ކުރިއަށްއޮތް މާލެ ސިޓީ ކައުންސިލުގެ ބައި-އިލެކްޝަންގައި މާލޭގެ މޭޔަރުކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާޒިމާ ޝަކޫރަކީ ތިން ސަރުކާރެއްގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އާޒިމާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިސްކޮށް މަސައްކަތްކުރައްވައިފައެވެ.
އާޒިމާ އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ފުރަތަމަ އަންހެން ބަންޑާރަ ނައިބުގެ ގޮތުގައެވެ. އޭގެ އިތުރުން އާޒިމާ ވަނީ ޖެންޑާ މިނިސްޓަރުކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ. އާޒިމާ ބަންޑާރަނައިބުގެ ގޮތުގައި މަސައްކަތްކުރެއްވީ ރައީސް މައުމޫންގެ ސަރުކާރާއި ރައީސް ވަހީދުގެ ސަރުކާރުގައެވެ.
ސަރުކާރުގެ އިސް މަގާމުތަކެއް އާޒިމާ ފުރުއްވި ނަމަވެސް، އިންތިހާބީ މަގާމެއް އަދި ފުރުއްވައިފައެއް ނުވެއެވެ. އެހެންކަމުން ކުރިއަށްއޮތް އިންތިހާބަކީ އާޒިމާގެ މިފަދަ އެންމެ ވަރުގަދަ ޓެސްޓެވެ. އާޒިމާ އިންތިހާބަށް ނުކުމެވަޑައިގެންނެވީ ތިން ސަރުކާރުގައި ކުރެވުނު މަސައްކަތުގެ ތަޖުރިބާގެ އަލީގައެވެ.
އާޒިމާ މާލޭގެ މޭޔަރުކަމަށް ނުކުމެވަޑައިގެންނެވީ ސަރުކާރާއެކު މަސައްކަތްކުރެއްވުމަށް، ސަރުކާރުގެ ކެންޑިޑޭޓުގެ ގޮތުގައެވެ. ފުރިހަމަ މެނިފެސްޓޯއާއެކު އާޒިމާ ނުކުމެ ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރާއެކުއެވެ. އާޒިމާއަށް އެ ކޮންފިޑެންސް ވެސް ލިބިވަޑައިގަންނަވަނީ ރައީސް މުއިއްޒު، އަރިހުގައި ހުންނެވުމުން ކަމަށް އޭނާ ވިދާޅުވެއެވެ.
"އަޅުގަނޑު ނުކުމެ މިހުރީ ވަރަށް ސާބިތުކަމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރާއްޖޭގެ ވިޝަން ކާމިޔާބުކުރުމަށް ފުރިހަމަ މަސައްކަތްކޮށްދިނުމަށް. އެކަމުގައި އަޅުގަނޑުގެ އެއްވެސް ފަސްޖެހުމެއް ނެތް، އަޅުގަނޑަކީ އަޅުގަނޑު ކުރާ މަސައްކަތެއްގައި ފުރިހަމަ ސާބިތުކަމާއެކު މަސައްކަތްކުރާ މީހެއް. އަޅުގަނޑުމެން މިއަދު ރައީސްގެ އަރިހުގައި ތިބީމާ، އަޅުގަނޑުވާ ވައުދަކީ އަޅުގަނޑުމެންނަށް ދިވެހި ރައްޔިތުން ފުރުސަތު ދެއްވާށޭ، އަޅުގަނޑުމެން ތިޔަ ރައްޔިތުންނަށް ތަފާތު ދައްކާނަމޭ. އަޅުގަނޑުމެން ތަފާތު ދައްކާނަމޭ، އަޅުގަނޑުމެން ޑެލިވާ ކޮށްދޭނަމޭ، އަޅުގަނޑުމެން ހޮވައިގެންނެއް ރައްޔިތުން ކުރަން ޖެހޭނެ ހިތާމައެއް ނޯންނާނެއޭ،" މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވެފައިވާ ގޮތުގައި ސިޔާސީ މައިދާނަކީ އަންހެނުންނަށް ފަސޭހަ ރާސްތާއެއް ނޫނެވެ. ހާއްސަގޮތެއްގައި އިންތިހާބަކަށް ކުރިމަތިލައިގެން ވެސް ކަނޑައްތު ކުރަން ޖެހެނީ ފަސޭހަ ރާސްތާއެއް ނޫނެވެ. އަންހެނަކަށް ވީ ނަމަވެސް، ސާބިތުކަން ދެއްކެވުމަށް އާޒިމާ ހުންނެވީ ތައްޔާރަށެވެ.
"އަޅުގަނޑުގެ ހިސްޓަރީއަކީ އުމުރުން 17 އަހަރުން ފެށިގެން ދައުލަތަށް ސާބިތުކަމާއެކު ތެދުވެރިކަމާއެކުގައި ހިދުމަތްކުރުން. މި ހިސްޓަަރީއާއެކު އަޅުގަނޑު ހޮވިއްޖެއްޔާ އަޅުގަނޑަށް، ދިވެހި އަންހެން ދަރިންނަށް، ޅަ އަންހެން ދަރިންނަށް އެ ދަސްކޮށްދެވެނީ އަންހެނުންނަށް ދިވެހިރާއްޖޭގައި ކުރިއަށްދެވިދާނެއޭ، އަޅުގަނޑުމެންނަށް ޖާގައެއް އެބައޮތޭ. އެކަން އަޅުގަނޑުމެން ތިބޭފުޅުންގެ ގާތުން އެދެނީ. އަޅުގަނޑު ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރިޔަސް، އިންތިހާބަކަށް މި ކުރިމަތިލީ އަލަށް. މިއީ ވަރަށް ބޮޑު އިންތިހާބެއް،" އޭނާ ވިދާޅުވިއެވެ.
އާޒިމާގެ މެނިފެސްޓޯގައި ހުރިހާ އުމުރުފުރައަކާ ގުޅޭ ގިނަ ކަންތައްތަކެއް ސަރުކާރާ ގުޅިގެން ކުރުމަށް ވަނީ ހިމަނައިފައެވެ. އެގޮތުން މާލެ ސިޓީއަކީ ކޮންމެ މީހަކަށް ވެސް ރައްކާތެރިކަމާއި ހަމަޖެހުމާއެކު ދިރިއުޅެވޭނެ ސިޓީއަކަށް ހެދުމާއި، އިގުތިސާދީ ނާރެހަކަށް ހެދުމާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިމަނާފައިވެއެވެ. އޭގެ އިތުރުން އަވަށްތަކުގެ ތަރައްގީއަށް އަވަށު ބޯޑުތައް އެކުލަވައިލުމަށް ވެސް ވަނީ ހިމަނައިފައެވެ.
މާލޭގައި ހުރި މައްސަލަތައް ހައްލުކުރެއްވުމަކީ އާޒިމާ ހާއްސަ އިސްކަމެއް ދެއްވަން ނިންމަވާފައިވާ ކަމެކެވެ. އެގޮތުން މާލޭގެ ޓްރެފިކް ހައްލުކުރުން ހިމެނެއެވެ. މާލޭގައި އޮތީ "ޓޯޓަލް ގަވަނަންސް ފެއިލިއާ"އެއް ކަމަށް އާޒިމާ ދެކިވަޑައިގަންނަވައެވެ.
