އުރީދޫ މޯލްޑިވްސް އާއި މާސްޓާކާޑް ގުޅިގެން، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތެރެއިން މާސްޓާކާޑް ބޭނުންކުރާ ފަތުރުވެރިންނަށް ހާއްސަ އޮފާތަކެއް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އުރީދޫން ބުނީ، ދުނިޔޭގެ ގިނަ ބަޔަކު ފައިސާގެ މުއާމަލާތް ކުރުމަށް ބޭނުން ކުރަމުން އަންނަ މަގުބޫލު ޓެކްނޮލޮޖީ ކުންފުނި މާސްޓާކާޑާއި އެކު އުރީދޫ މޯލްޑިވްސް ގުޅި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، އިތުރު ފަސޭހަތަކާއި ހާއްސަ ކަންތައް ފޯރުކޮށްދިނުމަށްޓަކައި، ސްޓްރެޓީޖިކް ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިކަމަށެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްގައި އެކަމަށް ޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އުރީދޫން ބުނީ، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދީ، ދިރިއުޅުން ފަސޭހަ ކުރެވޭ ފަދަ ޒަމާނީ އީޖާދީ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ކަމަށާއި އެގޮތުން މާސްޓާކާޑާއެކު ވެވުނު އެއްބަސްވުމަކީވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

މާސްޓާކާޑު ގެންގުޅޭ ފަރާތްތަކަށް ހާއްސަ އެތައް ކަމެއް ކުރިއަށް އޮތް ތަނުގައި ތައާރަފުކުރެވިގެން ދާނެކަމަށާއި ރާއްޖެއަށް ޒިޔާރަތްކުރާ މާސްޓާކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ އޮފާތަކެއް ހުޅުވާލާނެ ކަމަށެވެ. އޭގެތެރޭގައި މާސްޓާކާޑު ބޭނުންކުރާ ފަތުރުވެރީންނަށް އުރީދޫއާއެކު ހައި ސްޕީޑް ޑޭޓާ ބޭނުންކުރުމުގެ މަގު ތަނަވަސްވެ، އިތުރު ފައިދާތަކެއް ލިބިގެންދާނެކަމަށެވެ.

މީގެ އިތުރުންވެސް މާސްޓާކާޑު ބޭނުންކުރާ ފަރާތްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ ކަންތައްތައް ހޯދައިދިނުމަށް ޓަކައި އުރީދޫން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންކަމަށް އެކުންފުނިން ބުންޏެވެ.

ދެކުނު އޭޝިއާ މާސްޓާކާޑާއި އުރީދޫ މޯލްޑިވްސް އާއެކު ވި މި އެއްބަސްވުމާއެކު ދެ ކުންފުނީގެ އަމާޒަކީވެސް ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުން ކަމަށް އެ ދެ ކުންފުނިން ބުނެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން މާސްޓާކާޑު ބޭނުން ކުރާ ފަރާތްތަކަށް ހުޅުވާލައިގެން ހާއްސަ އެކި އޮފާތަކާއެކު ރާއްޖޭގައި ހޭދަކުރާ ދުވަސްތައް ރާއްޖޭގެ އެންމެ ހަލުވި ނެޓްވޯކު، އުރީދޫއާއެކު ފުރިހަމަވެގެންދާކަމަށް އުރީދޫން ބުނެއެވެ.

އެ ރަސްމިއްޔާތުގައި މާސްޓާކާޑުގެ ދެކުނު އޭޝިއާގެ ޗީފް އޮޕަރޭޓިން އޮފިސަރު ވިކާސް ވަރްމާ އާއި އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު، ސްރީ ލަންކާ އަދި މޯލްޑިވްސް، ސަންދުން ހަޕުގޯޑާ އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ބައިވެރިވެވަޑައިގަތެވެ.