ރާއްޖޭގެ ފުރަތަމަ ޑިވިޝަން، ދިވެހި ޕްރިމިއާ ލީގުގެ މެދުތެރެއިން ލީގުން ވަކިވި، ކްލަބު ވެލެންސިއާ އާއި ކްލަބު ގްރީން ސްޓްރީޓްސް ޖޫރިމަނާ ކޮށްފިއެވެ.

ވެލެންސިއާ އާއި ގްރީނުން ލީގުގައި އިތުރަށް ނުކުޅެން ނިންމީ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަން ފުރަތަމަ ބުރުގައި ގައުމީ ޓީމުން ކުޅުނު މެޗަށްފަހު އެފްއޭއެމްގެ އިދާރީ ކަންކަމާ ހެދި ލީގު މެދުކެނޑިފައި އޮތުމަށްފަހު ލީގު ފެށީ ގިނަ ދުވަސްތަކެއް ފަހުންނެވެ. ލީގު ދިގު ލައިގެން ދިޔުމުގެ ސަބަބުން ގްރީން ސްޓްރީޓްސް އާއި ވެލެންސިއާއަށް ވެސް މާލީ ދަތިކަން ކުރިމަތިވެފައިވާ އިރު، ދެ ކްލަބުންވެސް ބުނެފައި ވަނީ އެޓީމުތަކަށް މާލީ ގޮތުން ދޭން ޖެހޭ އެހީތެރިކަން ފުރިހަމައަށް ލިބިފައި ނުވާ ކަމަށެވެ.

މިފަހަރުގެ ލީގު އެފްއޭއެމްއަށް ނުހިންގިގެން ތިންވަނަ ބުރު ކެންސަލް ކޮށް، ދެވަނަ ބުރަށްފަހު ޗެމްޕިއަންކަން ހޮވާ ލީގު ނިންމާލާފައިވާ އިރު، ވެލެންސިއާއިން ލީގު ފެށީވެސް ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންތަކެއް ޓީމުގައި ހިމަނައިގެންނެވެ.

ހާލަތު ގޯސްކޮށް އޮތް ދިވެހި ފުޓުބޯޅައިގެ މިދިޔަ ސީޒަން ގޯހުން ގޯހަށް ގޮސްފައިވާ އިރު، އެފްއޭއެމްއިން ދަނީ އިންތިހާބަކަށް ތައްޔާރުވަމުންނެވެ. އެ އިންތިހާބަށްވެސް މިހާރު ވަނީ ބޮޑެތި މައްސަލަތަކެއް ދިމާވެފައެވެ. އެގޮތުން ގްރީން ސްޓްރީޓްސް އާއި ވެލެންސިއާގެ ވޯޓިން ރައިޓާ މެދުވެސް ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފައެވެ. އެއީ މެޗުތައް ދޫކޮށްލުމުންނެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) "ވަން ސްޕޯޓްސް" އަށް ވިދާޅުވީ މެޗުތައް ދޫކޮށްލި ކްލަބުތަކުގެ މައްސަލަ ބަލައި، އެ ދޫކޮށްލި މެޗުގެ އަދަދުން މިހާރު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެގޮތުން ވެލެންސިއާ އެއް ލައްކަ 180،000 ރުފިޔާއިން އަދި ގްރީން ސްޓްރީޓްސް 150،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ޖައު ވިދާޅުވިއެވެ.

އެފްއޭއެމް ދެވަނަ ޑިވިޝަން މިހާރު ކުރިއަށްދާ އިރު، އެމުބާރާތުގައި މިދިޔަ ހޮނިހިރު ދުވަހު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށް ކްލަބް ޓީނޭޖުން ހާޒިރުވެފައިނުވާތީ އެ ކްލަބް، 30،000 ރުފިޔާ އިން ޖޫރިމަނާ ކުރަންވެސް އެފްއޭއެމްއިން ވަނީ ނިންމައިފައެވެ.