އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ކުޅުނު މެޗުގައި 4-0 އިން އޭއެފްސީ ބޯންމައުތު ބަލިކޮށްފިއެވެ.
ލިވަޕޫލުން ރޭ ރަށުން ބޭރުގައި ހޯދި މޮޅާއެކު ލީގު ތާވަލުގެ އެއްވަނައިގައި އެޓީމަށް ވަނީ ފަސް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. މިހާތަނަށް ކުޅުނު 21 މެޗުގެ ތެރެއިން 14 މެޗުން މޮޅުވެ، ލިވަޕޫލް އެއްވަނައިގައި އޮތީ 48 ޕޮއިންޓާއެކުގައެވެ. ލިވަޕޫލް މިހާތަނަށް މި ސީޒަނުގެ ލީގުގައި ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ.
ދެވަނައިގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ، 20 މެޗުން 43 ޕޮއިންޓާއެކު އޮތް އިރު، ތިންވަނައިގައި އޮތީ އާސެނަލްއެވެ. އެއީ 21 މެޗުން 43 ޕޮއިންޓާއެކު ފައިދާ ގޯލުގެ ފަރަގުންނެވެ. ހަތަރު ވަނައިގައި އޮތް އެސްޓަން ވިލާއަށްވެސް 21 މެޗުން 43 ޕޮއިންޓް ލިބިފައިވާ އިރު، ތަފާތަކީ ހަމަ ފައިދާ ގޯލުގެ ތަފާތެވެ.
ލިވަޕޫލުން ރޭ ނުކުރީ އެފްކޯންއަށް ގޮސް އަނިޔާގައި ހުރި މިސްރުގެ ތަރި މުހައްމަދު ސަލާހާއި މުހިއްމު ޑިފެންޑަރު ޓެރެންޓް އެލެކްސެންޑްރާ-އާނޯލްޑްވެސް ނުލައެވެ. ފުރަތަމަ ހާފުގައި ބޯންމައުތުން ލިވަޕޫލް ހިފަހައްޓާލި ނަމަވެސް، ދެވަނަ ހާފަށް ނުކުމެ ލިވަޕޫލުން ނުރައްކާ ބޮޑު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން، 49 ވަނަ މިނެޓުގައި ޑިއޭގޯ ޖޮޓާ އޭރިއާ ތެރެއަށް ދިން ބޯޅައިން ޑާވިން ނުނިއޭޒް ލީޑު ނެގިއެވެ.
އަދި އޭގެ ފަހުން ރަނގަޅަށް ކުޅެމުންދިޔަ ލިވަޕޫލުން 70 ވަނަ މިނެޓާއި 79 ވަނަ މިނެޓުގައި ގޯލު ޖަހައި މެޗު ކާމިޔާބު ކުރުމަށް ފުރުސަތު ފަހުކުރިއެވެ. އެ ދެ ގޯލުވެސް ޖެހީ ޖޮޓާއެވެ. ނުނިއޭޒް މެޗުގައި ޖެހި ދެވަނަ ގޯލު އޭނާ ޖެހީ ނިމެން މިނެޓަކަށް ވެފައި ހުއްޓައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު