލުން ފަށައިގެން ގޮސް ހަވީރު 6:00 ގައި ނިންމާލުމުން ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް ކޮމިޓީގެ ލަފައާ ނުލައި އީސީން ހިތަށް އެރިގޮތަކަށް ވޯޓުލާ ގަޑި ބަދަލުުކުރުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާވެސް ފާހަގަކުރެއްވިއެވެ.

ޕީޕީއެމްގެ ނާއިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރަމަޟާން މަހު ރައްޔިތުންގެ އަމަލުތައް ބަހައްޓާ ގޮތާއި އެހެން މަސްތަކާ ތަފާތުވާނެ ކަމަށެވެ. އެހެންކަމުން ހެނދުނު 9:00 އިން ހަވީރު 5:00 އަށް ވޯޓުލުން ބާއްވަން ތާއީދުކުރައްވާ ކަމަށް އޭނާވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އަދާލަތު ޕާޓީ އާއި އެޗްއާރުސީއެމާއި އޭސީސީ އާއި އެ ކޮމިޓީގައި ތިއްބެވި އެހެން ފަރާތްތަކުންވެސް ބުނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ވޯޓުލުން ކުރިއަށްގެންދިއުން ރަނގަޅުވާނެ ކަމަށެވެ.

ފުލުހުން ބުނީ، ރޯދަމަހުގެ ހަވީރަކީ މަގުތަކުގައި މީހުން ގިނަވާ ވަގުތެއް ކަމަށެވެ. ހާއްސަކޮށް ރޯދަވީއްލާ ގަޑިތަކުގައި ބާރުބާރަށް ވެހިކަލް ދުއްވުން އިތުރުވާ ވަގުތަކަށްވާތީ، މީހުން ރޯދަ ވީއްލަންދާ ގަޑިއަށް ރިއާޔަތްކޮށް ވޯޓުލާ ނިންމާ ގަޑި ކަނޑައެޅުން މުހިންމު ކަމަަށްވެސް ބުންޏެވެ. އެހެންކަމުން ރޯއްދަވީއްލާ ގަޑިއަށް މީހުންނަށް ތަންތަނަށް ދެވޭހާ ވަގުތު އޮއްވައި ވޯޓުލުން ނިންމާ ގަޑި ކަނޑައެޅުމަކީ މަގުމަތީގެ ޓްރެފިކަށް ބާރު ކުޑަވާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އެ ކަންތައްތަކަށް ބަލައި ހަވީރު 5:00 އަށް ވޯޓުލުން ކުރިއަށް ގެންދިއުން ރަނގަޅުވާނެ ކަމަށްވެސް ބުންޏެވެ.