ދުނިޔޭގެ ބާރުގަދަ ފުދުންތެރި ބިޔަ ގައުމުތަކުގެ އަވަށްޓެރިކަން ލިބުމަކީ ވަރަށް ގިނަ ސަރަހައްދުތަކުގައި ކުދިކުދި ގައުމުތަކަށް ވަރަށް ބޮޑު ނިއުމަތެކެވެ. ކެރީބިއަން ސަރަހައްދުގެ ކުދިކުދި އެންމެހައި ގައުމުތަކުގެ މަދަދުގާރަކީ އެމެރިކާއެވެ. ދެން ކެނެޑާއެވެ. ދެކުނު ޕެސިފިކްގެ ކުދިކުދި ގައުމުތަކަށް އެޒާތުގެ ބޮޑުބޭބެއަކީ އޮސްޓްރޭލިޔާއެވެ. ދެން ނިއުޒީލެންޑެވެ. މިކަން މިމަގުން ނުހިނގާއޮތީ އެންމެ ސަރަހައްދެކެވެ. އެއީ ދެކުނު އޭޝިޔާއެވެ. ދެކުނު އޭޝިޔާގެ އެންމެ ބިޔަ ބޮޑު ބާރަކީ އިންޑިޔާއެވެ. އެކަމަކު މިސަރަހައްދުގެ އެހެނިހެން ގައުމުތަކަށް ބަރޯސާކުރެވޭ ހެޔޮއެދޭ އެކުވެރި ބޮޑުބޭބެއަކު ކަމުގައި އިންޑިޔާ ނުވެއެވެ. ސަބަބަކީ ކޮބައިބާވައެވެ. މި ސުވާލު އުފެދެން މެދުވެރިވީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ދުވަހަކުވެސް އިންޑިޔާގެ ހަތުރެއް ކަމުގައިނުވާ އަދި އެގައުމަކާ ދުވަހަކުވެސް މައްސަލައެއް ޖެހިފައިނުވާ ކުޑަކުޑަ ދިވެހިރާއްޖެ ބޮއިކޮޓް ކުރުމަށް އިންޑިޔާ މިދުވަސްވަރު ފޫގަޅައިގަތުމުންނެވެ.

ދިވެހިރާއްޖެއަކީ އިންޑިޔާއާ ވަރުންއެޅިގެންވާ ގައުމެއް ނޫނެވެ. މާކުޑަކުޑަ ތަނެކެވެ. އެކަމަކު ދިވެހިރާއްޖެ ބޮއިކޮޓް ކުރުމުގެ އަޑު ނޫން އަޑެއް އިންޑިޔާއަކުން މިދުވަސްވަރު ނީވެއެވެ. ދިވެހިރާއްޖެ އިގްތިސާދީގޮތުން އިނދަޖައްސައިލަންވީޔޯލައެވެ. މައްސަލައެއް ނެތެވެ. ބޮއިކޮޓް ކުރަންވީއެވެ. އެކަމަކު އިންޑިޔާއަށް އެކަމުން އޮތީ ފައިދާއެއްތޯ ނުވަތަ ގެއްލުމެއްތޯ ވިސްނައިލުމަކީވެސް އޮތްކަމެކެވެ. އިންޑިޔާއަށްވެސް ފައިދާއެއް އޮތިއްޔާ އޮންނާނީ ފުދުންތެރި ހަމަޖެހޭ ގައުމުތަކެއް އަވަށްޓެރިންގެ ގޮތުގައި ތިބެގެންނެވެ. މަންފާކުރަނިވި ވިޔަފާރީގެ ގުޅުންތަކެއް ދެމެހެއްޓޭނީ އެގޮތުންނެވެ. އެކަމަކު ހިތާމަޔަކީ އެހެން ގޮތަކަށް އިންޑިޔާއިން މިސްރާބު ހިފާފައި އޮންނަ އޮތުމެވެ. ދިވެހިރާއްޖެ އެކަންޏެއް ނޫނެވެ. ދެކުނު އޭޝިއާގެ ހުރިހައި ގައުމުތަކެއްވެސް ތިބީ މިދެންނެވި މަގުން އިންޑިޔާގެ ކޮންމެވެސް ކަހަލަ ބޮއިކޮޓްކުރުމެއްގެ ތެރޭގައެވެ. ޕާކިސްތާނާއި ނޭޕާލެވެ. ސްރީލަންކާ އާއި ދިވެހިރާއްޖެއެވެ. ބަންގްލަދޭޝް އާއި ބޫޓާނެވެ.

މިކަމުގެ މިސާލެއް އެންމެ ފުރަތަމަ ނަގާނީ ނޭޕާލުންނެވެ. ނޭޕާލަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑަށް ބަރޯސާކުރާ ގައުމެކެވެ. އާއްމުކޮށް އެގައުމަށް ވަދެނުކުމެވެވޭ ދޮރާއްޓަކީ ވެރިރަށް ކަތުމަންޑޫގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރެވެ. އެއީ އަބަދު ތޮއްޖެހި ބާރުބޮޑުވެފައި އޮންނަ ތަނެކެވެ. ނޭޕާލުގެ ބިޔަކަމާއި ފަތުރުވެރިން ދާންއެދޭ ތަންތަނުގެ ދުރުކަމުން ބައިނަލްއަގުވާމީ އިތުރު ދެ އެއަރޕޯޓް ދާދިފަހުން ވަނީ ތަރައްގީކޮށްފައެވެ. ނޭޕާލުގެ ދެކުނުބިތުގައިވާ ލުމްބީނީގައި ތަރައްގީކުރި ގައުތަމް ބުއްދާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ނޭޕާލުގެ މެދުއުތުރުގައި ތަރައްގީކުރި ޕޮކާރާ އިންޓަރނޭޝަނަލް އެއަރޕޯޓެވެ. ލުމްބީނީގައި މި އެއަރޕޯޓް ތަރައްގީކުރީ ސަރުކާރުން ގާތްގަނޑަކަށް ސަތޭކަ މިލިޔަނެއްހައި ޑޮލަރު ޚަރުދުކޮށްގެންނެވެ. އުންމީދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިންނާއެކު ލުމްބީނީއަށް ބޮޑެތި ބޮޑެތި އެއަރލައިންތައް ގެނައުމެވެ. ގަތަރު އެއަރވޭޒް އާއި އެމިރޭޓްސް އެވެ. ޓާކިޝް އެއަރލައިނާއި އެއަރ ފްރާންސެވެ.

އެކަމަކު ހީކުރިގޮތަކަށް މިކަމެއް ނުވިއެވެ. ލުމްބީނީއަށް އައިސްގޮސް ވުމަށް އިންޑިޔާގެ ވައިގެ ސަރަހައްދު ބޭނުންކުރަންޖެހޭއިރު އިންޑިޔާ ސަރުކާރުން އެ ހުއްދަ ނުދިނީއެވެ. ބޮޑެތި އެއަރލައިންތަކަށެވެ. ލުމްބީނީ އޮންނަނީ ނޭޕާލުގެ ދެކުނު ބިތުން އިންޑިޔާގެ ބޯޑަރާއި ނުހަނު ގާތުގައެވެ. ޔޫރަޕުންނާއި މެދުއިރުމަތިން އެތަނަށް މަތިންދާބޯޓުގައި ދެވޭނީ އިންޑިޔާގެ ވައިގެ ސަރަހައްދަށް ވަދެގެންނެވެ. އިންޑިޔާގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ނިއުދިއްލީން ނުދިނީ ކީއްވެބާވައެވެ. އެއް ސަބަބަކީ މި އެއަރޕޯޓް ތަރައްގީކުރީ ޗައިނާގެ ކުންފުންޏަކުން ކަމަށް ވުމެވެ. ޗައިނާގެ ނޯތުވެސްޓް ސިވިލްއެވިއޭޝަން އެއަރޕޯޓްސް ކުންފުންޏެވެ. އިންޑިޔާގެ ވައިގެ ސަރަހައްދަށް ނުވަދެ ދެން ލުމްބީނީއަށް ދެވެން އޮތީ މާދުރުގެ ރާސްތާއަކުން އުދުހިގެންނެވެ. އިންޑިޔާ ވަށާލައިފައެވެ. އެއީ ޚަރަދުބޮޑު އުދުހުމެކެވެ. ކޮންމެއަކަސް ލުމްބީނީ ތަރައްގީ ކުރުމުގެ ހުވަފެނުގައި އެއޮތީ ކުލަނުޖެއްސިފައެވެ.

ލުމްބީނީގެ އެއަރޕޯޓާއެކު އެތައް ބަޔަކު އައު ހޮޓަލާއި ގެސްޓް ހައުސްތައްވެސް އިމާރާތް ކުރިއެވެ. ލޯނު ނަގައިގެންނެވެ. އެކަމަކު އިތުރު ޓޫރިސްޓުން ގެނެވޭނެ ގޮތެއް ނުވުމުން އިންވެސްޓަރުން ވަނީ ދަރަނިވެރިވެ އިނދަޖެހިފައެވެ. ލުމްބީނީއަށް ދާންއެދޭ މީހަކުވިއްޔާ އެމީހަކަށް އޮތީ ދެންވެސް ވެރިރަށް ކަތުމަންޑޫއިން ފުރައިގެން އެއްގަމުން 250 ކިލޯމީޓަރުގެ ދިގުދަތުރެކެވެ. ނޭޕާލުގެ އުތުރުގައިވާ ޕޮކާރާ އެއަރޕޯޓަށްވެސް ދިމާވެފައިވަނީ ހަމަ މިކަހަލަ ގޮތެކެވެ. ޕޮކާރާ އެއަރޕޯޓާއި އެތަނުގެ އޮނިގަނޑު ތަރައްގީކުރީ ޗައިނާގެ ބޭންކުތަކުން 215 މިލިޔަން ޑޮލަރުގެ ލޯނު ނަގައިގެންނެވެ. މި އެއަރޕޯޓަށް ޔޫރަޕުންނާއި މެދުއިރުމަތިން ދަތުރުކުރުމަށް އިންޑިޔާގެ ވައިގެ ސަރަހައްދު ބޭނުންކުރަންޖެހޭއިރު އިންޑިޔާއަކުން އެ ހުއްދައެއް ނުދިނެވެ. އެކަމަކު ޗައިނާ އާއި ކޮރެޔާ އާއި ޖަޕާނު ކަހަލަ އިރުމަތީގެ ގައުމުތަކުން އިންޑިޔާގެ ވައިގެ ސަރަހައްދަށް ނުވަދެ ދަތުރު ކުރެވެއެވެ.

ކޮންމެއަކަސް ޕޮކާރާ ތަރައްގީކުރީ މައިގަނޑު ގޮތެއްގައި ޔޫރަޕުގެ ފަތުރުވެރިންނަށްޓަކައެވެ. އުސް ފަރުބަދަތަކަށް އަރަން ބޭނުންވާ މީހުންނަށްޓަކައެވެ. އެމީހުންނަށް ސީދާގޮތެއްގައި ފަސޭހަކޮށް ޕޮކާރާއަށް ދެވޭގޮތް ތަނަވަސް ނުވީމާ ނޭޕާލުން ކުރި ޚަރަދު ވެފައިވަނީ ދަރަނީގެ ދަންތުރައަކަށެވެ. ޗައިނާއިން ލޯނު ނެގިކަމަށްޓަކައި އިންޑިޔާ އޮތީ ނޭޕާލުގެ ތަރައްގީއަށް މަގުފަހިކޮށްދޭގޮތަކަށް ނޫނެވެ. ސިޔާސަތަކީ ނޭޕާލުގެ ތަރައްގީއަށް ހުރަސްއެޅުމެވެ. ނޭޕާލުގެ ވާހަކަ މިހިސާބުން ކުރުކޮށްފައި ސްރީލަންކާއަށް ބަލައިލަމާބަހީއެވެ. ރައީސް މައިތިރިޕާލާ ސިރިސޭނާގެ ދައުރުގައި ސްރީލަންކާ އާއި އިންޑިޔާގެ ގުޅުން އޮތީ ބަދަހިކޮށެވެ. ދެންއައީ ގޮޓަބަޔާ ރާޖަޕަކްސާގެ ވެރިކަމުގެ ދައުރެވެ. ގޮޓަބަޔާވެސް ގެންގުޅުއްވީ އޭނާގެ ބޭބެ މަހިންދަ ރާޖަޕަކްސާ ފަދައިން އިންޑިޔާއަށްވުރެ ޗައިނާއާ ގާތްކަން ބެހެއްޓުމުގެ ސިޔާސަތެކެވެ. މިއީ އިންޑިޔާއަށް ހަޖަމު ނުކުރެވުނު ކަމެކެވެ. ފަރުދާގެ ފުރަގަހުގައި ދެން ކުރާންފެށި ކަންކަމުގެ ނަތީޖާ ފެނުނީ ކޮވިޑުގެ ތެރޭގައެވެ.

ސްރީލަންކާ ދިޔައީ ދަރަނިވެރިވެގެންނެވެ. ސްރީލަންކާ އިނދަޖައްސައިލީ އިންޑިޔާއިންނޭ ބުނަނީކީއެއް ނޫނެވެ. އެކަމަކު ހަގީގަތަކީ އެއީކަމަށް ގަބޫލުކުރާ މީހުން ލަންކާގައި ވަރަށް ގިނައެވެ. ސްރީލަންކާގައި ހަމަނުޖެހުންތައް ހިނގަމުންދިޔަ ދުވަސްވަރު އިވުނީ ހަމައެކަނި ރާޖަޕަކްސާއިންނާ ދެކޮޅު ގޮވެލިފައްޗެއް ނޫނެވެ. އިންޑިޔާއާ ދެކޮޅު ފަތިވަރުތަކުގެ އަޑުވެސް ގަދައަށް އިވުނެވެ. ލަންކާގެ ކަންކަމާ ނުބެހޭށޭ، މިއީ އިންޑިޔާގެ ސްޓޭޓެއް ނޫނޭ، މިއީ މިނިވަން މުސްތަގިއްލު ގައުމެކޭ، މިކަހަލަ އަޑުއަޑެވެ. ގައިމުވެސް މި އަޑުތައް އިއްވާނީ ސްރީލަންކާގެ ރައްޔިތުންގެ ހިތްތަކުގައި އިންޑިޔާއާމެދު ރުޅިވެރިކަމެއް އޮވެގެންތާއެވެ. ރުޅިވެރިކަމެއް އުފެދޭނީ ސަބަބުތަކެއްވެސް ހުރެގެންތާއެވެ. އިންޑިޔާގެ އަވަށްޓެރިންގެ ތެރެއިން ދެންއޮތީ ޕާކިސްތާނުގެ ވާހަކައެވެ. ބަންގްލަދޭޝް އާއި ބޫޓާނުގެ ވާހަކައެވެ. އެއީ މިކަހަަލަ ކުރު ލިޔުމެއްގައި އަލިއަޅުވައިލެވޭވަރަށްވުރެ ދިގު ވާހަކަ ވާހަކައެވެ. އެހެންވީމާ އެހެން ފަހަރަކަށް އެވާހަކަ ބާއްވާފައި މިފަހަރު ނިންމައިލާނީއެވެ.