ޓޫރިޒަމް އިންޑަސްޓްރީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް "ފަހި ފަތުރުވެރިކަމަށް އަންހެނުން"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު މީޑިއާތަކަށް ބުނީ، "ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމު ލޯންޗުކޮށްފައިވަނީ މިއަދު ކަމަށެވެ. އެ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނިގެން ފުރަތަމަ 14 ހަފުތާގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމަނާފައިވާ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންގެ ހިއްސާ އިތުރުކުރުމުގެ ވައުދުގެ ދަށުން ފަތުރުވެރިކަމަށް ޝައުގުވެރިވާ ޒުވާން އަންހެނުންނަށް އަމާޒުކޮށްގެން ހިންގާ މެންޓަރިން ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
"ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމްގައި ޓޫރިޒަމް އިންޑަސްޓްރީގައި އަންހެނުންނަށް އަދާކުރެވޭނެ ދައުރާ މާދު ހޭލުންތެރިކުރުމާއި، ޓޫރިޒަމް ދާއިރާއިން އަންހެނުން ބިނާކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަހަރަކު ދެ ފަހަރު ކުރިއަށްގެންދިއުމަށް ރޭވިފައިވާ އެ ޕްރޮގްރާމު ކުރިއަށްގެންދާނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ.
ފުރަތަމަ މަރުހަލާގައި ދަރިވަރުން ޝައުގުވެރިކަން ހުންނަ ދާއިރާތައް ދެނެގަނެ، އެ ދާއިރާއަކުން ކުރިއަށްދިއުމަށް ބާރުއަޅައި، ޓޫރިޒަމް އިންޑަސްޓްރީގައި ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތު، ޓޫރިޒަމް އިންޑަސްޓްރީގެ ތަޖުރިބާކާރުން މެދުވެރިކޮށް ދަރިވަރުންނަށް ހިއްސާކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"އަދި މި ޕްރޮގްރާމުގެ މައިގަނޑު ކޮމްޕޯނަންޓަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން މެދުވެރިކޮށް، މި ދާއިރާއިން ސެޓްފިކެޓް، ޑިޕްލޮމާ ނުވަތަ ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް މެންޓާޝިޕް ފޯރުކޮށްދިނުން،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ތިން މަހުގެ މެންޓާޝިޕް ފޯރުކޮށްދޭނެ ކަމަށާއި މެންޓާރުންގެ އެހީގައި ވަޒީފާގެ މާހައުލަށް ދަރިވަރުން ތައްޔާރުކުރާނެ ކަމަށެވެ. އެކަމުގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީއަށާއި ގައުމުގެ އިގުތިސޯދު ކުރިއެރުމުގައި އަންހެނުންގެ ހިއްސާ ބޮޑުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު