ބަންގްލަދޭޝްގައި މި ހަފުތާގެ އާދީއްތަ ދުވަހު ބޭއްވުނު އާއްމު އިންތިޚާބު އުމުރުފުޅުން 76 އަހަރުވީ ބޮޑުވަޒީރު ޝައިޚް ހަސީނާ ވަނީ އަނެއްކާވެސް ކާމިޔާބު ކުރައްވައިފައެވެ. މިއީ ވިދިވިދިގެން އެކަމަނާ ކާމިޔާބު ކުރެއްވި ހަތަރުވަނަ ދައުރެވެ. ބަންގްލަދޭޝްގައި ދައުރެއްގެ ދިގުމިނަކީ ފަސް އަހަރެވެ. ޝައިޚް ހަސީނާގެ އަވާމީ ލީގު ޕާޓީ އާއި އެކަމަނާގެ އެކުވެރިން މިފަހަރު ކާމިޔާބު ހޯދި އިންތިޚާބަކީ ވަރުންއެޅިގެންވާ އިދިކޮޅު އެއްވެސް ޕާޓީއަކުން ބައިވެރިނުވެ ބޮއިކޮޓް ކުރި އިންތިޚާބެކެވެ. އެހެންވީމާ މިއީ ވާދަކުރާނެ ބަޔަކުނެތި ހަސީނާ ނެންގެވި އިންތިޚާބެކެވެ. ވޯޓުލާން ނުކުތީވެސް އެކަމަނާގެ ސަޕޯޓަރުން އެކަންޏެވެ. މިއީ ޑިމޮކްރަޓިކް އިންތިޚާބެއްގައި ހުންނަންޖެހޭ އެއްވެސް ސިފައެއްނެތި ޑިމޮކްރަސީގެ ނަމުގައި ކުޅުނު ޑްރާމާއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އިދިކޮޅު ޕާޓީތަކުން މި އިންތިޚާބު ބޮއިކޮޓްކުރީ ދެ ސަބަބަކާ ލައިގެންނެވެ. އެއްސަބަބަކީ ވަކިއަތަކަށްނުޖެހޭ ވަގުތީ ސަރުކާރެއްގެ ބެލުމުގެ ދަށުން އިންތިޚާބު ބާއްވަން ބޮޑުވަޒީރު ޝައިޚް ހަސީނާ އެއްބަސްވެވަޑައިނުގަތުމެވެ. ދެވަނަ ސަބަބަކީ އިދިކޮޅު ލީޑަރުން ބަންދުގައި ތިއްބެވުމާއި އިދިކޮޅު ޕާޓީތަކުގެ އެކްޓިވިސްޓުންގެ ތެރެއިން ދިހަހާހަަށްވުރެ ގިނަ މީހުން މި އިންތިޚާބާ ދިމާކޮށް ހައްޔަރު ކުރުމެވެ. މިކަންކަން މިހެން ހިނގީމާ ބަންގްލްދޭޝްގައި އެބޭއްވުނީ ޑިމޮކްރަޓިކް އިންތިޚާބެއް ކަމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ މާގިނަ ބަޔަކު ގަބޫލެއްވެސް ނުކުރެއެވެ. އިންޑިޔާ ފިޔަވައި ޑިމޮކްރަޓިކް ގައުމުތަކުން ފާޅުކޮށްފައިވަނީ ކަންބޮޑުވުމެވެ. އިންޑިޔާގެ ފިކުރު ތަފާތުވުމުގެ ސިއްރަކީ ކޮންމެ ގޮތަކުންވިޔަސް ބޭނުންވާ ނަތީޖާ ނެރެވުމެވެ. އިންޑިޔާގެ ނިޔަތަކީ ހަސީނާގެ ވެރިކަން ދެމެހެއްޓުމެވެ. އެކަންވެއްޖެއެވެ.
ބަންގްލަދޭޝްގެ ވަށައިގެން ކަހަލަ ގޮތަކަށް އޮތީ އިންޑިޔާއެވެ. އިރުދެކުނުން ބަރުމާއާއެކު ހިއްސާކުރާ 217 ކިލޯމީޓަރުގެ ބޯޑަރެއް ފިޔަވައި ތިން ފަރާތުންވެސް ގުޅިފައިވަނީ އިންޑިޔާއާއެވެ. ބަންގްލަދޭޝްއަކީ އިންޑިޔާއަށް ހަމައެކަނި އަވަށްޓެރިއެއް ނޫނެވެ. އެއީ މުހިންމު ބައިވެރިއެއްވެސްމެއެވެ. އިންޑިޔާގެ އިރުއުތުރުގެ ސްޓޭޓްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންގްލަދޭޝްގެ މުހިންމުކަން ނުހަނު ބޮޑެވެ. އެހެންވީމާ ކޮންމެ ގޮތެއްހަދާފައިވެސް ބަންގްލަދޭޝްގައި އިންޑިޔާއާ ރަހުމަތްތެރި ސަރުކާރެއް އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ހަމަ ފާޅުގައި އިންޑިޔާގެ ސިޔާސަތު ރާވާ މީހުން އަންނަނީ ބުނަމުންނެވެ. އެ ސަރުކާރަކީ ޝައިޚް ހަސީނާގެ ސަރުކާރެވެ. އެކަމަނާ އެންމެ ފުރަތަމަ 1996 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ހިސާބުންވެސް ގެންގުޅުއްވަނީ އިންޑިޔާ ފަސްޓް ޕޮލިސީއެކެވެ.
މިކަން މިހެންއޮތީމާ ޝައިޚް ހަސީނާގެ ވެރިކަން ނޫން އެހެން ވެރިކަމެއް ބަންގްލަދޭޝްގައި އޮންނަން އިންޑިޔާ ބޭނުންނުވާކަމީ ހަމައެންމެނަށްވެސް އެނގެން އޮންނަ ބޮޑު ހަގީގަތެކެވެ. އިންޑިޔާއާއެކު އޮންނަ ގުޅުން ޝައިޚް ހަސީނާ ދިފާއުކުރައްވަނީ މިފަދައިންނެވެ. މީގެ ދޮޅުއަހަރު ކުރިން 2022 ވަނަ އަހަރު އިންޑިޔާއަށް ކުރެއްވި ޒިޔާރަތެއްގައި އެކަމަނާ ވިދާޅުވިއެވެ. އަހަރެމެންގެ ހަނދާނުން އިންޑިޔާ ފޮހެލެވޭނީ ކިހިނަކުން ހެއްޔެވެ. އަހަރެމެންގެ ގައުމު ވުޖޫދުކުރުމުގައި އެހީތެރިވެދިނީ އިންޑިޔާއެވެ. އެހެންވީމާ އަބަދުވެސް އަހަރެމެން ތިބޭނީ އިންޑިޔާއަށް ޝުކުރުވެރިވުމުގައެވެ. ޝައިޚް ހަސީނާ އިޝާރާތް އެކުރައްވަނީ 1971 ވަނަ އަހަރު ޕާކިސްތާނާ ދެކޮޅަށް އިންޑިޔާއިން ކުރި ހަނގުރާމައަށެވެ. ބަންގްލަދޭޝް އުފެދުނީ އެހަނގުރާމައަށް ފަހުގައެވެ.
ޝައިޚް ހަސީނާ އާއި އެކަމަނާގެ އަވާމީ ލީގު ޕާޓީއަށް އިންޑިޔާއިން ކުރާ ތާއީދަކީ ބަންގްލަދޭޝްގެ އިދިކޮޅު ޕާޓީތަކުން ނުރުހުންވެ ފާޑުކިޔަމުންދާ ކަމެކެވެ. ޚާއްސަކޮށް ބޭގަމް ޚާލިދާ ޒިޔާގެ ބަންގްލަދޭޝް ނެޝަނަލް ޕާޓީ، ބީއެންޕީ އެވެ. އެ ޕާޓީން ބުނާގޮތުގައި އިންޑިޔާއަށް މުހިންމުވާން ވާނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ރަހުމަތްތެރިކަން އޮންނަންވާނީ ބަންގްލަދޭޝްގެ ރައްޔިތުންނާއެވެ. ވަކި ލީޑަރަކާއި އެމީހަކު ނިސްބަތްވާ ޕާޓީއެއް ނޫނެވެ. އެކަމަކު ކަންއޮތީ މިހެން ނޫންކަމަށާއި ބަންގްލަދޭޝްގެ ރައްޔިތުންނަށްވުރެ އިންޑިޔާއަށް މުހިންމުވެގެން އުޅެނީ ޝައިޚް ހަސީނާ ވެރިކަމުގައި ބެހެއްޓުން ކަމަށް ބުނެފައިވެއެވެ. ޑިމޮކްރަސީ މުހިންމު ނުވާ ކަމަށްވެސް ބުނެފައިވެއެވެ. ބީއެންޕީން އިންޑިޔާއަށް މި މޭރުމުން ފާޑުކިޔާފައިވަނީ އިދިކޮޅު ޕާޓީތަކުން ބަންގްލަދޭޝްގެ އިންތިޚާބު ބޮއިކޮޓް ކުރުމުންވެސް އިންތިޚާބު ބާއްވަން އިންޑިޔާއިން ތާއީދުކޮށް ހަމަފާޅުގައި ޝައިޚް ހަސީނާއަށް މި އިންތިޚާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރަމުންނެވެ.
މީގެ ރައްދުގައި އިންޑިޔާގެ ޚާރިޖިއްޔާއިން މިއީ ދޮގެކޭވެސް ނުބުނެއެވެ. ބުނިހާވެސް އެއްޗަކީ އިންތިޚާބަކީ ބަންގްލަދޭޝްގެ އެތެރޭގެ ކަމެއް ކަމަށާއި ގޮތް ނިންމަނީ ބަންގްލަދޭޝްގެ ރައްޔިތުން ކަމުގައެވެ. ތެދެކެވެ. ރައްޔިތުން ގޮތް ނިންމީމާ އެއަށް އިހުތިރާމްކޮށް ބަލައިގަންނަން ވާނެއެވެ. އިންތިޚާބަކީ ގައުމުތަކުގެ ދާޚިލީ ކަމެކެވެ. އެކަމަކު އެތަންތާގެ ރައްޔިތުން ގޮތް ނިންމީމާ އިހުތިރާމާއެކު އެ ނިންމުން އިންޑިޔާއިން ބަލައިގަނޭ ބާވައެވެ. މިއީ އަނެއްކާވެސް ވަރަށް އެހެން ޒާތެއްގެ ވާހަކައެކެވެ. ބޭނުންވާ ނަތީޖާނޫން އެހެން ނަތީޖާއެއް ނުކުތީމާ ބައެއް ގައުމުތަކާ ދޭތެރޭ އިންޑިޔާއިން އަމަލުކޮށްފައިވާ ގޮތުގެ އަދި ކުރަމުންދާގޮތުގެ ރިކޯޑް ފެންނާން އެބައޮތެވެ. ދުރާއި ގާތުންނެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް