އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ޗެލްސީއާއި މެންޗެސްޓާ ސިޓީންވެސް މޮޅުވެއްޖެއެވެ.

ޗެލްސީން ރޭ އަމިއްލަ ދަނޑުގައި ފުލަމް ކައިރިން 1-0 އިން އުނދަގޫ މޮޅެއް ހޯދިއިރު، އެންމެފަހުގެ ޗެމްޕިއަން ސިޓީން ކެވިން ޑިބްރޭނާގެ އެނބުރި އައުމާއެކު ނިއުކާސަލް ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

ސިޓީ ރަށުން ބޭރުގައި ހޯދި މޮޅާއެކު އެޓީމުން ވަނީ ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ. އެއީ 20 މެޗުން 43 ޕޮއިންޓާއެކުގައެވެ. ލިވަޕޫލުން އެއްވަނައިގައި 20 މެޗުން 45 ޕޮއިންޓާއެކު އޮތް އިރު، މިރޭ ހޯދި މޮޅާއެކު ޗެލްސީން ވަނީ 10 ވަނައިން މައްޗަށް ޖެހިލައިފައެވެ. އެޓީމުން ހޯމްގައި އެންމެފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައިވާ އިރު، މިވަގުތު އަށް ވަނައިގައި އޮތީ 21 މެޗުން 31 ޕޮއިންޓާއެކުގައެވެ.

ޗެލްސީން ކުޅުނު މެޗުގެ ފުރަތަމަ ކޮޅުގައި ހަމަލާތައް މަދުކޮށް ފެނުނު އިރު، ޗެލްސީން ހާފު ނިންމާލީ ލީޑާއެކުގައެވެ. އެއީ ރަހީމް ސްޓާލިންނަށް ފުލަމް އޭރިއާ ތެރެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީގައި ކޯލް ޕާމާ ޖެހި ގޯލެކެވެ.

ޗެލްސީން ދެވަނަ ހާފަށް ނުކުމެ ނުރައްކާ ބޮޑު ކުރި ނަމަވެސް، މަދުވީ ގޯލެކެވެ. ސްޓާލިންނާއި ކޯނޯ ގަލެގާގެ ހަމަލާތައް ދަނޑިއަށް އަމާޒުވި އިރު، އަނެއްކޮޅުން ފުލަމްގެ ރައުލް ހިމަނޭޒް ވަނީ ޗެލްސީގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

ސިޓީން ރަށުން ބޭރުގައި ކުޅުނު މެޗުގައި ބަނާޑޯ ސިލްވާ ގޯލެއް ޖަހައި ލީޑު ނެގި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެލެކްސެންޑާ އިސާކާއި އެންތޮނީ ގޯޑަން ޖެހި ގޯލުތަކުން ނިއުކާސަލް ފަހަތުން އަރައި ލީޑު ނެގިއެވެ.

މެޗުގެ އޮއިވަރު އެއްކޮށް ބަދަލުވެގެން ދިޔައީ އަނިޔާއިން ރަނގަޅުވެ މަދުމަދުން ކުޅުނަށް ނުކުންނަމުންދާ ކެވިން ޑިބްރާނާގެ ތަފާތުންނެވެ. އޭނާ ކުޅެން އެރިތާ މާގިނައިރެއް ނުވަނީސް ގޯލު ޖަހައި، އެންމެފަހުން ސިޓީ މޮޅުވާން ޖެހި ގޯލަށް އެސިސްޓް ކޮށްދިނެވެ. އެ ގޯލު ޖެހީ ޒުވާން ކުޅުންތެރިޔާ އޮސްކާ ބޮބެވެ.