ނައިބު ރައީސްގެ ހައިސިއްޔަތުން، ކުރީގެ ނައިބު ރައީސް، އަބްދުﷲ ޖިހާދު ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖައްސައިދިން ފްލެޓް، ރިޔާސީ ދައުރު ހަމަވުމުންވެސް ހަވާލު ނުކުރައްވައި، ބޭނުންކުރައްވާފައި މައްސަލަައިގައި ދައުލަތުން ކުރި ދައުވާ އަނބުރާ ގެންގޮސްފިއެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ޖިހާދުގެ އަތުން 1.1 މިލިޔަން ރުފިޔާ ހޯދުމަށެވެ.

މި މައްސަލައިގެ ދައުވާގައި ބުނެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ރިޔާސީ ދައުރުގެ މުއްދަތު 2018 ނޮވެމްބަރު 17 ވަނަ ދުވަހަށް ހަމަވި ނަމަވެސް، ނާއިބު ރައީސްގެ ހައިސިއްޔަތުން ޖިހާދު ދިރިއުޅުއްވަން ދައުލަތުން ދިން، ރެހެންދި ތިން ނަމްބަރުގައި ހިމެނޭ ދެ ފްލެޓްގެ ތަޅުދަނޑި ދައުލަތާ ހަވާލު ކުރީ 2020 އަހަރުގެ ފެބްރުއަރީ 17 ގައިކަމަށެވެ.

އެހެންކަމުން ވެރިކަމުގެ ދައުރު ހަމަވުމުން އެ ދެ ފްލެޓްގެ ތަޅުދަނޑި ހަވާލު ކުރުމާ ހަމައަށް ޖިހާދު އެ ތަނުގައި ދިރިއުޅުއްވާފައި ވަނީ އެތަނުގައި ހުންނެވުމުގެ ގާނޫނީ ހައިސިއްޔަތު ނެތީސް ގާނޫނާ ހިލާފަށް ކަމަށްވެސް ބުނެފައިވެއެވެ. އެ މުއްދަތުގައި އެއްވެސް އަގެއް، އަދި ކުއްޔެއް ދެއްކުމެއްނެތި ޖިހާދު އެތަން ބޭނުން ކުރައްވާފައިވާތީ، ޖިހާދަށް ނުހައްގު މަންފާއެއް ލިބިފައިވާ ކަމަށާއި، ގާނޫނީ ހައިސިއްޔަތެއްނެތި ދައުލަތުގެ މުދަލެއް ބޭނުންކޮށްފައިވާ މައްދަތަށް ޖިހާދުގެ ކިބައިން ކުލި ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މި މައްސަލައިގައި އަދުލު އިންސާފު ގާއިމު ކުރުމަށްޓަކައި، ޖިހާދަށް ލިބުނު ނުހައްގު މަންފާ އަނބުރާ ދައުލަތަށް ދޭންޖެހޭނެ ކަމަށް ކަނޑައަޅައި، އެތަނުގެ މާކެޓް ރެންޓަށްވާ ފައިސާ އާއި އެތަނަށް ނުދައްކާ ހުރި މެއިންޓެނަންސްފީ އަދި ކަރަންޓާއި ފެންބިލަށްވާ ޖުމުލަ އަދަދު 1.1 މިިލިޔަން ރުފިޔާ އަކީ ޖިހާދު ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، އެ ފައިސާ އެކީ އެއްފަހަރާ ދެއްކުމަށް އަމުރުކޮށްދިނުމަށް މި ދައުވާގައި ދައުލަތުން ވަނީ އެދިފައެވެ.

ނަމަވެސް މި މައްސަލައިގައި ދައުވާކުރަން ޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަ ކަމަށް ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މި ދައުވާ އަނބުރާ ގެނައުމަށް ބަނޑާރަ ނާއިބަށް ދަންނަވައިފައެވެ. އެހެންކަމުން މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްދިނުމަށް ބަންޑާރަ ނާއިބުގެ އޮފީހުން އެދިފައިވާތީ މައްސަލައިގެ ދައުވާފޯމު ބާތިލްކޮށް މި ގަސިއްޔާ ސިވިލްވޯޓުން އިއްޔެ ވަނީ ނިންމައިފައެވެ.