ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅި ހުރިހާ މީހުންނަށް ޕްރައިމަރީގައި ވާދަކުރެވޭ ގޮތަށް ޕްރައިމަރީ ބާއްވަން އެ ކޯލިޝަނުން ނިންމައިފިއެވެ.
ޕާޓީގެ ތެރޭގައި ފިތުނު އުފެއްދުމުގެ ތުހުމަތާއި ބައެއް އެހެން ސަބަބުތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހެޅި ގިނަ ބައެއްގެ ފޯމު ޕީޕީއެމް-ޕީއެންސީން އިއްޔެ ވަނީ ބާތިލުކޮށްފައެވެ. އެކަމާ ގުޅިގެން ދެ ޕާޓީގެ މެންބަރުންގެ ނުރުހުން ލީޑާޝިޕަށް އަމާޒުވި އިރު، މިއަދު ބައެއް މެންބަރުން ވަނީ ޕީއެންސީގެ އޮފީހަށް ގޮސް އަޑުގަދަކޮށްފައެވެ.
"ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭ ގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިއާޔަތް ކުރެއްވުމަށްފަހު، ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭ ގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފި," ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުالله އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ފުރަތަމަ ބާއްވަން ނިންމީ މި މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް މިހާރު ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.
ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ އުސޫލުގައިވާ ގޮތުން ޓިކެޓަށް ޝައުގުވެރިވާ މީހުންގެ ކިބައިގައި ތިން ޝަރުތެއް ހުންނަން ޖެހެއެވެ. އެއީ މިދިޔަ މަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް ކޯލިޝަންގައި ހިމެނޭ ދެ ޕާޓީން ކުރެ ޕާޓީއެއްގެ ރަޖިސްޓަރީގައި ހިމެނިފައިވުމާއި، ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަ ނުކުރެވޭނެ ގޮތަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ފަރާތަކަށްވުމުގެ އިތުރުން ގާނޫނު އަސާސީންނާއި ގާނޫނުތަކުން އެ އިންތިހާބަކަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަންވާ ޝަރުތުތައް ފުރިހަމަވާ ފަރާތަކަށް ވުމެވެ.
އެ ޝަރުތުތަކުގެ އިތުރުން ޝަރުތު ހަމަކުރުމުގައި ވެސް ކަންކަމަށް ބެލުމަށް އުސޫލުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަބުރުވެރި ނަޒާހަތްތެރި ފަރާތެއް ކަމުގައިވުމާއި، މަޖިލީހާއި ހާއްސަ މަޖިލީހުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި، ގާނޫނުތަކާއި ގާނޫނުއަސާސީއަށް ފަރިތަ މިންވަރު އަދި ޕާޓީއަށް ހިދުމަތްކޮށްފައިވާ މިންވަރެވެ. އެ ހުރިހާ ކަމަކަށް ބެލުމަށްފަހު، އެ ފަރާތްތަކަށް ޕްރައިމަރީގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަވާ ކަމަށް ނިންމާނީ ކޯލިޝަންގެ ލީޑާޝިޕުން ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު