ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ)ގެ ރައީސް ޗަންގް ޔޮންގްޗުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް މުއިއްޒު ޗައިނާއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޗަންގް ޔޮންގްޗުން ރައީސްގެ އަރިހަށް ޒިޔާރަތްކުރެއްވީ މިއަދުއެވެ. އެ ބައްދަލުވުމުގައި އޭނާ ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒުގެ ދަތުރުފުޅާއެކު ރާއްޖެއާއި ޗައިނާގެ ގުޅުން އާ ހަރުފަތަކަށް ގެންދެވިފައިވާ ކަމަށް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެއާކު އެ ކުންފުނިން ހިންގާ މުހިންމު މަޝްރޫތުތަކުގެ މައުލޫމާތު ރައީސް މުއިއްޒުއަށް ޗަންގް ޔޮންގްޗުން ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރާއްޖޭގެ ތަރައްގީއަށް ރައީސް ހިންގެވުމަށް ނިންމަވާފައިވާ މަޝްރޫއަށް ތާއީދު ކުރައްވާކަން ހާމަކުރެއްވި ކަމަށް ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ބީޔޫސީޖީގެ މަސައްކަތްތަކަށް ތައުރީފުކުރައްވާފައިވާއިރު، ރާއްޖޭގައި ހިންގަން ނިންމަވާފައިވާ މުހިންމު މަޝްރޫއުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވި ކަމަށެވެ.

ރައީސް މިހާރު ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ފުޖިއާން ޕްރޮވިންސަށް ވަޑައިގެން އެކި ތަންތަނަށް ޒިޔާރަތްކުރައްވައި، އިންވެސްޓާސް ފޯރަމެއް ބާއްވާފައިވާއިރު، ބެއިޖިންއަށް ވަޑައިގަތީ އަންގާރަ ދުވަހުގެ ރޭގަނޑެވެ.

ބެއިޖިންއަށް ވަޑައިގަތުމުން އިއްޔެ ޗައިނާގެ ރައީސް، ރައީސް މުއިއްޒުއަށް ރަސްމީކޮށް މަރުހަބާ ދެންނެވިއެވެ. 21 ބަޑީގެ ސަލާމެއް އަރުވާފައިވާއިރު، ދެ ގައުމުގެ ގައުމީ ސަލާމް ކިޔައި، ރައީސާއި އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ހާއްސަ ޖާފަތެއް އަރުވާފައި ވެއެވެ.

އެޔަށް ފަހު ރައީސް މުއިއްޒުއާއި ޗައިނާގެ ރައީސްއާ ދެމެދު ރަސްމީ ވާހަކަތައްވެސް ބާއްވާފައި ވެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި 20 ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.