ދިވެހި ސަރުކާރާ މަޝްވަރާކުރީ ޑޯނިއޯ އަދި ހެލިކޮޕްޓަރުގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ކަމަށް އިންޑިއާގެ އެކްސާޓަނަލް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.
އިންޑިއާއިން، ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު އަދި އިންޑިއާގެ ހައި ކޮމިޝަންގެ އިސް ޑިޕެލޮމްޓުންނާއެކު ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ މަތީ ފަންތީގެ ބައްދަލުވުމެއް، މިނިސްޓްރީގައި ބާއްވައިފައެވެ.
އިންޑިއާގެ އެކްސާޓަނަލް އެފެއާޒުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބައްދަލުވުމުގައި ވަނީ މިހާރު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ކަމަށެވެ. އަދި ވަނީ ދެ ގައުމުގެ މެދުގައި ގުޅުން އިތުރަށް ބަދަހިކޮށް، އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތް އަވަސްކުރުމަށް ކަމަށެވެ.
"އަދި ވަނީ ދެ ގައުމުގެ އެއްބަސްވާ ގޮތެއްގެ މަތިން ރާއްޖޭގައި ހުރި އިންޑިއާގެ އޭވިއޭޝަން ޕްލެޓްފޯމްތައް ބޭނުން ކުރެވޭނެ ގޮތެއް ހޯދުމަށް މަޝްވަރާކޮށްފަ،" އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން، އަނބުރާ އިންޑިއާއަށް ގެންދިއުމުގެ މަސައްކަތް އަވަސްކުރުމަށް އިންޑިއާއިން ވަނީ އެއްބަސްވެފައި ކަމަށެވެ.
"ދެ ފަރާތުން ވެސް ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތް އަވަސްކުރަން އެއްބަސްވެފައި،" ފޮރިން މިނިސްޓްރީން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު، ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވި ސްޓޭޓްމެންޓެއްގައި ވިދާޅުވެފައިވަނީ އަންނަ މާޗު މަހުން ފެށިގެން ރާއްޖޭގައި ބަލިމީހުން އުފުލާނީ އިންޑިއާއިން ހަދިޔާކުރި ހެލިކަޕްޓަރާއި ޑޯނިއާ ބޯޓުގައި ނޫން ކަމަށެވެ. އަންނަ މާޗު މަހުން ފެށިގެން އެއާ އެމްބިއުލާންސްގައި ބަލި މީހުން އުފުލަން ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
"ހެލިކޮޕްޓަރެއް ނޫން، ޑޯނިއާއެއް ނޫން. ޑޭޝް 8ގެ އަޅުގަނޑުމެންގެ އޮތް މަތިންދާ ބޯޓު މިހާރު ބަދަލުކުރުމުގެ މަސައްކަތް އެ ވަނީ ފެށިފައި،" ރައީސް ވިދާޅުވެފައިވެއެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އިންޑިއާ އިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓާއި ހެލިކޮޕްޓަރުތަކުގައި ޕައިލެޓުންގެ ގޮތުގައި މިހާތަނަށް މަސައްކަތްކުރަމުން ގޮސްފައިވަނީ އިންޑިއާ ސިފައިންގެ ޕައިލެޓުންނެވެ. އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އެ މަސައްކަތްތައް ކުރި ނަމަވެސް، އިންޑިއާ ސިފައިން ހަރަކާތްތެރިވުމަކީ މި ސަރުކާރުގެ ބޮޑު ކަންބޮޑުވުމެކެވެ. އެގޮތުން އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވައިލުމަކީ ވެސް ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު