ހއ. ދިއްދޫ ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ވަކިކުރި މައްސަލަ ބަލައިދިނުމަށް އެދި ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ވަހީދު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ދިއްދޫ ފެނަކަ ކޯޕަރޭޝަންގެ ވަޒީފާގައި މަސައްކަތް ކުރި މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓު އާ ނުކޮށް ވަޒީފާ އިން ވަކިކުރި މައްސަލައިގައި އިއްޔެ އެރަށުގައި ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ.
މިކަމާ ގުޅިގެން އެ މައްސަލަ ބަލައި ދިނުމަށް އެދި މެންބަރު އަބްދުﷲ ވަހީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ސިޓީއެއް ފޮނުއްވައިފައެވެ.
އެސިޓީގައި އޭނާ ވިދާޅުވެފައިވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ދިއްދޫގައި އިމާރާތްކުރަން ފަށާފައިވާ ދިއްދޫ އާ އިންޖީނުގެ އާއި އައިސް ޕްލާންޓްގެ މަސައްކަތް ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާ ދީފައިވާ 57 ކޮންޓްރެކްޓް މުވައްޒަފުން އެއްވެސް ނޯޓިސްއެއް ދިނުމަކާ ނުލައި ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފައިވާކަން އެ މުވައްޒަފުން އޭނާގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން އެ މުވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާތަކަށް ނުތަނަވަސްކަން ލިބި ކަންބޮޑުވެފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެހެންކަމުން ދިއްދޫ އިންޖީނުގެ އާއި އައިސް ޕްލާންޓްގެ މަސައްކަތް އަވަހަށް ނިންމަން ބާރު އެޅުމަށާއި އެ މަސައްކަތްތައް ނިމެންދެން އެ މުވައްޒަފުން ވަޒީފާގައި ބޭތިއްބުމަށް ފެނަކަ ކޯޕަރޭޝަންގައި އެދުމުގެ ގޮތުން މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވައިގެން މި ަމއްސަލަ ބައްލަވަވި ދެއްވުމަށް މެންބަރު އަބްދުﷲ ވަހީދުގެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.
ކޮންޓްރެކްޓު އާ ނުކޮށް ކަނޑާލި މުވައްޒަފުންގެ ތެރޭގައި ހިމެނޭ މީހަކު "ވަން" އަށް އިއްޔެ ބުނީ، ވަޒީފާ އިން ވަކިކުރިކަން އެނގުނީ މިއަދު ހެނދުނު އޮފީހަށް ދިއުމުން ކަމަށެވެ.
އޭނާ ބުނި ގޮތުގައި ކޮންޓެރްކްޓު ހަމަވެގެން ވަޒީފާ އިން ވަކި ކޮށްފައި ވަނީ 53 މުވައްޒަފުންނެވެ.
މިކަމާ ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މުވައްޒަފުންގެ ކޮންޓްރެކްޓު އާ ނުކުރީ ދިއްދޫ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށެވެ.
ފެނަކައިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ކޮންޓްރެކްޓް ހަމަވެގެން އެ ކުންފުނީގެ 904 މުވައްޒަފަކު ވަޒީފާއިން ވަކި ކުރިއެވެ. އެކަމުގެ ސަބަބުން 5.3 މިލިއަން ރުފިޔާ ސަލާމަތްވި ކަމަށް އެކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު