އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ އަންނަ މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކާއި، އެ ދާއިރާތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް ކެންޑިޑޭޓް ނަންބަރާއެކު ޕާޓީގެ ވެބްސައިޓުގައި މިހާރު އާންމުކޮށްފައިވާނެ ކަމަށެވެ.
"މި ދާއިރާތަކުގެ ޕްރައިމަރީ އޮންނާނީ 03 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހު،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ 16 މެމްބަރަކަށް، ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ މަޖިލިސް ޓިކެޓު ވަނީ ކަށަވަރުކުރެވިފައެވެ. އެ މެންބަރުންނަށް ޓިކެޓު ކަށަވަރުވެފައިވަނީ ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރެއްވި ދާއިރާތަކަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީއެވެ.
- ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
- ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު
- މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
- މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ
- ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
- ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު
- ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު
- ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
- ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ
- ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދު
- ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދުދީދީ
- ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
- ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް
- ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް
- ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް
- މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
އެމްޑީޕީން ބުނެފައިވަނީ ޕްރައިމަރީއަކާ ނުލައި 36 މީހަކަށް އެ ޕާޓީގެ ޓިކެޓު ކަށަވަރުވެފައިވާ ކަމަށެވެ.
އެމްޑީޕީން އެ ޕާޓީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު