ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު ޖަމިއްޔާ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންތިހާބުގެ ކޮޅިގަނޑު ބޯމަތިވެއްޖެއެވެ. ތަން ބޮއްސުންލައި، ތަހުގީގަށް ހުޅުވިފައި އޮތް ހާލަތުގައި ކުއްލިއަކަށް އިންތިހާބަކަށް ހުށަހެޅުމުގައިވެސް ކަންތައްތަކެއް ވާނެއެވެ. އިހުލާސްތެރިކަމަށް "ދެއްކުމަށް" އެކަން ކުރި ނަމަވެސް، އަދިވެސް ހެޔޮ ނިޔަތެއް ނެތްކަން މިހާރު ތިލަވަމުންދާ ކަންތައްތަކުން ސާފެވެ. އިންތިހާބަށް މަދު ދުވަސްކޮޅަކަށްވީ އިރު، މިހާރު "ވާއެއް ނުވާއެއް" ނޭނގެއެވެ. އިންތިހާބު ހުއްޓާލަން ސްޕޯޓްސް ކޮމިޝަނަރު ގޮވާލެއްވުމުން އެކަމަށްވެސް އިޖާބައެއް ނުދިނެވެ. މަދު ކްލަބުތަކެއްގެ ކޮންޓްރޯލުން ފުޓުބޯޅަ ހިންގުމުގެ އުސޫލުގެ ތެރެއިން ގޮސް، މިހާރު އިންތިހާބަށް ނުކުންނަން ހުރީވެސް އެންމެ ކެންޑިޑޭޓެކެވެ.
މިމަހުގެ 31 ވަނަ ދުވަހު އިންތިހާބު ބާއްވަން އެފްއޭއެމުން އަވަސް އަރުވާލާފައިވާ އިރު، އެކަމުގެ ކުރިން ހައްލުކުރަން ޖެހޭ އެތައް ކަމެއް އޮތް ގޮތަށް އޮތީއެވެ. ސިޓީތަކުގެ ސައްހަކަމުގެ މައްސަލައިން ފެށިގެން ގޮސް، "އެލިޖިބިލިޓީ" މައްސަލަތައްވެސް އޮތީ ބޮޑުކޮށެވެ. ހަމައެހެންމެ، އަތޮޅު ތެރޭގެ ޒޯން ކްލަބުތަކުގެ ހައްގުގައި އަސާސީ ގަވާއިދަށް ގެންނަން ޖެހޭ އިސްލާހުތަކަށްވެސް ހިޔާލެއް ފިކުރެއް ނެތެވެ. އާންމު އުސޫލުން އެފްއޭއެމްގެ ކަންކަން ނިންމާ ގޮތަށް، "ސިއްރުން" އަވަސްކޮށް އިންތިހާބުވެސް ނިންމާލަން އުޅޭހެން ހީވެއެވެ.
އިންތިހާބުގެ ކުރިން ދެކެވުނު ވާހަކައަކީ އެންމެފަހުގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިމަތިނުލައްވާ ވާހަކައާއި ކްލަބުތަކުގެ ތާއީދު އޭނާއަށް ގެއްލުނު ވާހަކައެވެ. ކޮންމެއަކަސް، ބައްސާމަށް މަގާމު ގެއްލުނު ކަމަށް ގިނަ ބަޔަކު ދެކެމުން ގޮސް، ސްޕޯޓްސް ކޮމިޝަނުން އެކަމަށް އިއްތިފާގުވެސް ވިއެވެ. އެހެން ނަމަވެސް، އެފްއޭއެމުން ބެލިބެލުމުން އެކަން އެހެނެއް ނުވެއެވެ. އެތެރެ އެތެރެއިން ނިންމާލި ނިންމުންތަކުން ބައްސާމްގެ މަގާމު ދެމިއޮތް ކަމަށް އެފްއޭއެމުން ނިންމިއެވެ.
