ބޭނުންވަނީ ބާސެލޯނާއަށް ހިދުމަތެއް ކޮށްދީ، ކްލަބުގެ އަގު ނަގަހައްޓަން ކަމަށާއި އެކަން ނުކުރެވި، ކުޅުންތެރިންނަށް އިތުބާރު ގެއްލިއްޖެ ނަމަ، ޕެކް ކޮށްގެން ނައްޓާލަން ތައްޔާރަށް ހުރި ކަމަށް ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.
ބާސާއަށް ކުޅެ، އެ ކްލަބާއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދި ކޯޗު ޒަވީއާއާ އެކު ބާސާއިން މިދިޔަ ސީޒަނުގެ ލީގު ކާމިޔާބު ކުރި ނަމަވެސް، މިހާތަނަށް މި ސީޒަނުގައި އެޓީމަށް އެންމެ އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ. އެންމެފަހުން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ސްޕެނިޝް ކަޕް ފައިނަލްގައި 4-1 އިން ބާސާ ބަލިވެފައިވާ އިރު، މިވަގުތު ލަލީގާ ތާވަލުގެ ހަތަރު ވަނައިގައި އޮތީ އެއްވަނައިގައި އޮތް ޖިރޯނާއަށްވުރެ އަށް ޕޮއިންޓް ފަހަތުގައެވެ.
"އަހަރެން ލޯބިވާ ކްލަބެއް މި ކްލަބަކީ. އަހަރެން އައިސް މިހުރީ ކްލަބަށް ހިދުމަތެއް ކޮށްދީ، ނަތީޖާ ނެރެން. އެކަން ނުވާނަމަ އަހަރެން ގެއަށް ދާން ތައްޔާރު،" 2021 ވަނަ އަހަރު ބާސާގެ ކޯޗުކަމަ ހަވާލުވި ޒަވީ ބުންޏެވެ.
ކުޅުން ހުއްޓާލުމަށްފަހު ގަތަރުގެ އަލް ސާދަށް ކޯޗުކަން ކޮށްދިން ޒަވީ ބުނީ ކުޅުންތެރިން އޭނާއަށް އިތުބާރު ނުކުރާ ދުވަހެއްގައި ބާސާގެ ކޯޗުކަމުގައި ނުހުންނާނެ ކަމަށާއި އޭނާއަކީ މައްސަލަ ކަމަށް ކްލަބުން ކަނޑައަޅާ ހިސާބުން "ފޮށިތަންމަތި" ހިފައިގެން ނައްޓާލާނެ ކަމަށެވެ.
ޒަވީ ބުނީ އޭނާ ބާސާއާ ހަވާލުވީ ކްލަބުގެ ތާރީހުގައިވެސް އެންމެ ބަނަ ދުވަސްތަކުގައި ކަމަށާއި އެ ހާލަތުގައި އޮއްވާ ހަވާލުވެ މިހާތަނަށް ހޯދުނު ތިން ތަށިން އެނގިގެން ދަނީ މަސައްކަތް ފެއިލް ނުވާ ކަމަށް ކަމަށެވެ. އަދި މިހާރު ހުރީ ހަމަޖެހިލައިގެން ކަމަށްވެސް އޭނާ ބުންޏެވެ.
ޒަވީ ހެނާންޑޭޒް
ޒަވީ ހެނާންޑޭޒް
ޒަވީ ހެނާންޑޭޒް