އިއްޔެ ރޭ ޏ. ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ފުލުހުން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފުވައްމުލަކު ސިޓީ ބޮޑުފަންނު މަގުގައި އެ އެކްސިޑެންޓު ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ފާރެއްގައި ޖެހުމުން ކަމަށެވެ. އެ އެކްސިޑެންޓު ހިނގާފައި ވަނީ އިއްޔެ ރޭ 10:15 ހާއިރު ކަމަށް ބުންޏެވެ.

އެ އެކްސިޑެންޓުގައި އަނިޔާވީ 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ އިތުރު ފަރުވާއަށް މާލެ ގެނައީ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހުގައެވެ.

މާލެ ގެނެސް އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމުގައި އޭނާއަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށް އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު އިއްޔެ "ވަން"އަށް މައުލޫމާތު ދެއްވިއެވެ.

އެކަމާ ގުޅިގެން މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ އެކްސިޑެންޓް ވި މީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށާއި ހާލު ވަރަށް ކްރިޓިކަލް ކަމަށެވެ. އޭނާގެ ހާލަތަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށްވެސް ވިދާޅުވިއެވެ.