އެކަމަށް މިހާރު މާ ބޮޑު ފަރުވާލެއް ނުވެސް ނެތެވެ. މިހާރު ދެކެވޭ ވާހަކައަކީ ދެ ކެންޑިޑޭޓުންގެ ވާހަކައެވެ. އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލީ ކުރިން އެ އިދާރާގެ ރައީސް ކަމާއި، ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރެއްވި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯގައި ހިމެނުނު މުފާވިޒު ހާޝިމް (މުފާ) އެވެ.
އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން، ކޮންމެ ކެންޑިޑޭޓަކު އަތުގައިވެސް މަދުވެގެން، ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބްގެ ތާއީދު އޮންނަން ޖެހެއެވެ. އެ ތާއީދަށް ކުރި މަސައްކަތުގައި، ކްލަބު ވެލެންސިއާގެ ތާއީދު ދެ ބޭފުޅުންވެސް ހޯއްދަވައި، ސިޓީ ހުށަހެޅުއްވިއެވެ. ދެ ކެންޑިޑޭޓުންނަށްވެސް ވެލެންސިއާއިން ތާއީދު ސިޓީ ދިން އިރު، ވެލެންސިއާއިން ޓޮމްއަށް ތާއީދު ސިޓީ ދިނީ، އެ ކްލަބުގެ ޗެއާމަން، އަބްދުﷲ އަޒްމީން ސޮއިކުރައްވައި، ބޯޑު މެންބަރުންގެ ރިޒޮލިއުޝަން އަކާ އެކުއެވެ. މުފާ އަތުގައި އޮތް ސިޓީއަކީ ވެލެންސިއާގެ ވައިސް ޗެއާމަން، އިލްމާއު ހުސެއިން (މައު) ސޮއިކުރައްވާފައިވާ ބޯޑު މެންބަރުންގެ ތާއީދު ހިމެނޭ ސިޓީއެކެވެ.
ވެލެންސިއާގެ މި ދެ ތާއީދު ސިޓީގެ މައްސަލައިގައި، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީން ވަނީ މިކަމުގައި އަމަލުކުރާނެ ގޮތެއް އޮޅުންފިލުވަން ގާނޫނީ ލަފަޔަކަށް އޭއެފްސީގެ ކިބައިން އެދިފައެވެ. އޭއެފްސީގެ ލަފާ ލިބުމާއެކު، އިއްޔެ ބޭއްވި އިލެކްޓޯރަލް ކޮމިޓީގައި ނިންމާފައިވަނީ، ވެލެންސިއާއިން ދިން ދެ ސިޓީ ވެސް ކެންސަލް ކުރުމަށެވެ.
އެ ނިންމުމާއެކު، ތޯރިގު އަތުގައި އޮތީ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބުގެ ތާއީދެވެ. މުފާ އަތުގައި، ފަސް ކްލަބްގެ ތާއީދު އެބައޮތެވެ. ކޮންމެ ކެންޑިޑޭޓަކު އަތުގައިވެސް މަދުވެގެން ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބްގެ ތާއީދު އޮންނަން ގަވާއިދު ލާޒިމް ކުރާ އިރު، ތޯރިގު އަތުގައި އެ އަދަދަށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ތާއީދު ނެތުމުން، އޭނާގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށް އިލެކްޓޯރަލް ކޮމިޓީން ވަނީ ނިންމައިފައެވެ.
ވެލެންސިއާގެ ސިޓީގެ މައްސަލައިގައި އެތައް ވާހަކައެއް މިހާރު ވަނީ ތިލަވެފައެވެ. ހަގީގަތުގައި ބުނާ ކަމަށް ވާނަމަ، އެ ދެސިޓީއަކީވެސް ސައްހަ ދެސިޓީއެކެވެ. ވެލެންސިއާ ދަރަނީގައި އޮތް އިރު، އެ ކްލަބުން މަސައްކަތް ކުރީ އެންމެ އަވަހަށް ކްލަބުގެ މައްސަލަ ހައްލު ކޮށްދޭނެ ކެންޑިޑޭޓެއް ހޯދުމަށެވެ. ފުރަތަމަ އެ ކްލަބުން އަޒްމީންގެ ސޮޔާއެކު ޓޮމްއަށް ދިން ސިޓީއަކީ "އޭރުގެ ހިޔާލެވެ." ބަދަލުވި ގޮތަކުން ފަހުން ބޯޑުގެ ވިސްނުން ބަދަލުކޮށްލިއެވެ. އެ ވިސްނުން ބަދަލުކޮށް، އަޒްމީނަށް ބޮޑެތި ތުހުމަތުތައް ކޮށް، އޭނާގެ ނަންމަތީގައި ފޯޖު އިސްތިއުފާ ސިޓީއެއް އުފައްދައި ބޮޑެތި "ހަޑިތަކެއް" ހޭވިއެވެ.
އެ މައްސަލަ އެހާ ގޯސްކޮށް ގޮސްފައި އޮތް އިރު، ކްލަބުތަކުގެ އެތެރެއިން ހައްލުކުރަން ޖެހޭ ކަންކަމަށް ނުބަލައި، ޓޮމްގެ ކެންޑިޑެންސީ ބާތިލުކުރުން އެއީ އެންމެ އެކަށޭނެ ގޮތެއްތޯ ސުވާލު އުފެދެއެވެ.
"ފުޓުބޯޅަ އެސޯސިއޭޝަނުގެ އެތެރޭގައި ވަރަށް ބައިވަރު މައްސަލަތަކެއް އެބަހުރި. އޭގެ އިތުރުން ކްލަބުތަކުގެ ތެރޭގައިވެސް މިހާރު މައްސަލަތަކެއް އެބަހުރި. ދެ ގްރޫޕަކުން ދެ ސިޓީއެއް ފޮނުވުމާއި އިސްތިއުފާ ދެއްވުމާއި ބޯޑު ބަދަލުކުރުމާއި އެ ހުރިހާ ކަމެއްވެސް އެބަ އުޅޭ. އެ ހުރިހާ ކަމަކަށް ވަރަށް ބޮޑަށް، ކްލަބުތަކުގެ ތެރެއަށް ވަދެ، ގާނޫނީ ގޮތުން ލަފާ ހޯދައިގެން އެފްއޭއެމްއަށް އިންތިހާބާ އެކު ކުރިއަށް ދެވޭނެ ކަމަށް އަޅުގަނޑަށް ފެންނަނީ،" އެފްއޭއެމްގެ ހާލަތާ ގުޅޭ ގޮތުން ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވިދާޅުވިއެވެ.
ތޮލާލްގެ ވާހަކައަށް ތާއީދު ކުރެވެއެވެ. މައްސަލަ ހައްލުކޮށް، ގެންނަން ޖެހޭ އިސްލާހުތަކާއެކު ނޫން ގޮތަކަށް އެފްއޭއެމް އިންތިހާބު ބޭއްވުމަކީ އެތައް ކްލަބަކަށް ލިބޭނެ ބޭއިންސާފެކެވެ. ވެލެންސިއާގެ ސިޓީގެ މައްސަލައަކީ ކޮޅުމައްޗެވެ. ހިންގުން ދޯހަޅިވެފައި އޮތް އެތައް ކްލަބެއް ފުރަތަމަ ޑިވިޝަނުގައިވެސް އޮތް އިރު، އެ ކްލަބުތަކުން ނިންމާ އަވަސް ނިންމުމަކަށް ފުޓުބޯޅަ ދީލައިލެވޭކަށް ނެތެވެ.
އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާން ކުރާ އިލެކްޓޯރަލް ކޮލެޖް މިހާރު މައިގަނޑުކޮށް ބަރޯސާވެފައި އޮތީ ފުރަތަމަ ޑިވިޝަނުގެ މަދު ކްލަބުތަކެއްގެ އިތުރުން، ދެވަނަ ޑިވިޝަންގެ ކްލަބުތަކަށާއި، ޒޯންތަކުގެ މަދު ބަޔަކަށެވެ. ހިންގާ ގަވާއިދުގެ 11 ވަނަ މާއްދާއިން، އާ މެންބަރުން ބައިވެރިކުރުމުގެ ކޮންޓްރޯލް ދީފައި އޮންނަނީ ހިންގާ ކޮމިޓީއަށެވެ. އެހެންކަމުން މާލޭގައި ހިންގާ ކްލަބުތަކަށް ފުޓުބޯޅަ ކޮންޓްރޯލް ކުރެވުމަކީ އެންމެ ބޮޑު އެއް މައްސަލައެވެ.
"ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ފުޓުބޯޅަ ކްލަބުތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރެވިފައި އެބަހުރި. އެހެން ނަމަވެސް، އެ ކްލަބުތަކެއް އިންތިހާބުގައި ބޭނުމެއް ނުކުރެވޭ. ދެން މާލޭގައި މި އޮންނަ ކްލަބުތައް ބޭނުން އެއްޗެއް އެފްއޭއެމްއަށް ހެދޭނެތާ. އެހެންވީމަ، އެފްއޭއެމް މި ކޮންޓްރޯލް ކުރަނީ އެ ކްލަބުތައް. އެ ކްލަބުތަކުގެ ވެރިން އުޅޭނެ ގޮތަކަށް އުޅެފައި، އިންތިހާބަށް މި ނުކުންނަނީވެސް. އެ ކްލަބުތަކަކީ ހަގީގަތުގައި ޕޭޕާ ކްލަބުތަކެއް. އެކަން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބުތަކުގެ ހާލަތުން އެނގޭނެ. އަހަރީ އާންމު ޖަލްސާއެއްވެސް ބައެއް ކްލަބުތަކުން ނުބާއްވާ،" އަތޮޅު ތެރޭގެ ކްލަބަކަށް ނިސްބަތްވާ އޮފިޝަލަކު "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
ވެލެންސިއާ އާއި ގްރީންސްޓްރީޓްސް މި ސީޒަނުގެ ލީގު ފޯފީޓް ކޮށްފައިވާ އިރު، އެ ދެކްލަބަށް ހަދާނެ ގޮތެއް އަދި ނުނިންމެއެވެ. އެ ދެކްލަބު ލީގު އެއްކޮށް ދޫކޮށްލުމުން، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފެންވަރު ސާފުވާ އިރު، އެހެން ދޫކޮށްލާ ޓީމުތަކަށް ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކުގެ ގޮތުގައި، އެފްއޭއެމް އިންތިހާބަށް އެންޑޯސްމަންޓް ދެވުންވެސް އެއީ ހަމަހަމަ ކަމުގެ މިންގަނޑަކުން ބަލާއިރު، ދެކޮޅު ޖެހޭނެ ކަމެއްތޯ ވިސްނާލަން ޖެހެއެވެ.
އަނެއްކޮޅުން އަތޮޅު ޒޯންތަކަށް އެފްއޭއެމުން ދީފައިވާ 25 ޕަސެންޓް ވޯޓު ދޭ ނުވަ ފަރާތެއް ހާމަވާންވެސް ޖެހެއެވެ. އެހެން ނޫންނަމަ، އަތޮޅުތެރެ ތަމްސީލުވާ ގޮތެއް، ހަގީގަތުގައި އެ ކްލަބުތަކަކަށް ނޭނގެއެވެ. އެފްއޭއެމް އިންތިހާބުގެ ކުރިން މި ކަންކަން ބެލުން ލާޒިމެވެ.
"ބޭއިންސާފު އިލެކްޓޯރަލް ކޮލެޖަކުން އެފްއޭއެމް ހިންގާތާ 15 އަހަރުވީ ފަހުން އެކަން ފަޅާއެރީއެވެ. ވީގޮތަކީ ބޭއިންސާފު ހިންގާ ގަވާއިދަކުން އުފައްދާފައިވާ އިލެކްޓޯރަލް ކޮލެޖްގެ ނާޖާއިޒް ފައިދާ ނަގައިގެން މާލޭ ކްލަބްތަކުގެ ސުޕަ މެޖޯރިޓީއަކުން އެފްއޭއެމް ހިސޯރޮކޮށްފައި އޮތްއޮތުން ފަޅާއެރީއެވެ. މިކަން ދެން ކުރިއަށް ގެންދެވޭނީ އަތޮޅުތަކުގެ ކްލަބްތައް ހަމަހަމަ އުސޫލަކުން ބައިވެރިކޮށްގެނެވެ. އަތޮޅުތަކުގެ 48 ކްލަބަށް އެފްއޭއެމްގެ ރައީސް ހޮވުމަށް ވޯޓުލުމުގެ ހައްގު ހޯދައިދިނުމަށް ފަހުއެވެ." ސޭވް އެފްއޭއެމްގެ ނަމުގައި އެފްއޭއެމް އިސްލާހު ކުރުމަށް އުފެއްދި މޫވްމަންޓްގެ އިސް ފަރާތެއްގެ ގޮތުގައި މަސައްކަތް ކުރާ ކުޅިވަރު ތަޖުރިބާކާރު ހާމިދު އަބްދުލްގަފޫރު އޭނާ ނޫހަކަށް ލިޔުއްވާފައިވާ ކޮލަމެއްގައި ވިދާޅުވެފައިވެއެވެ.
ހާމިދުގެ ނަޒަރުގައި މިއީ އެފްއޭއެމްގެ ވޯޓިން ޕަސެންޓޭޖަށް ބަދަލު ގެނެސް، އަތޮޅު ތެރޭގައި ފުޓުބޯޅަ ވަރުގަދަ ކޮށް، އެ ކްލަބުތަކުގެ ބޭނުން ހިފަން ޖެހޭ ވަގުތެވެ. އެގޮތުން މާލޭ ޒޯންގެ ކްލަބުތަކަށް ދޭ އިންސައްތަ، ސުޕަ މެޖޯރިޓީ ގެއްލޭ ގޮތަށް 45 ޕަސެންޓަށް ތިރިކުރަން އޭނާ ވިދާޅުވެފައިވެއެވެ. އެއީ ހާމިދު ނަޒަރުގައި ފުޓުބޯޅަ ވަޅުޖެހިފައި އޮތް އޮތުމަށް ފުރަތަމަ ގެންނަން ޖެހޭ ހައްލެވެ. އެފްއޭއެމްގެ އިންތިހާބުން އިހުލާސްތެރި ނަތީޖާއެއް ނެރެންވެސް ބަޖެޓް ހަމަހަމަކޮށް، ހޯމް އެންޑް އަވޭ އުސޫލަކަށް ފުޓުބޯޅަ ދާން އޮތް ހަމައެކަނި ގޮތެވެ.
