ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ރ. އަތޮޅު ގްރޫޕް ދޭއްގައި ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެ އިނގުރައިދޫ އަތޮޅު ސެމީއަށް ދަތުރުކުރި އިރު، އއ. އަތޮޅުގެ ފެށުން ތޮއްޑު އާއި ބޮޑުފޮޅުދޫން ރަނގަޅުކޮށްފިއެވެ.
ރ. އަތޮޅުން މިފަހަރު ހަތް ޓީމު މި މުބާރާތުގައި ވާދަކުރާ އިރު، އަތޮޅު ބުރު ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެ ގްރޫޕުގެ އެންމެ މޮޅު ދެޓީމު ސެމީ ފައިނަލް ކުޅޭ ގޮތަށް ނޮކްއައުޓް ރޭވިފައިވާ އިރު، އިނގުރައިދޫ ހިމެނޭ ގްރޫޕްގައި ހިމެނުނީ ތިން ޓީމެވެ. އެހެންކަމުން ރޭ ހުޅުދުއްފާރު ކައިރިން ހޯދި 3-1 ގެ މޮޅާއެކު އިނގުރައިދުއަށް ވަނީ ގްރޫޕްގެ އެއްވަނަ ޔަގީންވެފައެވެ.
އިނގުރައިދޫގެ ތިން ގޯލުވެސް ރޭގެ މެޗުގައި ޖަހައިދިނީ ޒުވާން ތަރި އަހުމަދު މަޝީދެވެ. ހުޅުދުއްފާރުގެ ގޯލު ޖެހީ މުހައްމަދު އަލީފެވެ.
މުބާރާތުގެ އއ. އަތޮޅުގެ ކުޅުން ރޭ ފަށާފައިވާ އިރު، އެ އަތޮޅުން މިފަހަރު ޖުމުލަ ބައިވެރިވީ ހަތަރު ޓީމެވެ. އެހެންކަމުން ފައިނަލް ކުޅޭނީ ލީގު ބުރަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދައި ދެޓީމެވެ.
ރޭ އއ. އަތޮޅުގެ ދެމެޗު ކުޅެފައިވާ އިރު، ތޮއްޑޫން ފެރިދޫ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ތޮއްޑޫގެ ގޯލުތައް ޖެހީ އިބްރާހީމް އުޝާމަތާއި އިބްރާހީމް ސުހާން މުހައްމަދެވެ. އަނެއް ގޯލަކީ ފެރިދޫގެ ހުސައިން ސާމިހް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އެ އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ބޮޑުފޮޅުދޫން ރޭ މަތިވެރި ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބޮޑުފޮޅުދޫގެ ގޯލުތައް ޖެހީ މުހައްމަދު ސިރުހާނެވެ. މަތިވެރީގެ ހަމައެކަނި ގޯލު ޖެހީ އަލީ އަލްސަންއެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މުބާރާތުގެ ގްރޫޕް އަތޮޅު ބުރުގެ މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް