އެފްއޭއެމް އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަށް ކްލަބް ވެލެންސިއާ އިން ދީފައިވާ ތާއީދު ސިޓީ ބަލައިނުގަންނަން އެފްއޭއެމް އިލެކްޓޯރިއަލް ކޮމިޓީން ނިންމުމާއެކު އިންތިހާބުގައި ވާދަކުރާ އެއް ކެންޑިޑޭޓް ކަމަށްވާ، އަހުމަދު ތޯރިގު (ޓޮމް)ގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށް ކަނޑައެޅިއްޖެއެވެ.

އެފްއޭއެމްގެ އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، އެ އިދާރާ ދަރަނިވެރިވެ، މަނީ ލޯންޑަރިންނާއި ކޮރަޕްޝަންގެ ތަހުގީގެއް އިދާރާގެ ވެރިންގެ މައްޗަށް ކުރަމުންދާ އިރު، އިންތިހާބު ތާވަލުކޮށްފައި އޮތީ މިމަހުގެ 31 އަށެވެ. އިންތިހާބުގައި ވާދަކުރަން ނިންމީ ކުރީގެ ރައީސް، މަހިބަދޫ ދާއިރާގެ މެމްބަރު ޓޮމްއާއި އެފްއޭއެމްގެ ރައީސްކަމުން ދާދިފަހުން ވަކިވި ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯގައި ހިމެނުނު މުފާވިޒު ހާޝިމްއެވެ.

އެ ދެ ކެނޑިޑޭޓުންނަށްވެސް ވެލެންސިއާއިން ތާއީދު ސިޓީ ދިން އިރު، ވެލެންސިއާއިން ޓޮމްއަށް ތާއީދު ސިޓީ ދިނީ، އެ ކްލަބުގެ ޗެއާމަން، އަބްދުﷲ އަޒްމީން ސޮއިކޮށް، ބޯޑު މެމްބަރުންގެ ރިޒޮލިއުޝަން އަކާއެކެވެ. މުފާ އަތުގައި އޮތް ސިޓީ އަކީ ވެލެންސިއާގެ ވައިސް ޗެއާމަން، އިލްމާއު ހުސެއިން (މައު) ސޮއިކޮށްފައިވާ ބޯޑު މެމްބަރުންގެ ތާއީދު ހިމެނޭ ސިޓީއެކެވެ.

ވެލެންސިއާގެ މި ދެ ތާއީދު ސިޓީގެ މައްސަލައިގައި، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީން ވަނީ މިކަމުގައި އަމަލުކުރާނެ ގޮތެއް އޮޅުންފިލުވަން ގާނޫނީ ލަފަޔަކަށް އޭއެފްސީ ކިބައިން އެދިފައެވެ. އޭއެފްސީގެ ލަފާ ލިބުމާއެކު، މިއަދު ބޭއްވި އިލެކްޓޯރަލް ކޮމިޓީގައި ނިންމާފައިވަނީ، ވެލެންސިއާ އިން ދިން ދެ ސިޓީ ވެސް ކެންސަލް ކުރުމަށެވެ.

އެ ނިންމުމާއެކު، ތޯރިގު އަތުގައި އޮތީ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބުގެ ތާއީދެވެ. މުފާ އަތުގައި، ފަސް ކްލަބްގެ ތާއީދު އެބައޮތެވެ. ކޮންމެ ކެންޑިޑޭޓަކު އަތުގައިވެސް މަދުވެގެން ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބްގެ ތާއީދު އޮންނަން ގަވާއިދު ލާޒިމް ކުރާ އިރު، ތޯރިގު އަތުގައި އެ އަދަދަށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ތާއީދު ނެތުމުން، އޭނާގެ ކެންޑިޑެސީ ވަނީ ސައްހަ ނޫން ކަމަށް އިލެކްޓޯރަލް ކޮމިޓީން ނިންމައިފައެވެ.

އެކަމާ ގުޅިގެން އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) "ވަން ސްޕޯޓްސް" އަށް ވިދާޅުވީ ވެލެންސިއާގެ ސިޓީ ކެންސަން ކުރަން ނިންމާފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ހިނގާނެ ކަންކަން ހިނގަމުންދާ ކަމަށެވެ.

ވެލެންސިއާގެ ސިޓީގެ މައްސަލައިގައި އަޒްމީނާއި ކްލަބުގެ ބޯޑުގެ ކޯޅުމެއްވެސް ފެނިފައިވާ އިރު، ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ފޮނުއްވި ސިޓީގައި ވިދާޅުވީ ވެލެންސިއާ ޗެއާމަނަކީ އަޒްމީން ކަމަށެވެ.

މިހާރު އޮތް ހާލަތުން އެފްއޭއެމް އިންތިހާބުގައި ނަގާނީ މުފާގެ ޓީމުގެ ފެންނަ ނުފެންނަ ވޯޓެކެވެ.