"މާލޭގެ ޓްރެފިކްގެ މައްސަލަތައް މިހާ ބޮޑުވެގެންދާ ސަބަބުތަކަށް ބަލައިފި ކަމަށްވަންޏާ، ފުލުހުން މިއަދު ބުނަމުންގެންދަނީ ތިމަންނަމެން މިހާރު ބަލަމޭ ވެހިކަލެއް ޓޯ ނުކޮށް ވޭތޯ. އޭގެ މާނައަކީ ޓޯ ޔާޑުގައި ޖާގައެއް ނެތޭ. ކިތަންމެ ވަރަކަށް ޕާކުކޮށްފައި އޮތަސް، ޓޯ ޔާޑަކަށް ނުނެގޭ. ޓޯ ޔާޑު މިހާރު ބޭނުން މިކުރަނީ ވެހިކަލްތައް ރާއްޖެއިން ބޭރުން އެތެރެކޮށްގެން ގެނެސް ވިއްކެންދެން ބާއްވާ ތަނަކަށް. ތިން މަސްދުވަސް ވަންދެން، އެތަނުގައި ހިލޭ ވެހިކަލް ބޭއްވޭ. މަގުމަތީގައި ވެހިކަލް ބާއްވައިގެން ވިއްކެންދެން ބޭނުންކުރެވޭ، އެއީ އެއް މައްސަލަ،" ސަންގު ޓީވީ ބަހުސްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވެފައިވާ ގޮތުގައި، މާލޭގެ ވެހިކަލްގެ މައްސަލަތައް މިހާ ތޮއްޖެހިގެންދާ އިރު، ގާނޫނުގައި އޮތް ގޮތަށް މާލޭގައި ބޭނުންކުރާ ވަހިކަލްގެ އަދަދު ކަނޑަނޭޅި އޮތުމަކީ ގޯހެކެވެ. އޭގެ އިތުރުން ވެސް ވެހިކަލްތަކާ ގުޅޭ ގާނޫނުތައް ތަންފީޒު ނުކުރެވި އޮތްކަން އާޒިމާ ފާހަގަކުރައްވައެވެ. އެ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް، މާލޭގެ ޓްރެފިކް މާސްޓާ ޕްލޭނެއް 100 ދުވަހުގެ ތެރޭގައި ތައާރަފުކުރުމަށް އާޒިމާ ވަނީ ނިންމަވައިފައެވެ.
އެންމެ ފަހުން މާލޭގެ މޭޔަރުކަމުގައި ހުންނެވީ މިހާރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނެވި ރައީސް މުއިއްޒެވެ. އެ މަނިކުފާނު ވަނީ އޭރު ސަރުކާރުގެ ފަރާތުން އެއްބާރުލުން ނުލިބުމުން ގިނަ ކަންތައްތަކެއް ކުރެވިފައި ނުވާކަން އެކި ފަހަރުމަތިން ފާހަގަކުރައްވައިފައެވެ. އެކަމުގެ ސަބަބުން މާލެ ސިޓީގައި ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްގެންދަން އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް އެމަނިކުފާނު ވިދާޅުވެއެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރާއެކު މަސައްކަތްކުރަން ބޭނުން ނުވާ މޭޔަރަކު އިންތިހާބުކޮށްފިއްޔާ، ސަރުކާރުން މާލެ ސިޓީއަށް ގެންނަން ބޭނުންވާ ތަރައްގީ ހުއްޓުމަކަށް އައިސްދާނެ ކަމުގެ ބިރު އެބައޮތެވެ. ސަބަބަކީ ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއުތަކަށް މޭޔަރަކަށް ހުންނަވާ ބޭފުޅަކު ދެކޮޅު ހައްދަވައިފާނެތީއެވެ.
"ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ރައްޔިތުންނަށް ލިބޭ ހިސާބުގައި އޮއްވައި، މޭޔަރަކަށް އަޅުގަނޑުމެންގެ ފިކުރުގައި ނެތް، އެހެން ޕާޓީއެއްގެ މޭޔަރަކު ހޮވައިފިއްޔާ، އަދި މޭޔަރު ކިތަންމެ ކަމެއް ކޮށްދޭން ބޭނުންވިޔަސް އެބޭފުޅަކު އެ ނިސްބަތްވާ ޕާޓީން ކަންކަން ކުރާނެ ގޮތެއް ނޭނގޭނެ. މިހާރު އެބަ ފެނޭ މަޖިލިސް ތެރެއިން ކަންކަން ކުރާ ގޮތް. އެހެންވީމާ ތިބޭފުޅުން އެ ރިސްކު ނުނަންގަވާތި! އެ ރިސްކު ނުނަންގަވާތި! އަޅުގަނޑުމެންގެ ކެންޑިޑޭޓް ހޮއްވަވައިދެއްވީމަ ވަރަށް ފަސޭހަކަމާއެކީގައި ރައްޔިތުން އެދޭގޮތަށް ހުރިހާ ކަމެއް ތަރުތީބުވެ، މި ރަށުގައި ކުރަން ހުރި ހުރިހާ ކަމެއް ހަމަޖެހިގެންދާނެ،" އާޒިމާގެ ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދަން ބޭނުންވަނީ ރައްޔިތުންނާ ގުޅިގެން، ރައްޔިތުން އިންތިހާބުކޮށްފައި ތިބި މޭޔަރުންނާއި ކައުންސިލަރުން މެދުވެރިކޮށް ލާމަރުކަޒީ ނިޒާމުގެ ތެރެއިންނެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުމުގައި، ސަރުކާރަށް އެއްބާރުލުން ދޭނެ، ސަރުކާރުގެ މަސައްކަތްތަކަށް ފަސޭހަކޮށްދޭނެ ވިސްނުމުގެ، ރައްޔިތުންނާއެކު މަސައްކަތްކުރާނެ ބޭފުޅަކު މޭޔަރުކަމަށް ހޮވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"އެހެނެއް ނޫން، ސަރުކާރުން ރައްޔިތުންނަށްޓަކައި ހިންގާ މަޝްރޫއުތަކަކީ ކަމުނުދާ މަޝްރޫއުތަކެކޭ، ތިމަންނަމެން އެ މަޝްރޫއުތަކަށް ދެކޮޅު ހަދާނަމޭ، ރައްޔިތުންނަށް ފައިދާއެއް ނުވާނެއޭ، މި ވިސްނުމުގައި މަސައްކަތްކުރާ ޕާޓީތަކުގެ ބޭފުޅުން މިވަގުތު މާލޭގެ މޭޔަރަކަށް ހިޔާރުކުރުން އެއީ ރަނގަޅު ޗޮއިސްއަކަށް، ބުއްދިވެރި ގޮތަކަށް ވާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި މާލެއަށް އެންމެ ފުރިހަމަ ތަރައްގީ ގެނެވޭނީ ސަރުކާރާއެކު މަސައްކަތްކުރާނެ، ސަރުކާރުގެ ފިކުރުގެ ބޭފުޅަކު މޭޔަރަކަށް ހޮވައިގެންނެވެ. މިހާރު މޭޔަރަކަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ސަރުކާރުގެ ފިކުރުގައި ހުންނެވި، އެމަނިކުފާނުގެ ފުރިހަމަ ޔަގީންކަން އޮތް ބޭފުޅަކީ އާޒިމާ ކަމަށް އެމަނިކުފާނު ވިދާޅުވެއެވެ.
މި ސަރުކާރުން މާލެއަށް ގެންނަ ތަރައްގީ ގެެނެސްދެއްވުމަށް އާޒިމާ ހުންނެވީ ސާބިތުކަމާއެކު ތައްޔާރަށެވެ. އާޒިމާ އެދިވަޑައިގަންނަވަނީ މާލޭގެ މޭޔަރުކަމަށް މިފަހަރު އަންހެން ބޭފުޅަކު އިންތިހާބުކޮށްދެއްވުމަށެވެ. އޭނާ ދެއްވާ ޔަގީންކަމަކީ އިންތިހާބުކޮށްދެއްވައިފި ނަމަ، ތަފާތު ދައްކަވާނެކަމުގެ ޔަގީންކަމެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް