ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާއާއި މަލްޝާ ޝަރީފު އަދި އަބްދުﷲ މަހުޒޫމް މާޖިދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާގެ ރައްޔިތުންނަށް ފާޑު ވިދާޅުވެފައިވާތީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަން ކުށްވެރިކުރައްވައިފިއެވެ.

އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަދީބް ޕްރޮމޯޓް ކުރުމުގެ ނަމުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމާ ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނެއް ހިންގަމުންދާ މި ދަނޑިވަޅުގައި ޔޫތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރަކު މޯދީއަށް ބަދުބަސް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގެ މައްސަލަ ހޫނުވެފަައިވާ އިރު، ގިނަ ބަޔަކު ބުނަމުން ދަނީ އެއީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭ ބޭފުޅުންގެ ފަރާތުން ފެނުން އެކަށީގެންވާ އަމަލެއް ނޫން ކަމަށެވެ.

ރައީސް ސޯލިހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ބައެއް އޮފިޝަލުން، އިންޑިއާއާ މެދު ނަފުރަތު އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުތައް ކުށްވެރިކުރާ ކަމަށެވެ.

"އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ރަހުމަތްތެރިއެއް. އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ނުރަނގަޅު އަސަރުކުރާ ކަންކަމަށް ހިތްވަރުދީގެން ނުވާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ޝާހިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާއަށް ނިސްބަތްކޮށް ބަދުބަސް ވިދާޅުވި ދެ ޑެޕިއުޓީ މިނިސްޓަރުންގެ ވާހަކަތައް ކުށްވެރިކުރައްވާ ކަމަށެވެ. އެ މަގާމުތަކުގައި މިހާރު ތިއްބެވި މީހުންނަކީ އެކްޓިވިސްޓުން ނޫން ކަމަށާއި މަގާމުތަކުގައި ތިބި ބޭފުޅުންގެ އަދަބު އަހުލާގު ހަމަތައް ހިފެހެއްޓުމަށް ގޮވާލާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މައްސަލަ ހޫނު ވެފައިވަނިކޮށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުގެ އެ އޮފިޝަލުންގެ ހިޔާލަކީ ސަރުކާރުގެ ބަސް ނޫން ކަމަށާއި ކޮންމެ މީހަކަށްވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެކަން ގަބޫލުކުރާ ނަމަވެސް، އެ މިނިވަންކަން އޮންނަން ވާނީ ވަކި ހަމަތަކެއްގެ މަތިން ކަމަށެވެ. އަދި އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ވެސް ބުންޏެވެ.

އެފަހުން ރައީސް އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސަރުކާރުގެ މަގާމުތަކުގައި ތިބެ، މީސްމީޑިއާގައި އެފަދަ ޕޯސްޓުތައް ކުރެއްވި ބޭފުޅުން މިހާރު ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.