އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި ސަރުކާރުގެ އޮފިޝަލުންގެ ބަހަކީ ސަރުކާރުގެ ބަސް ނޫން ކަމަށާއި އެކަމާ ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ސަރުކާރުން ބުނެެފިއެވެ.
އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަދީބް ޕްރޮމޯޓް ކުރުމުގެ ނަމުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމާ ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނެއް ހިންގަމުންދާ މި ދަނޑިވަޅުގައި ޔޫތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރަކު މޯދީއަށް ބަދުބަސް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގެ މައްސަލަ ވަނީ ހޫނުވެފައެވެ.
އެކަމާ ގުޅިގެން، އެއީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އަމަލުތައް ހުންނަން އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށްބުނެ، ގިނަ ބަޔަކު ފާޑުކިޔުންތައް އަމާޒުކޮށްފައިވާ އިރު، ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިންވެސް ވަނީ އެކަން ކުށްވެރިކޮށް، ފިޔަވަޅު އަޅަން ގޮވާލައިފައެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އޮފިޝަލުންގެ ބަހުން ދޭހަކޮށްދެނީ ސަރުކާރުގެ ވިސްނުން ނޫން ކަމަށެވެ. އަދި އެއީ އެބޭފުޅުންގެ އަމިއްލަ ވިސްނުން ކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށް ގަބޫލުކުރާ ހިނދު، އެ މިނިވަންކަން އޮންނަން ވާނީ ވަކި ހަމަތަކެއްގެ މަތިން ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ އެފަދަ ބަސްތައް ބޭނުންކުރެއްވި އޮފިޝަލުންނަށް ފިޔަވަޅު އަޅަން ކަމާބެހޭ އިދާރާތަކުން ފަސްނުޖެހޭނެ ކަމަށެވެ.
އިންޑިއާގެ ބައެއް އާންމުން ބުނާ ގޮތުގައި، ރާއްޖޭން އިންޑިއާއާ ދެކޮޅު ކެމްޕެއިނެއް ފަށާފައިވާ ވަގުތެއްގައި ލަކްޝަދީބަކީ އިންޑިއާގެ ރައްޔިތުންނަށް ރަނގަޅު މަންޒިލެކެވެ. އަދި ރާއްޖެއަށް އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު މަދުވެއްޖެ ނަމަ، އެކަމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު