ލ. އަތޮޅުގެ އެންމެ ހިންގުންތެރި އެއް ޖަމިއްޔާ ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް)ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ ފޮނަދޫ ކައުންސިލް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2024ގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުތަކުން މޮޅުވެ، އައުޓްރީފް ސްޕޯޓްސް ކްލަބާއި ބެސްޓް ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ފޮނަދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ފޯރިގަދަ ކުއާޓާ ފައިނަލް މެޗުތައް ރޭ ފެށި އިރު، ފުރަތަމަ މެޗުގައި އައުޓްރީފުން މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ) އެފްސީ ބަލިކުރީ ޕެނަލްޓީގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 4-4 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި އައުޓްރީފް މެޗު ކާމިޔާބުކުރީ 9-8 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި މާބައިދޫ ޓީމުން ގައުމީ ޓީމުގެ މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) ފުރަތަމަ ފަސް ކުޅުންތެރިން ތެރޭގައި ކުޅެން ނުކުމެފައިވާ އިރު، އައުޓްރީފުން އަލީ އަޝްފާގު (ދަގަނޑޭ) ފުރަތަމަ ބޭންދީ ބެންޗުގައެވެ. މެޗު ފެށިގެން މާބައިދޫން ފުލުފުލުގައި ގޯލުތައް ޖަހައި ތިން ގޯލުގެ ލީޑެއް ނެގިއެވެ. އިބްރާހީމް ފަސާހް މެޗުގައި ހެޓްރިކް ހެދި އިރު، އައުޓްރީފަށް ނަތީޖާ އަނބުރާލަ ދިނީ ދަގަނޑޭ ކުޅެން ނުކުމެއެވެ. އޭނާ ނުކުމެ ފުލުފުލުގައި ދެ ގޯލު ޖެހި އިރު، ފަހުން ހެޓްރިކް ފުރިހަމަ ކުރިއެވެ.

މާބައިދޫގެ އަނެއް ގޯލު ޖަހައިދިނީ އަބްދުﷲ ފަރީސްއެވެ. އައުޓްރީފްގެ އަނެއް ގޯލަކީ މުހައްމަދު ޝާއިރު ޖަހައިދިން ގޯލެކެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ދަގަނޑޭއެވެ.

ރޭ ކުޅުނު ދެވަނަ ކުއާޓާގައި ބެސްޓުން ވަނީ 6-3 އިން ރިސްޓްރޭޓޯ ބަލިކޮށްފައެވެ. މެޗުގައި ބެސްޓްގެ ހުސައިން ލަތީފާއި އަހުމަދު ޒާދު، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހި އިރު، އަނެއް ގޯލުތައް ޖަހައިދިނީ އައްބާސް އިބްރާހީމާއި އަހުމަދު ރަޝީދެވެ.

ރިސްޓްރޭޓޯގެ ގޯލުތައް ޖަހައިދިނީ އަބްދުﷲ ނަސީރާއި ރިލުވާން ހަލީމެވެ. ނަސީރު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.

ޖުމުލަ 12 ޓީމާއެކު ކުރިއަށްދާ ލީޑް ވެޓެރަންސް ކަޕް 2024ގެ ޓައިޓަލް ސްޕޮންސަރަކީ ފޮނަދޫ ކައުންސިލެވެ. ޕްލެޓިނަމް ޕާޓްނަރަކީ މަޒީ ކެމިސްޓެވެ. ގޯލްޑް ޕާޓްނަރަކީ ލިޓަސްއެވެ. ސިލްވާ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަރަކާތްތެރިވާ އިރު، ކިޓް ޕާޓްނަރަކީ ޖާޒިއާއެވެ. ބެވަރޭޖް ޕާޓްނަރަކަށް ޖޭމް ކިޗަން ހަމަޖައްސާފައިވާ އިރު، ކޮފީ ޕާޓްނަރަކީ ޕިޒްކާއެވެ. އޭގެ އިތުރުން މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫއެވެ. ސަޕޯޓިން ޕާޓްނަރުންނަކީ ލާމު ޕޮލިހާއި ބިގް ޝޮޓްސްއެވެ.

މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

މިއަހަރުގެ ލީޑް ވެޓެރަންސް ފުޓްސަލް ކަޕްގައި ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިން ފެނިގެންދާ އިރު، މިރޭ ކުއާޓާގެ އަނެއް ދެމެޗު އޮންނާނެއެވެ. މިރޭ 8:30 ގައި އޮންނަ ކުއާޓާގެ ފުރަތަމަ މެޗުގައި އަފޭން ނުކުންނާނީ ލާމު ބްލޫސްއާ ދެކޮޅަށެވެ. މިރޭ 9:30 ގެ މެޗުގައި ކަންމަތި ސްޕޯޓްސް ކްލަބު ނުކުންނާނީ ލެކްރޯސް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.