އާރްބީ ލެއިޕްޒިގަށް ކުޅެމުންދާ ޖަރުމަނު ފޯވަޑް، ޓިމޯ ވާނާ ޓޮޓެންހަމްއަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

އުމުރުން 27 އަހަރުގެ ފޯވަޑް ވާނާ، ޓޮޓެންހަމްއަށް ބަދަލުވާން އެއްބަސްވެފައިވަނީ ލޯނެއްގައެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ވާނާ މިއަދުގެ ވަގުތެއްގައި ލަންޑަނަށް ގޮސް، ޓޮޓެންހަމްގެ މެޑިކަލް ފުރިހަމަ ކުރާނެއެވެ. އޭނާ އެނބުރި ޕްރިމިއާ ލީގަށް ބަދަލުވެފައިވަނީ މި ސީޒަނުގެ ނިޔަލަށެވެ.

މީގެ ކުރިން ވާނާ ޕްރިމިއާ ލީގަށް ކުޅެފައިވަނީ ލަންޑަންގެ ޗެލްސީއަށެވެ. އޭނާ 2020 ވަނަ އަހަރު ލެއިޕްޒިގުން ޗެލްސީއަށް ބަދަލުވެފައިވަނީ 45 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގައެވެ. ޗެލްސީއަށް ކުޅުނު 89 މެޗުން، 23 ގޯލު ވާނާ ޖަހާފައިވާ އިރު، އޭނާ އެނބުރި ލެއިޕްޒިގަށް ދިޔައީ 2022 ވަނަ އަހަރުއެވެ. މިހާތަނަށް މި ސީޒަނުގައި ވާނާ ވަނީ ލެއިޕްޒިގަށް 14 ގޯލު ޖަހައިފައެވެ.

ވާނާ ވަނީ ޗެލްސީއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ.

ޓޮޓެންހަމްއިން ފޯވަޑެއް ހޯދަން މަސައްކަތް ކުރަމުންދާ އިރު، އެޓީމުން ފޯވަޑެއް ހޯދަމުން ދަނީ އެޓީމުގެ ދެކުނު ކޮރެއާ ފޯވަޑް، ސޮން ހިއުން-މިން އޭޝިއަން ކަޕަށް ދިއުމާ ގުޅިގެންނެވެ.