ވައިސް މިނިސްޓާ އޮފް ދި އިންޓަނޭޝަނަލް ޑިޕާޓްމަންޓް އޮފް ދަ ޗައިނީސް ކޮމިއުނިސްޓް ޕާޓީ، ސުން ހައިޔާން، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުވުން ބާއްވާފައިވަނީ މިއަދު ރައީސް އޮފީހުގައެވެ.

ރައީސް އޮފީހުން ބުނީ ބައްދަލުކުރެއްވުމުގައި ސުން ހައިޔާން ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ލީޑާޝިޕްގެ ދަށުން ޗައިނާގެ ކަމާގުޅޭ ހުރިހާ އިދާރާތަކުން ރާއްޖޭގެ ކަމާގުޅޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ތިބިކަން ފާހަގަކުރައްވާފައި ކަމަށެވެ. އަދި އެކި ދާއިރާތަކުން ރާއްޖެއަށް ތަމްރީނުގެ ފުރުސަތުތައް ދިނުމަށާއި، ދެ ގައުމުގެ އިސްތިރާޖީ ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިވާކަން ފާހަގަކުރައްވާފައި ކަމަށެވެ.

ރައީސް މުއިއްޒު ވަނީ އެ ބައްދަލުކުރެއްވުމުގައި ޗައިނާގެ ފަރާތުން ރާއްޖެއަށް ދޭ ތަމްރީން ޕްރޮގްރާމުގެ ފުރުސަތުތައް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތައް ތަންފީޒުކުރެއްވިގެން ދިއުމަށް އެދިވަޑައިގަންނަވާކަން ފާހަގަކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ސުން ހައިޔާންއާއި ރައީސް މުއިއްޒު ވަނީ، ޗައިނާއާއި ރާއްޖެއާ ދެމެދު ސީދާ ވައިގެ ދަތުރުތުތައް ފުޅާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައި ކަމަށާއި އޭގެ އިތުރުން ޗައިނާއާއި ރާއްޖޭގެ އެއް ސިޓީ އަނެއް ސިޓީއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.