އިންޑިއާގެ ސިފައިން ރާއްޖެއަށް ފޮނުވައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލުކުރަން، އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ސީނިއާ ޕޮލިޓިޝަނެއް ކަމަށްވާ ސުބްރަމަނިއަން ސުވާމީ ގޮވައިލުމުން، އެމްޑީޕީން އެކަން ކުށްވެރިކޮށްފިއެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރެއް ކަމަށްވާ ސުބްރަމަނިއަން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒު، ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދަން މުހުލަތެއް ދީފައިވާ ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކޮށްފިނަމަ ފިޔަވަޅު އަޅާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށް ސުބްރަމަނިއަން ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ އެ އެންގުމާ އެއްގޮތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަމަލުކުރައްވާނީތޯ ނޫނީ ރާޖީވް ގާންދީ ހެދިހެން، ސިފައިން ފޮނުވައި ރައީސް މުއިއްޒު، ވެރިކަމުން ދުރުކުރާނީތޯ ސުބްރަމަނިއަން ސުވާލު އުފެއްދެވިއެވެ.
އެކަމާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖެއާއި އިންޑިއާއާ ދެމެދު ނަފުރަތު އުފެދޭ ގޮތަކަށް، އެފަދަ ވާހަކައެއް ދެއްކުމަކީ ޒިންމާދާރުކަން ކުޑަ އަދި އެއްވެސް ހަރުދަނާ ކަމެއް ހުރި ކަމެއް ނޫން ކަމަށެވެ.
"އެފަދަ ސްޓޭޓުމެންޓުތަކަށް އިތުރު ކޮންސިޑަރޭޝަނެއް ދީގެން ނުވާނެ. އެފަދަ ކަންކަމަށް އަޅާލައިގެން ނުވާނެ. އެމްޑީޕީން ސުވާމީއަށް ގޮވާލަނީ ސިޔާސީ މަންފާއެއް ހޯދުމަށް ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގާތްގުޅުމަށް ރައީސް މުއިއްޒު، މިފަހުން ދެއްކެވި ވާހަކަތަކެއްގެ ސަބަބުން ބުރޫ އަރާފައިވާ ކަމަށެވެ. ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ގޯސްވިޔަ ނުދީ މައްސަލަ ހައްލުކުރުން މުހިންމު ކަމަށް އެމްޑީޕީން ބުންޏެވެ.
ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިވެފައިވަނީ އެއްގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމެއްގެ މައްޗަށް ކަމަށާއި އަދި ދެ ގައުމުގެ މީހުން، އެކަކު އަނެކަކަށް ކުރާ އިހުތިރާމެއްގެ މައްޗަށް ކަމަށް އެމްޑީޕީން ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނަވަނިކޮށް ވެސް ސުބްރަމަނިއަން ވަނީ އިންޑިއާ ސިފައިން، ރާއްޖެއަށް ފޮނުވުމަށް ގޮވާލައިފައެވެ. އެފަހަރު ޔާމީން ވަނީ އެ މައްސަލަ އދ. އަށް ވެސް ހުށަހަޅުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު