ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ކުރިން ބުނެފައިވާ ގޮތުން، މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރައްވާ އެ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ދަތުރުފުޅުގެ ތަފުސީލެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެއެވެ.
އެނގިފައިވާ ގޮތުގައި ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި އެ މަނިކުފާނާ އެކު ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާއި ޕްލޭނިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންގެ އިތުރުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އަދި ރައީސް އޮފީހުގެ ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވައެވެ.
މިއީ މިދިޔަ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް މުއިއްޒު ރާއްޖޭން ބޭރަށް ކުރައްވާ ތިންވަނަ ދަތުރުފުޅެވެ.
ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށެވެ. ރައީސް ތުރުކީއަށް ވަޑައިގެންނެވީ، އެ މަނިކުފާނުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ތުރުކީގެ ވަފުދު ރައީސްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ދެއްވި ދައުވަތަކަށެވެ. އެ ދަތުރުފުޅަށްފަހު ރައީސް ވަނީ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޔޫއޭއީއަށް ވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު