ރައްޔިތުން މަޖިލީހުގެ އިންތިހާބު އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އީސީން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަވަސް ކުރަން ނިންމީ 1445 ވަނަ އަހަރުގެ ރޯދަ މަހާ ދިމާވާތީ އާއި ރޯދަ މަހަށްފަހު އިންތިހާބު ބޭއްވުމަށް އިދާރީ ބޮޑެތި ހުރަސްތަކެއް ހުރުމާ ގުޅިގެން ކަމަށެވެ. އަދި ދިރާސީ ކަލަންޑަރުގައިވާ ގޮތުން އީދު ބަންދަށްފަހު ފެށޭ ހަފުތާއަކީ އިމްތިހާނު ދުވަސްވަރަށް ވާތީ، ވޯޓުލާ މަރުކަޒުތައް ގާއިމު ކުރުމަށް އެ ކޮމިޝަނަށް އެކަށީގެންވާ މަރުކަޒުތައް ނުލިބޭނެތީ އަވަސް ކުރަން ނިންމީ ކަމަށްވެސް ބުނެފައިވެއެވެ.

"ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާތީ، ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ދިމާވާނެތީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2023 މާޗް 17 ވާ އާދިއްތަ ދުވަހު ބޭއްވުމަށް މި ކޮމިޝަނުން މިހާރު ވަނީ ނިންމާފައި،" އީސީން ބުންޏެވެ.

މި އަހަރުގެ ރޯދަ މަސް ފެށޭނެ ތާރީހު ކަމަށް ކަލަންޑަރުގައި ވަނީ މާޗު މަހުގެ 11 އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ މިއަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހަށެވެ. އެހެންކަމުން ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސް ކުރިން، އެއީ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުގެ ކުރިން މަޖިލީހުގެ އިންތިހާބު ބާއްވައި އެކަމާބެހޭ އެންމެހާ ކަންކަންކޮށް ނިންމަންވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެއެވެ.

ގާނޫނު ބުނާ ގޮތުން މެންބަރުންގެ ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހެއެވެ. އެހެންކަމުން މިމަހުގެ 28ގެ ފަހުން ގިނަވެގެން 10 ދުވަހުގެ ތެރޭގައި މަޖިލީހަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވާލުމަށް ގާނޫނުގައި ބުނެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މިމަހުގެ 30 ގައި އިންތިހާބަށް ކުރިމަތިލުމަށް އިއުލާންކުރުމަށްފަހު 14 ދުވަހުގެ މުއްދަތެއްދީ، އަންނަ މަހުގެ 15ގައި ކުރިމަތިލުމުގެ މުއްދަތު ބަންދުކޮށް، އަންނަ މަހުގެ 17 ވަނަ ދުވަހު ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ބޭއްވިދާނެ އެވެ.

ހަބީބު ވަނީ ގާނޫނުތަކުގައިވާ މުއްދަތަށް އެކަންކަން ކުރުމަށްފަހު މާޗް މަހުގެ 19 ވަނަ ދުވަހު އިންތިހާބު ބޭއްވިދާނެ ކަމަށް ވެސް މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް އެއީ ރޯދަ މަހުގެ ނުވަ ވަނަ ދުވަސް ކަމަށާއި މާޗް 17 އިން 28އަށް ގްރޭޑް 10 ސްކޫލް ކުދިންގެ ޓެސްޓް ސްކޫލްތަކުގައި ބާއްވާތީ އެ ތާރީހުގައި އެކަން ކުރެވެން ނެތް ކަމަށް ވިދާޅުވެފައިވެއެވެ.

އެހެންވެ އެންމެ އަވަހަށް ވެސް އިންތިހާބު ބޭއްވެނީ މާޗު 30 ގައި ކަމަށާއި އެއީ ރޯދަމަހުގެ 20 ވަނަ ދުވަސް ކަމަށް އިލެކްޝަނުން ކުރިން ބުނެފައިވެއެވެ.

މަޖިލިސް އިންތިހާބުގެ ތާރީހު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން އީސީއަށް ލަފާ ދިނީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށެވެ. އެއީ ރޯދަމަސް ނިމިގެން އިންތިހާބު ބޭއްވި ނަމަވެސް ގާނޫނު އަސާސީން އީސީގެ މައްޗަށް ލާޒިމްކޮށްފައިވާ 30 ދުވަހުގެ ކުރިއަށް (މިހާރު މިހިނގާ މަޖިލީހުގެ ދައުރު ނިމުމުގެ 30 ދުވަހުގެ ކުރިއަށް) އިންތިހާބު ބާއްވައި ހުރިހާ ކަމެއް ނިންމޭނެތީއެވެ. ނަމަވެސް އީސީން ވަނީ ދެ ވަނަ ބުރަކަށް ދާން ޖެހޭ ހާލަތުގައި އެކަން ކުރުމުގެ ފުރުސަތު ނޯންނާނެތީ ދަތިވާނެ ކަމަށް ބުނެފައެވެ.