އެފްއޭއެމްއިން މީގެ ކުރިން ބޭއްވި ޕްރެސްއެއްގައި ލީގު "ޑެޑް އެންޑް"އަކަށް ގޮސް، މުޅި ފުޓުބޯޅަ ހުއްޓޭ ވާހަކަ ވިދާޅުވުމުން އޭރު ބައްސާމް ވިދާޅުވީ ހޯމް އެންޑް އަވޭ އުސޫލު ކުޅެން އަތޮޅު ޒޯންތަކުގެ މުބާރާތްތައް ނިންމައި، ލީގު ސްޓްރަކްޗާ ބަދަލުވާނެ ކަމަށެވެ. ބޭރުގެ ސްޕޮންސާއަކާއެކު އެ މުބާރާތް އިއުލާނު ކުރައްވާނެ ކަމަށެވެ. އެއީ އާ ދިވެހި ޕްރިމިއާ ލީގެއް ކަމަށެވެ. އަންނަ ސީޒަނަށް އެކަން ޕްލޭން ކޮށްފައި އޮތް ނަމަވެސް، މަންޒަރު މިހާރު އެންމެންނަށްވެސް ސާފުވާނެއެވެ. އެކަމުގެ ކޮޅުމައްޗެއްވެސް ފެންނާކަށް ނެތެވެ. އެފްއޭއެމް އޮތީ ޖިނާއީ ތަހުގީގެއްގައެވެ.
އެފްއޭއެމްގެ މައްސަލައިގައި ދާދިފަހުން ސްޕޯޓްސް ކޮމިޝަނަރު ވިދާޅުވީ ސަސްޕެންޝަނަކަށް ދާ ވާހަކަ އައި ނަމަވެސް، މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އެއީ ހެޔޮ ފާލެކެވެ. ސްޕޯޓްސް ކޮމިޝަނަރުގެ ބޭރުން އެފްއޭއެމްވެސް ހިންގިގެން ނުވާނެއެވެ.
"ސަސްޕެންޑް ނުވެ، ކުރިއަށް ދެވޭނެ ގޮތެއް ހޯދުން އެއީ އެންމެ ރަނގަޅު ގޮތް. މިފަހަރުވެސް ސަސްޕެންޝަންގެ ވާހަކަ ނާންނާނެއެކޭ އަޅުގަނޑެއް ނުދަންނަވާނަން. ސަސްޕެންޑް ނުވެ، އަޅުގަނޑުމެންނަށް ކުރިއަށްދެވޭނެތޯ އެއީ އަޅުގަނޑުމެން ކުރަން ޖެހޭނެކަމެއް. އެ ގޮތަށް ކުރުމަށްޓަކައި، މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާ ކުރަމުން ގެންދާނަން. އެސޯސިއޭޝަނުން ވެސް މަސައްކަތް ކުރަންވީ ސަސްޕެންޝަނަކާ ހަމައަށް ދިޔަ ނުދީ މިކަން ހައްލުވެގެން ހުރިހާ އެންމެންނަށް ބައިވެރިވެގެން އެންމެންގެ ކުޅިވަރެއްގެ ގޮތުގައި ކުރިއަށްދެވޭނެ ގޮތަކަށް ކަންކަން ކުރުމަށް. އެހެންވެއްޖިއްޔާ، އިންތިހާބު ވެސް ކުރިއަށްދާނެ، ދެން ހުރި ކަންތައް ވެސް ކުރިއަށްގެންދެވޭނެ،" ތޮލާލް ވިދާޅުވިއެވެ.
އެހެންކަމުން އިންތިހާބަށް އަވަސްކުރާ އިރު، އިހުލާސްތެރި ހައްލެއް ހޯދެން އޮތް ގޮތާ ދުރަށް އެފްއޭއެމް ދިޔުމަކީ ކަންބޮޑުވުމެކެވެ. ޖެނުއަރީ 31 ގައި އިންތިހާބެއް ބޭއްވިޔަސް، ހަގީގީ އިސްލާހު އަދި އޮތީ ދުރުގައެވެ. ފީފާއާއި އޭއެފްސީއަށް ހަގީގަތް ސާފުކޮށްދޭން ސްޕޯޓްސް ކޮމިޝަނަރާ މަތިކޮށްފައި އޮތް އިރު، އެފްއޭއެމްއަށް ހަގީގީ ބަދަލެއް އަންނަން އޮތީ އެތައް ކަމެއް އިސްލާހު ކޮށްގެންނެވެ. އޭގެ ތެރެއިން އެއް ކަމަކީ ވޯޓިންނެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް