ބިންތައް ހިއްކަމުންދާ ވަރަކަށް ރަޖިސްޓަރީތައް ވެސް ދޫކޮށް، މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ދާދިފަހުން ރައީސް ވަނީ ގިރާވަރު މާލޭ ސިޓިޒެންސް އެސޯސިއޭޝަނާ ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި މާލޭ ރަށްވެހިންގެ ޖަމިއްޔާއާއި ހުޅުމާލޭ ރައްޔިތުންގެ ކޮމިޓީގެ މަންދޫބު އަދި ގިރާވަރު މާލޭ ސިޓިޒެންސް އެސޯސިއޭޝަންގެ ނައިބު ރައީސް ސުނާދް ލަތީފާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގެ މައުލޫމާތު ހިއްސާކުރުމަށް ސަލްޓަން ޕާކުގައި ރޭ ވަނީ ބިންވެރިޔާ ސްކީމުގެ ބިން ލިބުނު މީހުންގެ ހާއްސަ ސައްލާއެއް ބާއްވައިފައެވެ.
ރައީސްގެ މަންދޫބެއްގެ ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ ވައުދުވެވަޑައިގެންނެވި ގޮތަށް ހުރިހާ ދިމާތަކެއް ހިއްކައި ރަޖިސްޓަރީ ހަވާލުކޮށްދީ، ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ފުރިހަމައަށް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާ ކަމަށެވެ.
"އެކަން ހައްލުކުރަން މިއަދުގެ ހާލަތުގައި އަޅުގަނޑު ހިތުން ކުރަން ޖެހޭ އެންމެ މައިގަނޑު ކަމަކީ ތިޔަ ހުރިހާ ބޭފުޅުންނަށް އެތަނުގައި ދިރިއުޅެވޭނެ ގޮތް ފަހިވެގެން ދިއުން. އެކަން ކުރުމަށްޓަކައި ކުރަން ޖެހޭ ދެތިން ހަތަރު ކަމެއް އެބަ އޮތް. އެއް ކަމަކީ ތިޔަ ހުރިހާ ބޭފުޅުން ވެސް ފާހަގަކުރެއްވި ގޮތަށް ރަޖިސްޓަރީ ހަވާލުކުރުން. ދެވަނަ ކަމަކަށް ހަމަ ޔަގީނުން ވެސް އެ ބިންތަކުގެ ބޮޑު ބައެއް އަދި ހިއްކައި ފުރިހަމަކުރަން އެބަޖެހޭ، އެ މަސައްކަތްކުރަން އެބަޖެހޭ. ހަމައެއާއެކު އެ ބިންތައް ހިއްކައި، އެ ތަންތަނުގެ އަސާސީ އިންފްރާސްޓްރަކްޗާ ގާއިމުކުރަން އެބަޖެހޭ. ފެނާއި ނަރުދަމާ، މަގުތައް، ކަރަންޓު، މި އިންފްރާސްޓްރަކްޗާ ގާއިމުކުރަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ އެތަންތަނަށް ފަސޭހައިން ދަތުރުފަތުރުކޮށް ވާސިލުވެ އުޅެވޭނެ ގޮތެއް ތަނަވަސްކުރަން އެބަޖެހޭ ކަމަށާއި ފަސޭހަކަމާއެކު ކޮމިއުނިޓީއެއްގެ ގޮތުގައި އެތަންތަނުގައި ދިރިއުޅެވޭނީ އެ ހުރިހާ ކަމެއް ފުރިހަމަވެގެން ކަމަށެވެ. އެ ހުރިހާ ކަމެއް ވެސް އެކުއެކީގައި އެއްވެސް ހުއްޓުމެއް ނެތި ހިނގަމުންދާކަމުގެ ޔަގީންކަން ރައީސް ދެއްވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
"ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތްތައް ވެސް، ހިއްކަމުންދާ މިންވަރަކަށް އެތަންތަނުގެ ބިން ހަވާލުކުރައްވަމުން އެ ގެންދަވަނީ. އަދި ވަގުތީގޮތުން މިއަދުގެ ހާލަތަށް ވެސް ލިޔުމެއް ދެއްވެން އޮތް ފަރާތަކަށް ލިޔުމެއް ދެއްވުމުގެ މަސައްކަތްކުރައްވާނެކަން ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޔަގީންކަން ދެއްވާފައި އެވަނީ. ހަމައެއާއެކު އެތަންތަން ހިއްކުމުގެ މަސައްކަތް ބާރަށް ހިނގަމުން އެބަދޭ. ގިރާވަރުފަޅުން މިހާތަނަށް 50 ނުވަތަ 54 ހެކްޓަރު ހިއްކައި ނިންމާފަ ވަނީ. ގުޅިފަޅުން ގާތްގަނޑަކަށް 94 ހެކްޓަރު ނިންމާފަ ވަނީ. ހުޅުމާލެ ފަޅުން ވެސް އަޅުގަނޑަށް މައުލޫމާތު ލިބިފައިވާގޮތުން މިހާރު ދެވަނަ ސެގްމަންޓުގެ ހިއްކުމުގެ ބައި ކުރިއަށް އެދަނީ. އެއްވެސް މަސައްކަތެއް ހުއްޓުމެއް ނެތި، ހިއްކުމުގެ ބައި އެބަ ކުރިއަށްދޭ،" އޭނާ ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ ކުރީން ހިއްކަން ކަނޑައަޅާފައި އޮތް މިންވަރަށްވުރެ ގިރާވަރަށް އަދި ގުޅިފަޅަށް ވެސް ބިން އިތުރުކޮށްގެން ހިއްކާގޮތަށް މިހާރު ނިންމާފައިވާ ކަމަށާއި ހަމައެއާއެކު އެ ތަންތަނުގައި އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން ޗައިނާއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ގުޅިފަޅުގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށްޓަކައި ކޮންޓްރެކްޓަރަކާއެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.
"ގިރާވަރުފަޅުގައި އަސާސީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ ޕްރޮޕޯސަލްތައް ޗައިނާގައި ބޭއްވުނު އިންވެސްޓްމަންޓް ފޯރަމްގައި ހުށަހަޅައި، ގިނަ ފަރާތްތަކަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި. އެ ފަރާތްތަކާއެކު މިހާރު މަޝްވަރާތައް ކުރިއަށް އެބަދޭ، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކާއެކު އެއްބަސްވުމުން އެކުލަވާލުމަށްޓަކައި. ދެން ފޭސް ތިނެއްގައި ވެސް ބިން ހިއްކުން ނިމުމާއެކު އެޗްޑީސީގެ ފަރާތުން ކުރިއަށްގެންދަމުންދާނެ، އާންމުކޮށް ވެސް އެޗްޑީސީން އެ މަސައްކަތްކުރަމުންދާ ގޮތަށް،" އޭނާ ވިދާޅުވިއެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ އެތަންތަނުގެ ދަތުރުފަތުރަށް ވިލިމާލެ އާއި މާލެއާ ދެމެދުގެ ބުރިޖުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށާއި ހަމައެގޮތަށް ގުޅިފަޅާއި ގިރާވަރުފަޅު ވެސް ބުރިޖުން ގުޅާލުމަކީ މެނިފެސްޓޯގައި ލިޔެވިފައިވާ ވައުދެއް ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރައްވާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު