މިއަދު ހަވީރުން ފެށިގެން މާލެއަށް ވެހެމުންދާ ވާރޭގެ ސަބަބުން ގެތަކަށް ފެން ވަދެ، ފެންބޮނޑުވާން ފަށައިފިއެވެ.
އެމްއެންޑީއެފުން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ، ސިފައިން ވަނީ މިހާތަނަށް މާލޭގެ ހަ ގެއެއްގައި ވެލިބަސްތާ ޖަހައިދީފައި ކަމަށެވެ.
މާލޭގައި ބޮޑުވި ފެންގަނޑު ހިންދުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިޔު ސާވިސަސް އިން މިރޭ ކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ފެންބޮޑުވި މަގުތަކުގެ ތެރޭގައި އިއްޒުދީން މަގާއި މަޖީދީ މަގު އަދި މާލޭގެ އެހެން ބައެއް މަގުތައް ވެސް ހިމެނެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް، ރާއްޖެ ހުރަސްކޮށް އަރަބި ކަނޑަށް ޖެހެމުންދާތީ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށްއޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ މިރޭ ޅ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ރީނދޫ އެލާޓު ނެރެފައެވެ. އަދި ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ހުދު އެލާޓު ނެރެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު