އިޓަލީ ލީގުގެ ރޯމާގެ ކޯޗުކަމުގެ މަގާމުން ޖޯސޭ މޮރީނިއޯ ވަކިކޮށްފިއެވެ.
އުމުރުން 60 އަހަރުގެ ޕޯޗުގަލަށް އުފަން ކޯޗު މޮރީނިއޯ، ރޯމާއާ ހަވާލުވީ 2021 ވަނަ އަހަރު މެއި މަހުގައެވެ. އޭގެ އަހަރެއް ފަހުން އޭނާ ވަނީ އެ ކްލަބާއެކު ޔޫއެފާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި މިދިޔަ އަހަރު މޮރީނިއޯ ވަނީ ރޯމާއާއެކު ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރުކޮށްފައެވެ.
މި ސީޒަނުގެ މިހާތަނަށް ރޯމާއަށް އެންމެ އެކަށީގެންވާ ކުޅުމެއް ދެއްކިފައި ނުވާ އިރު، އެޓީމު އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ. އެއީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް އޮޓޮމެޓިކް ކޮލިފިކޭޝަންގެ ޖާގައަށް ފަސް ޕޮއިންޓުގެ ފަރަގެއްގައެވެ. އޭގެ އިތުރުން އިޓަލީގެ ކަޕުން އެޓީމު ވަނީ ކަޓައިފައެވެ. އެއީ ރައިވަލް ލާޒިއޯ އަތުން ބަލިވެގެންނެވެ.
ރޯމާއިން ނެރުނު ބަޔާނެއްގައި އެ ކްލަބުގެ ވެރިން ކަމަށްވާ ޑޭން ފްރީޑްކިންނާއި ރަޔަން ފްރީޑްކިން ވަނީ މޮރީނިއޯގެ ހިދުމަތަށް ޝުކުރު އަދާކޮށްފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ މޮރީނިއޯއާއެކު ކްލަބުން ކާމިޔާބު، އުފާވެރި ދުވަސްތަކެއް ހޭދަކުރި ނަމަވެސް މިވަގުތު އަވަސްކޮށް ބަދަލެއް ބޭނުންވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ރޯމާއިން އެންމެފަހުން ލާޒިއޯއާއާ ދެކޮޅަށް ކުޅުނު މެޗުގައި މޮރީނިއޯއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. އެއީ ފުލުފުލުގައި އޭނާ ހޯދި ދެވަނަ ރަތް ކާޑެވެ. ރޯމާގެ ހާލަތާ މެދު ހިތްހަމަނުޖެހި މޮރީނިއޯ ވަނީ ޝަކުވާވެސް ކޮށްފައެވެ. މޮރީނިއޯ ބުނީ ރޯމާގައި އޭނާ ހުރުމުން މާ ބޮޑެތި އުންމީދުތަކެއް ކުރާ ކަމަށާއި، އޭނާއަކީ ހެރީ ޕޮޓާ ކަމަށް މީހުން ގަބޫލުކުރާ ކަމަށެވެ.
މޮރީނިއޯ ރޯމާއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ މި ސީޒަނުގެ ނިޔަލަށެވެ. ފަހުގެ ތާރީހު ދުށް އެންމެ މޮޅު އެއް ކޯޗު މޮރީނިއޯ އަކީ ކުރިން ޗެލްސީއާއެކު ޕްރިމިއާ ލީގު ކާމިޔާބުކޮށް، މެންޗެސްޓާ ޔުނައިޓެޑާއެކު ޔޫރޮޕާ ލީގުވެސް ކާމިޔާބު ކުރި ކޯޗެވެ. އޭގެ އިތުރުން އޭނާ ވަނީ ރެއާލް މެޑްރިޑާއެކު ކާމިޔާބީތައް ހޯދައި، އިންޓަ މިލާނާއި ޕޯޓޯއާއެކުވެސް ޗެމްޕިއަންސް ލީގު ހޯދައިފައެވެ.
ހޯސޭ މޮރީނިއޯ
ހޯސޭ މޮރީނިއޯ
ހޯސޭ މޮރީނިއޯ