އުރީދޫއާއެކު މިޝަން ފޯ މައިގްރެންޓް ވޯކާސްއިން މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުންދާ ހާއްސަ ކްރިކެޓް ކާނިވަލް މިއަހަރުވެސް ބާއްވަން ނިންމައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ފޭސް ޓޫގައި މުބާރާތް ފަށަން ތާވަލުކޮށްފައި އޮތް ނަމަވެސް، ވިއްސާރަވުމުން މުބާރާތް ވަނީ އަންނަ ހުކުރަށް ފަސްކޮށްފައެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް، މުބާރާތަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެއެވެ. ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ޝާމިލްވެސް ކުރިއަށް ގެންދަން ތައްޔާރުވެފައިވާ އިވެންޓްގައި މަސައްކަތްތެރިންނަށް އުފާވެރި ހިތްގައިމު މާހައުލެއް ތަނަވަސްކޮށްދޭން ވަނީ ނިންމައިފައެވެ.

އެގޮތުން ކްރިކެޓް ކާނިވަލް ކުރިއަށްދާ ސަރަހައްދުގައި މިފަހަރުވެސް ހިލޭ މެޑިކަލް ސްކްރީން ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.

މެއިން ސްޕޮންސާ އުރީދޫން ބުނެފައި ވަނީ އެމްއެމްޑަބްލިޔުއެމްއާ ގުޅިގެން ކްރިކެޓް ކާނިވަލެއް ބިދޭސީ މަސައްކަތްތެރިންނަށް ގެނެސްދޭ އެންމެ ބޮޑު އެއް ބޭނުމަކީ މަސައްކަތްތެރިންގެ ބުރަ ދިރިއުޅުމުން ވަގުތު ކޮޅެއް ހުސްކޮށް، ހިތްހަމަ ޖައްސާލަން ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މިޝަން ފޯ މައިގްރެންޓް ވޯކާސް އިން މޯލްޑިވްސްއިން ކުރިއަށް އޮތްތަނުގައިވެސް މަސައްކަތްތެރިންގެ ހައްގުގައި އެކިއެކި އިވެންޓްތައް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، މިއީ އުރީދޫއާއެކު ކްރިކެޓް ކާނިވަލް ގެނެސްދޭ ތިންވަނަ ފަހަރެވެ.